ވެރިރަށް މާލޭގެ އަމީނީ މަގު ޕްރޮޖެކްޓް ނިންމަން އަނެއްކާވެސް ތާރީޚެއް ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ އެ ޕްރޮޖެކްޓް މިއަހަރުގެ ސެޕްޓެމްބަރ 27 ގައި ނިމޭނެ ކަމަށެވެ.
އެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމޭނެކަމަށް ކުރިން ވިސްނާފައި އޮތްނަމަވެސް ލަސްވުމެއް އައީ އެމްޑަބްލިއުއެސްސީގެ ސަޕްލައިން ޗެއިނަށް އައި ދަތިކަމެއްގެ ސަބަބުން ލަސްތަކެއްގެ ސަބަބުން ކަމަށް ވެސް ވިދާޅުވިއެވެ.
އަމީނީ މަގުގައި ހުންނަ ގަސްތަކަކީ ގިނަ ދުވަސްވެފައިވާ ބިޔަ ގަސްތައް ކަމަށާއި އެފަދަ ގަސްތަކުގެ ސަބަބުން މަގުތަކަށް ގެއްލުންވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަގު ހަދާއިރު އިތުރު ކޭބަލްތަކާއި ހޮޅިތައް އަޅަންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.
"އެމަގުގައި ހުރި ބައެއް ގަސްތަކަކީ މޫތައް އަޑިއަށް ފެތުރުމުގެ ބަދަލުގައި ތަންކޮޅެއް ތިލަ ފުންމިނެއްގައި ހުރަހަށް ދެމޭ މޫތައް ހުންނަ ގަސްތައް. މަގުތަކުގައި ހުންނަ ކާނުތަކާއި ޕޭވްމަންޓް އަދި އެނޫންވެސް ތަންތަނަށް ގެއްލުންވަމުންދޭ." އަސްލަމް ވިދާޅުވިއެވެ.
އަމީނީ މަގުން ކަނޑާ ގަސްތައް ހުޅުމާލެއާއި ކުޑަގިރީގައި އިންދަމުންދާކަމަށާއި ޕްރޮވިޝަންތައް ވަޅުލުމުގައި ދަތިވާ ގަސްތައް ނެގުމަށްފަހު އެތަނުގައި އަލުން އިންދޭ ކަމުގައިވާނަމަ އެކަންވެސް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މާލޭގެ މެރިން ޑްރައިވްގެ އުތުރު ފަރާތް އިތުރަށް ފުޅާކޮށް އެ ސަރަހައްދު ހެދުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ އެއްބަސްވުމެއްގައި ސޮއި ކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!