އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޑެޓް 20،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

އިންފްލައިޓް ކޭޓަރިން ޖޫރިމަނާ ކުރީ މ. މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗު ނަރިޝްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ގަވާއިދާއި ހިލާފަށް ކުރިޔަށް ގެންދިއުމާއި ގުޅިގެންނެވެ.

Ad
rt

މިކަމާއި ގުޅިގެން އީޕީއޭ އިން ނެރުނު ބަޔާނެއްގައި ވަނީ މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން އީޕީއޭއިން ހަދާފައިވާ ގަވާއިދު، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދުގެ ދަށުން ކުށްކުރި ފުރަތަމަ ފަހަރަށް ކަނޑައެޅިފައިވާ 20،000 ރުފިޔާއިން އެކުންފުނި ޖޫރިމަނާކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާ ފައިސާ އެ އެޖެންސީއަށް ދައްކައި ހަލާސްކުރުމަށް 5 ޖެނުއަރީ 2023 ގައި އެކުންފުންޏަށް އަންގާފައިވާ ކަމަށް ވެސް ބުނެއެވެ.