ފަނޑިޔާރުންނާއި ވަކީލުންގެ އިތުރުން ގާނޫނީ ދާއިރާގައި ހިމެނޭ އިދާރާތައް ބައިވެރިކޮށްގެން، އެޓަރނީ ޖެނެރަލްގެ އޮފީހުން ބާއްވާ "ބަންޑާރަ ކަޕް 2023"ގައި 29 ޓީމު ބައިވެރިވެއްޖެ އެވެ.

ބަންޑާރަ ކުލަބުން މަޢުލޫމާތު ދެއްވި ގޮތުގައި "ބަންޑާރަ ކަޕް 2023" ފުޓްސަލް މުބާރާތުގެ އަންހެން ބައިގައި 13 ޓީމު ބައިވެރިވެފައިވާއިރު ފިރިހެން ބައިގައި 16 ޓީމު ބައިވެރިވެފައިވެއެވެ.

Ad
rt

އެކުލަބުން ވަނީ މިމަހުގެ 5 ވަނަ ދުވަހުގެ ކުރިން ޓީމް ލިސްޓްތައް ހުށައެޅުމަށް އެދިފަ އެވެ.

މި މުބާރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބަންޑާރަ ކްލަބްގެ ފަރާތުން ރާވައި އިންތިޒާމްކޮށްގެން ހިންގަމުން އަންނަ މުބާރާތެކެވެ.

މިދިޔަ އަހަރު ބޭއްވި ބަންޑާރަ ކަޕް 2022 ގައި، ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ޤާނޫނީ ވަކީލުންނާއި އެހެން ފަންނީ މުވައްޒަފުން ހިމެނޭހެން، 16 ފިރިހެން ޓީމާއި، 8 އަންހެން ޓީމު ވާދަކޮށްފައިވެއެވެ.

ބަންޑާރަ ކްލަބަކީ، 24 މެއި 2011 ގައި، އޭރު އެޓަރނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރެއްވި ބޭފުޅުން މުޢައްސިސުންގެ ގޮތުގައި ހިމެނިގެން، ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވައިލާފައިވާ ޖަމްޢިއްޔާއެކެވެ.