ޑޮލަރު އެކައުންޓުން ނަގުދު ފައިސާ ނެގުމަށް ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އިން ކަނޑައަޅާފައިވާ ލިމިޓް އުވާލައިފިއެވެ.

ބީއެމްއެލުން ބުނީ އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ކަނޑައަޅާފައިވާ 2،000 ޑޮލަރުގެ ލިމިޓް 1 ފެބްރުއަރީން ފެށިގެން އުވާލާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން ހ. މެރިން ޑްރީމް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ރެނާޓަސް އިތާ މުއިގައި ގާއިމްކޮށްފައިވާ ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޮލަރު އެކައުންޓުން 1،600 ޑޮލަރު މިހާރު ނެގޭނެއެވެ.

މީގެ އިތުރުން، ޔޫއެސް ޑޮލަރު އެކައުންޓް ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ހަމަޖައްސާފައިވާ ޑެބިޓް ކާޑުތަކުން ކޮންމެ ދުވަހަކު 3،000 ޑޮލަރާ ހަމަޔަށް ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭގޮތަށްވެސް ވަނީ ބަދަލުކޮށްފައެވެ.

ޔޫއެސް ޑޮލަރު އެކައުންޓުން އިންޓަނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފަރގެ ޚިދުމަތްވެސް ލިބޭނެކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.