ކ. މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

Ad
rt

މާފުއްޓަކީ 2،153 ރަށްވެހީންގެ އާބާދީ އޮންނަ ރަށަކަށް ވީނަމަވެސް، އެ ރަށުގައި 5،000އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭކަމަށް އެ ރަށުން ލަފާކުރެއެވެ. އެ ރަށަކީ މުޅި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރަމުން އަންނަ ރަށަށްވާއިރު، އެ ރަށުގައި މަހަށް ދާ އޮޑިދޯނިފަހަރާއި މޫސުމީ މަސްވެރިކަން ކުރާ ކުދި ލޯންޗާއި މުދާ އުފުލާ ދޯންޏާއި ޑައިވިން ދޯނި އަދި ލޯންޗުފަހަރު ދަނީ އިތުރުވަމުންނެވެ.

އެ ރަށް ތަރައްގީވަމުން އަންނަ ހަލުއިމިނަށް ބަލާއިރު، މިހާރު އެ ރަށުގައި އޮތް ބަނދަރަކީ މިހާރު ރަށުގައި ފުޅާވަމުން އަންނަ އިގްތިސާދުގެ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ ވަރަށްވުރެ ކުޑަ ބަނދަރެއްކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އެ ރަށު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީވެސް ރަށުގެ ބަނދަރު ބޭނުންކުރުމުގައި އޮތް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މާފުށީގެ އިގްތިސާދު ކުރިއެރުވުމަށްވެސް އެ ރަށަށް މިވަގުތު ބޭނުންވެފައިވާ އެންމެ މުހިންމު އެއް ވަސީލަތަކީ ޖާގަ ތަނަވަސް، ފެންވަރު ރަނގަޅު، ޒަމާނީ ބަނދަރެއް އޮތުންކަމުގައި ރަށުގެ ރައްޔިތުން މިއަދު ދެކޭކަން ފާހަގަކޮށް އެމްޓީސީސީން ބުނީ، ހޯމަ ދުވަހު ސޮއިކުރި މަޝްރޫއާއެކު، މާފުއްޓަށް ދެގުނަ ބޮޑު ޒަމާނީ ރީތި ބަނދަރެއް ލިބިގެންދާނެ ކަމަށެވެ. މިއާއެކު ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން، 28،836 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ (ކުރިން ފުންކޮށްފައިވާ) ފަޅު އަލުން ފުންކުރުމާއި، 67،711 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 4،414 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 31 މީޓަރުގެ ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރިވެޓްމެންޓެއް ޖެހުމާއި، 700 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓެއް ޖެހުމާއި، 374 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން ކޮންކްރީޓް ބްރިޖެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 1،869 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 48.76 މިލިއަން ރުފިޔާއަށް، 600 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.