ހަތަރު ވަނަ ސިވިލް ސަރވިސް ކޮންފަރެންސް އަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ދިވެހި ސިވިލް ސަރވިސް ޒަމާނީކޮށް ކުރިއެރުވުމަށް ބޭނުންވާ އިލްމީ އަދި ފަންނުވެރި ހިޔާލާއި މައުލޫމާތު ހޯދުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. އަދި ސިވިލް ސަރވިސްގެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް، ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ހައްލު ހޯދައި ކުރިމަގަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކޮންމެ ދެއަހަރަކުން އެއްއަހަރު ބާއްވާ ކޮންފަރެންސެކެވެ.

Ad
rt

"ސްމާޓް ގަވަރނަންސް ފޯ ސިވިލް ސަރވިސް އެކްސެލެންސް" ޝިއާރުގެ މައްޗަށް މިއަހަރުގެ ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވަނީ އޮކްޓޫބަރު މަހުގެ 25 އިން 26 ގެ ނިޔަލަށެވެ.

މި ޝިއާރުގެ ދަށުން ގުޅުންހުރި ހަތަރު ދާއިރާއަކުން ކަރުދާސް ހުށަހެޅުމަށް ސަބްތީމްތަކެއް ވަނީ ކަނޑައެޅިފައެވެ.

އެގޮތުން ޑިޖިޓަލް ޓްރާންސްފޮމޭޝަން (ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި އޮފީހުގެ އެކިކަހަލަ މަސައްކަތްތަކާއި ޕްރޮސީޖަރތައް ބަދަލުކޮށް، ހަރުދަނާކުރުން)، ކޮވިޑް 19؛ ލެސަންސް ފޯ ޕޮލިސީ މޭކިންގ އިން ކްރައިސިސް (ކޮވިޑް 19 ގެ ހާލަތުން ނަގައިގަނެވޭ ފިލާވަޅުތައް) ހިމެނެއެވެ.

މީގެ އިތުރުން ރެސްޕޮންސިވް އެންޑް އެކައުންޓަބަލް ސިވިލް ސަރވިސް (ރައްޔިތުންނަށް ފުރިހަމަ ޙިދުމަތެއް ފޯރުކޮށްދެވޭ ޒިންމާދާރު އަދި ޖަވާބުދާރީވެވޭ ސިވިލް ސަރވިސްއެއް ޤާއިމުކުރުން) އަދި އެމްބެޑިންގ އަ ކަލްޗަރ އޮފް އެތިކްސް އެންޑް ވެލިއުޒް (ހަރުދަނާ އުސޫލްތަކާއި އަޚްލާގީ މިންގަނޑުތަކަށް ބިނާކޮށް މަސައްކަތުގެ ސަޤާފަތް ބައްޓަންކުރުން) ވެސް ހިމެނެއެވެ.

މި ކޮންފަރެންސަށް ކަރުދާސް ހުށަހެޅުމަށް މި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ކޮންފަރެންސްގެ ތީމް އަދި ސަބްތީކްތަކާއި ގުޅުންހުރި ދިރާސާ ކަރުދާސް އަދި ކޮންސެޕްޓް ޕޭޕަރ ހުޅަހެޅުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ.

ވަކިވަކި ފަރުދުންނަށް އަދި ގްރޫޕްކޮށް (އެންމެ ގިނަވެގެން 4 މެންބަރުންގެ ގްރޫޕްތަކަށް) ވެސް ކަރުދާސް ހުށަހެޅިދާނެއެވެ.

ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަން ބޭނުންވާ ކަރުދާހުގެ އެބްސްޓްރެކްޓް ހުށަހެޅުމަށް ދެވިފައިވާ އެންމެ ފަހުގެ ތާރީހަކީ މާރިޗު 08 ވާ ބުދަ ދުވަހެވެ. ކަރުދާސް ހުށަހެޅުމާއި ގުޅުންހުރި މައުލޫމާތު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ވެބްސައިޓް (https://csti.gov.mv/v2/downloads/category/15) އިން ލިބިވަޑައިގަންނަވާނެ އެވެ.

މި ކޮންފަރެންސްގައި ސިވިލް ސަރވިސްގެ އެންމެ އިސް ފަންތީގައި މަސައްކަތްކުރާ ފަރާތްތައް ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން ޕަރމަނަންޓް ސެކްރެޓަރީންނާއި ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ހިމެނޭ ގޮތަށް 100 އަށްވުރެ ގިނަ ފަރާތްތަކުން މި ކޮންފަރެންސްގައި ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، ސިވިލް ސަރވިސްއާއި ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ވެރިންގެ ގޮތުގައި ތިއްބަވާ ބައެއް ބޭފުޅުންވެސް ބައިވެރިވުމަށް ވަނީ ނިންމާފައެވެ.