ކުޑަ ބިއްލޫރި ފުޅިއެއްގައި އެވާ ކޮކާފަނި މަޑުމަޑުން އެ ބަދަލުވަނީ އެހެން ސިފައަކަށެވެ. އަވަދިނެތި ކެއުމުގައި އުޅުނު ދުވަސްތަކުން، ވަގުތީ ނިދިމަޑުކަމަކަށެވެ. ސިފަބަދަލު ކުރުމަކީ ހަމައެކަނި ޖިންނީންނަށް ލިބިފައިވާ ހުނަރެއް ނޫންކަން އެ ކުޑަކުޑަ ފަނި ބުނެދޭ ކަހަލައެވެ. މި އަޖައިބު ކުރުވަނި މަންޒަރު ބަލަން އިން ތޭރަ އަހަރުގެ ނައުރަން ސިއްސައިގެން ދިޔައީ، އޭނާގެ ކޮއްކޮ އައިސް ގޮވާލި އަޑަށެވެ.

"ހިނގާބަލަ އަވަހަށްދާން، ބޮޑުބެމެން ވެސް އަތުވެއްޖޭ."

Ad
rt

ދަތުރު ދާން ކެތްމަދުވެފައި ހުރި، ދިހަ އަހަރުގެ އަސްލަމް ބުނެލިއެވެ.

އިށީނދެ އިންތަނުން ފޫހިގޮތަކަށް ނައުރަން ތެދުވިއެވެ. ދަތުރު ދިއައެއް ކަމަކު އޭނައަށް މޫދަށްއެރުން އޮންނަނީ މަނާކޮށްފައެވެ. ވީއިރު ދަތުރު ދިއުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަމާ ބުނީތީ ފަރަށްދާ ބީދައިން، ކޮއްކޮއާ އެކު ދާން ޖެހުނީއެވެ.

ނައުރަން ވަރަށް ކުޑައިރު ބައްޕަވަނީ ނިޔާވެފައެވެ. އެކުދިންގެ މަންމަ، ހުސްނާ، ތިންކުދިން ބެލީ ފިރިމީހާގެ ބޭބެގެ އާއިލާގެ އެހީއާއެކުގައެވެ. އެ ދެމަފިރިންނަށް އޭރު ދަރިއަކު ލިބިފައި ނެތުމުން އެކުދިން ދެކުނީ އަމިއްލަ ދަރިންގެ ގޮތުގައެވެ. ނައުރަންގެ ސޯޅަ އަހަރުގެ ދައްތަ، އިސްރާ، ވީ ތައުލީމު ހާސިލްކުރަން އެ އަތޮޅުގެ މައި ރަށަށް ގޮހެއެވެ.

"ނައުރަން... ހަނދާން އެބަހުރިތަ މަންމަ އަބަދުވެސް ބުނާ ވާހަކަ؟"

މޫދަށް ނޭރުމަށް ހަދާންކޮށްލަދިނުމުގެ ގޮތުން ހުސްނާ ބުނެލިއެވެ.

ކަރުގައި އޮތް ތަވީދުގައި އަތްލަމުން ނައުރަން ބޯޖަހާލިއެވެ.

ނައުރަން ހަނދާން ހުންނަން ފެށީންސުރެން ވެސް އެ ތަވީދު އޭނަގެ ކަރުގައި އޮވެއެވެ. އެއީ ކީއްވެ އަޅުވާފައި އޮތް އެއްޗެއްތޯ ކިތަންމެ ފަހަރަކު މަންމަ ގާތުވަނީ އަހާފައެވެ. ކޮންމެ ފަހަރަކު ވެސް ލިބެނީ އެއް ޖަވާބެކެވެ. ނުރައްކާތެރި ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިކަމަކަށް އަޅުވާފައި އޮތް އެއްޗެކެވެ.

މޫދައް ނޭރެންވީ ކީއްވެގެންތޯ އެއް އިރެއްގައި އެހިއެވެ. އޭގެ ޖަވާބު ވަރަށް ހިތްދައްޗެވެ. ނައުރަން މަރުވާނީ މޫދުގައިކަމަށް، ފަންޑިތަވެރިޔަކު ބުނެފައިވާތީއެވެ. މިކަންކަމަކީ ނައުރަން ގަބޫލުކުރާ ކަންކަން ނޫން ނަމަވެސް، މަންމަގެ ބަހަށް އޭނާ ބޯލަނބައެވެ. ދަތުރު ދިއަޔަސް މޫދަކަށް ނޭރެއެވެ. ތަވީދު ނުބާލާ ވޭތޯބަލައެވެ.

ތަވީދު އޮޅިގެން ބޭލުނު ކޮންމެ ފަހަރަކު ވެސް ގޮސް ހުރެވެނީ މޫދު ކައިރީގައެވެ. އެހިސާބަށް ދެވޭގޮތެއް ނޭންގެއެވެ. ހޭވެރިކަން ވާއިރު ހުރެވެނީ މޫދަށް އެރެވިއެވެ.

ދަތުރުގެ ބައިވެރިންނަކީ, ނައުރަންއާއި, އަސްލަމްއާއި, އެ ކުދިންގެ ބޮޑުބޭބެ އާއި, ބޮޑުބޭބެގެ އަންހެނުންނާއި, އެ ދެމަފިރިންގެ ތިން އަހަރުގެ އަންހެން ދަރިއެވެ. ދަތުރުގެ މަންޒިލަކީ އެރަށުގެ ކައިރީގައިވާ ފަޅު ރަށެވެ. ނައުރަންގެ ބޮޑުބޭގެ ޑިންގީއަކީ ދުވެލި ހަލުވި ޑިންގީއެކެވެ. މިހެންވެ ފަނަރަ މިނެޓު ތެރޭގައި އެމީހުންނަށް އެ ރަށަށް ދެވޭނެއެވެ.

ދަތުރު މަތީގައި ނައުރަން ގިނަ ވަގުތު އިނީ ކަނޑުގެ ލޮނުގަނޑާ ކުޅޭށެވެ. ހުސްނާ އެ ވަގުތު ޑިންގީގައި އިންނަމަ, އޭނާއާއި ދިމާލަށް މިހާރު ފަތިވަރު ދަމާލާފީހެވެ. ކަނޑުދަތުރެއް ކުރާނަމަ އަބަދުވެސް ނައުރަން އިންނަން ޖެހެނީ, އެ އުޅަނދެއްގެ އެންމެ އެތެރޭގައެވެ. ކަނޑާއި ވީހާވެސް ދުރަކުއެވެ. ނަމަވެސް ނައުރަންގެ ބޮޑުބޭބެ އެކަމާ ދެކޮޅެއް ނުހަދައެވެ.

ރާޅާ ޑިންގީ ޖަހާލާ ވަގުތު ވިއްސިގެން އަންނަ ލޮނު ތިކިތައް މޫނުގާ ޖެހުމުން އޭނާއަށް ކުރަމުން ދިއައީ ބުނަން ނޭނގޭ ފަދަ އިހްސާސް ތަކެކެވެ. އެ މާސިންގާ ކަނޑައް ފުންމާލާ ފީނާލަން އޭނާގެ ހިތް އެދެމުންދަނީ އިންތިހާއަށެވެ. ނަމަވެސް ފަންޑިތަވެރިންގެ ފާލު ހަގީގަތަކަށް ވެއްޖެނަމަ, މަންމަ ދެރަވާނެ ވަރު ވިސްނާލާ ތެޅެމުންދިއަ ހިތުގެ ގާތު އެ ހިޔާލާ ދުރުވުމަށް ބުނެލަންޖެހެނީއެވެ.

ލަފާކުރި ވަގުތައް, ޑިންގީއަށް ރަށާއި ގާތްކުރެވުނެވެ. ދިޔަވަރު ހިކިފައި ވުމުން, ދޮންވެލިގަނޑަށް ބީއްސާއެއް ނުލެވުނެވެ. ރަށަށް ފައިބަން ޖެހުނީ މޫދަަށް އެރިގެންނެވެ. އަސްލަމްއަށް އެކަންވީ މޮޅުކަމަކަށެވެ. ”އަޅުގަނޑު ފުންމާލާނީ ފުރަތަމަ“ އޭ ކިޔަމުން އޭނާ މޫދަށް ފުންމާލިއެވެ.

މޫދުގެ އެ ހިސާބުގައި އަސްލަމުގެ އިސްކޮޅު ކައެވެ. ނަމަވެސް ނައުރަން އިނީ ޑިންގީއިން ފައިބަން ޖެހިލުން ވެފައެވެ. ނޫނީ ދުވަހަކު ވެސް ހަމަހޭގައި ހުރެ މޫދުގެ ލޮނުގަނޑަށް ނުފައިބާތީ, ވާނެ ވަރު ނޭގިފައި އިނދެވުނީއެވެ.

އެންމެން ފައިބާ ނިމުނުއިރު ވެސް ނައުރަން އިނީ ޑިންގީގައެވެ. ބޮޑުބޭބެ، ކުދިފާތިހާ ކިޔަމުން އައިސް ”ތިއީ ކަނޑު ރަނިން ހޭ؟“ އަހަމުން ނައުރަން ކޮނޑަށް ލައިގެން އިއްޒަތުގައި ރަށަށް ބޭލިއެވެ. އަސްލަމްއަށް އެމަންޒަރު ފެނި ހޭންފެށިގޮތައް ހޮޑު ނުލީ ކިރިޔާއެވެ. ލަދުން ރޮވޭވަރު ވެފައި ނައުރަން ހުއްޓަސް އެކަން އޭނާ ބޭރުފުށުން ނުދައްކައެވެ. އަސްލަމްއާއި ދިމާލަށް ވެލި މުށެއް އެއްލަމުން އޭނާ އެރީ އެއްގަމަށެވެ.

މޫދުގައި އޮތް އަސްލަމްއަށް ބަލަން، ފޫހިގޮތަކަށް ވެލިގަނޑާ ކުޅެލަ ކުޅެލާ ނައުރަން އިނެވެ. މޫދުގައި ފަތާލަން ނައުރަން ވެސް އިންތިހާއަށް ބޭނުންވެއެވެ. އެކަމަކު އެނގިހުރެ މަރުގެ އައްސޭރިއަށް ދާނީ ކާކު ބާވައެވެ. އެ ފޫހިކަންމަތީ އިންދާ، ބޮޑުބެދައްތަ ގޮވުމުން، ނައުރަން ވެސް ކެއްކުމުގެ ކަންކަމުގައި އެހީވެދޭން ދިޔައެވެ. ކެއުމަށް ތައްޔާރުކޮށް އެއްމެންނަށް ކާން ގޮވިއެވެ. ނަމަވެސް އަސްލަމް ބޮޑާހާކާފައި ކެއީ މޫދުގައި އޮވެގެންނެވެ.

މަޑުމަޑުން އަސްލަމް ބޭރަށް ދާން ފެށިއެވެ. ބޭރުގައި އަޅާފައި އޮތް ޑިންގީއަށް އެރުމަށެވެ. ޑިންގީއަށް އަރާ ނައުރަންއަށް ފޮނިދެއްކެން ފުންމާ ބުރު އެޅުމަށެވެ. ނަމަވެސް ޑިންގީ ކައިރިއަށް ދިއަ ވަގުތު މޫދުގެ އަޑިން ގޮތްނޭނގޭ އެއްޗެއްގެ ހިޔަނިވެގެން, ޑިންގީއަށް ނާރާ އަވަސް އަވަހަށް އަށްދަށަށް ދާން ފަތައިގަތެވެ. ދިއަ ގޮތައްގޮސް އެރީ އެއްގަމަށެވެ. ވީ ކީއްތޯ ނައުރަން އެހުމުން ޖަވާބެއް ނުދިނެވެ. ނޫނީ ނައުރަން މަލާމަތް ކޮށްފާނެތީ ބުނަން ބޭނުން ނުވީއެވެ.

ދަތުރު ނިމެންދެން މޫދުގައި އަސްލަމް އޮވެ ހަންގަނޑު ފިއްސާނޭ އެންމެންނަށް ހީވިއެވެ. ނަމަވެސް އެބުރު އެއްގަމަށް އެރި ގޮތައް ދެން މޫދަށް އެރުނީ ބޮޑުބެ ކިޔާވަރުން ކެތްނުވެެގެން, ބޮޑުބެއާ އެކުއެވެ. އުޅުނީވެސް ބޮޑުބޭގެ ފޫބުޑުގައެވެ. ޑިންގީއިން ފުންމާލި އިރު މޫދު ހިތަކަށް ލިބިގެން އުޅުނު, އަސްލަމްއަށް, މޫދުން ބޮޑު ބިރެއް ފެނުނީ ބާވައެވެ؟ ވީގޮތް އެކަކު ގާތުވެސް ނުބުންޏެވެ.

މެންދުރުން އަނބުރާލިއިރު, ނައުރަން ފިޔަވާ އެންމެން އުޅުނީ މޫދުގައި ފަތާ, ސަކަރާތް ޖެހުމުގައެވެ. އެހެނަސް އެއްގަމުގައި ހުރެ ނައުރަން ވެސް މަޖާކުރަމުން ގެންދިއައެވެ. ފުޅިއަކަށް ވެލިއަޅާ މޫދަށް އެތްލުމުން މޫދުގައި ތިބި މީހުން, އެ ހޯދާ ކުޅުނެވެ. ދޮންވެލިން ވެލިގުޅަ ހަދާ, މޫދުގައި ތިބި މީހުންނާ ދިމާލަށް އުކިއެވެ. ކިރުކަކުނި ހިފައިގެން, ފުން ވަޅެއް ކޮނެ, ކަކުނިތައް އެކަތި އަނެކެއްޗާ ތޮޅުވާ ކުޅުނެވެ. ރާޅުފަށް މަތިން, ރާޅު ބިހާ, އެކި ވައްތަރުގެ ބޮލި ހޮވުމުގައި އުޅުނެވެ. އެއްގަމުގައި ހުރެ ނައުރަންއަށް ވީ ވަރަކުން ބޯ ފިއްސަމުން ގެންދިއައެވެ.

ހަވީރު ވެއްޖެއެވެ. ދަތުރު ނިމުމަކަށް އައީއެވެ. ހަވީރުގެ ސައިބޮއެ ނިމިގެން ބޮޑުބެ ގޮސް ޑިންގީ ގާތްކުރިއެވެ. އެންމެން އަރާ ނިމުމުން މިފަހަރު ވެސް ޑިންގީއަށް ނައުރަން އަރުވަން ޖެހުނީ އިއްޒަތުގައި, ބޮޑުބޭގެ ކޮނޑުމަތީގައެވެ. ނަމަވެސް މިފަހަރު އަސްލަމްގެ ހުނުމުގެ އަޑެއް އިވިގެންނެއް ނުދިއައެވެ. އޭނާ އިނީ ފުންކަން ނޭނގޭ, އެ މާސިންގާ ކަނޑާއި ދިމާލަށް ބަލާށެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސް ކަމެވެ. ރަށަށް އަނބުރާ ދާންޖެހޭތީ ބާއެވެ؟ ނޫނީ…

ޑިންގީ ދުއްވާލާ, ކަނޑަށް ނުކުމެވުނު އިރު, ހަލަނި, އަނގަތެޅި އަސްލަމުގެ މިޒާޖަށް އައި ބަދަލު ބޮޑުބެއަށް ވެސް ފާހަގަ ކުރެވެން ފެށިއެވެ. މިހެންވެ ހިބަރު ބާނަން ދޫކުރާ ނަނުރޯލު ނަގާއި, ހިބަރެއް ބެވޭތޯ އެއްލާށޭ ބުނެ އަސްލަމްއަތައް ނަނު ދިނެވެ. ވީ އުފަލުން ނަނުން ވަދު ނައްޓުވާލާ, ކަނޑަށް ވަދު އެއްލިއެވެ. މަސްބާނަން ބޮޑުބެއާއި އެކު އަސްލަމް ކުރިންވެސް ގޮސް އުޅޭތީ, ނަނު ދޫކޮށްގެން އިނީ ވަރަށް ފަރިތަކަމާއެކުއެވެ.

ކުރިއެކޭވެސް އެއްގޮތައް ނައުރަން އިނީ ކަނޑުގެ ލޮނުގަނޑާ ކުޅޭށެވެ. ކުއްލިއަކަށް އޭނާ ސިއްސައިގެން ދިއައީ, ”މަހެއް ގަނެއްޖޭ“ ކިޔާ އަސްލަމް ހަޅޭއް ލަވައި ގަތުމުންނެވެ. ހަމަ އެވަގުތު ޑިންގީގެ ދުވުން މަޑުކޮށްލިއެވެ. ބޮޑުބެގެ އަތައް ނަނު ދަމަން ދިނުމަށްފަހު, އަސްލަމްގެ އަތައް އަންގިލައްވާ ނަނު ދަމަން ތައްޔާރު ވެލިއެވެ. ފޮނިވެލާފައި ބޮޑުބެ އަތުން ނަނު އަތުލައި ދަމަން ފެށިއެވެ.

އަސްލަމް ނަނު ދަމަނިކޮށް ކުއްލިއަކަށް ނަނުގައި ގަނެފައި ހުރި ބޮޑު ފަންހިބަރު ކަނޑުގެ ލޮނުގަނޑުން ނުކުމެ ވައިގެ ތެރެއަށް ފުންމާލިއެވެ. ލިބުނު ލޮޅުމުގައި ނަނާއެކު ކަނޑަން އަސްލަމް ވެއްޓުނެވެ. ނައުރަން އަށް ބާރަށް ހީނުގަނެ ވުނީ ހަމަ ކިރިޔާއެވެ. އެ ވަގުތު ޑިންގީ އަވަހަށް ހުއްޓިއެވެ. އަދި މަޑުމަޑުން ފަހަތައް ޖަހާ އަސްލަމްއާއި އަރާހަމަ ކޮށްލިއެވެ. ހިނިތުން ވެލާފައި ހުރި ބޮޑުބޭބެގެ އެހީއާއެކު ޑިންގީއަށް އަސްލަމް އެރުވިއެވެ. ބޮޑުބޭގެ, މަޑުމައިތިރި ކަމުން, ހީވަނީ މީގެ ކުރިން ވެސް ކިތައްމެފަހަރަކު އެގޮތައް ކަނޑަށް އޭނަ ވެއްޓިފައި ހުރިހެނެވެ.

ޑިންގީއަށް އަސްލަމް އެރުމުން, ނުހޭން އިން ނައުރަންގެ ބަޑިފަޅައިގެން ދިއައެވެ. އަސްލަމް ވެސް އޭނާއާއި ދިމާލަށް އެ ރަށުގައި ހުނުން ވިއްޔާއެވެ. އެހެންވުމުން ދެބެން އެއްހަމަ ވީއެވެ. ނަމަވެސް ރުޅިއަރައިގަނެގެން އަސްލަމް އައިސް ނައުރަންގެ ގައިގައި އަޅާ ކަނޑާ ވީ ދިމާލަށް ކޮށްޕާލިއެވެ. ލިބުނު ކުއްލި ސިހުމުގައި ޑިންގީގައި އަތްހަމަ ނުޖެހި, ކަނޑަން ވެއްޓެމުން އަސްލަމްގެ ގަމީހުގައި ހިފާ ދަމާލިއެވެ. އެއާ އެކު ދެބެން އެކީ ކަނޑަށް ވެއްޓުނެވެ. ޑިންގީގައި ތިބި އެންމެން އެކުގައި ހީގަތެވެ. އެ އެންމެނަށް އެކަންވީ މަޖާކަމަކަށެވެ. ”ޗުސްޗުސް“ ލައްވަމުން ހިނިތުންވެ ހުރެ ބޮޑުބެ ޑިންގީ މަޑުކޮށްލިއެވެ.

ގެނބެމުން ދިއަ ނައުރަންގެ އެއް އަތުގައި ހިފައި އަސްލަމް އޭނާ މައްޗަށް ނެގިއެވެ. މަޖަލަކަށް އޭނާއަށް, މި ކުރެވުނީ ވަރަށް ބޮޑު ގޯހެއްކަން ރޭކާލީ ދެނެވެ. ނައުރަން އަކީ މީން ދުވަހު މޫދަށް އެރުނު ކުއްޖެއް ނޫންކަމުން އޭނާއަށް ފަތާކަށް ނޭނގެއެވެ. މޫދަށް ފުންމާލާ ފަތާ ފީނަން ބޭނުންވި ނައުރަން, އެވަގުތު އޮތީ އޭނާގެ ފަހު ވަގުތު އައިސް ޖެހުނީއޭ ހިތާ ބިރުގަނެފައެވެ.

ފައިން މަޑުމަޑުން ޖަހަމުން ނައުރަން ގޮވައިގެން އަސްލަމު ދިއައީ ޑިންގީއާއި ދިމާލަށެވެ. ކުއްލިއަކަށް ނައުރަން ކަނޑުގެ އަޑިއަށް ދަމައިގަތެވެ. އޭނާގެ ފައިގައި ގޮތްނޭނގޭ ބާރަކުން ހިފައި ދަމައި ގަތީއެވެ. ދެބެން އެކުގައި ކަނޑުގެ ލޮނުގަނޑުގެ އެތެރެއަށް ގެބިގެން ދިއައެވެ. ފެނުނު މަންޒަރުން ބޮޑުބެ ވެސް ބަލާކަށް ނުހުރެ ކަނޑަށް ފުންމާލިއެވެ. އެއިރު ނޭވާ ހާސްވެގެން އަސްލަމް މައްޗަށް އަރަނީއެވެ. ނަމަވެސް ނައުރަންގެ ހިލަމެއް ނުވިއެވެ.

ފުންކަން ނޭނގޭ މާސިންގާ އެ ކަނޑުގެ އަޑިއަށް ބޮޑުބެ ފީނަމުން ދިއައެވެ. ކައިރީގައި ފަތަން އޮއެ އަސްލަމް އަޑު ނެތްތަނަށް ރޮމުން ގެންދިއައެވެ. ބޮޑުބެދައްތަ ”ނައުރަން“ އޭ ކިޔާ ގޮވަމުން ދިއައެވެ. ކުއްލިއަކަށް އަސްލަމްގެ ނަޒަރު ހުއްޓުނީ, ކަނޑުގެ ލޮނުފެން ފަށަލާގައި އޮޔާދަމުން ދިއަ ތަވީދަށެވެ. ނައުރަންގެ ކަރުގައި އޮތް ތަވީދެވެ. ވަގުތުން އެ ތަވީދު ނަގައި އޭނަގެ ސޯޓުގެ ޖީބަށް ލައި ފޮރުވިއެވެ. ވީ ދެރައިން ބާއެވެ؟ ނޫނީ މީހަކަށް އެ ތަވީދު ދައްކަން ބޭނުން ނުވީބާއެވެ؟

އެ މާސިންގާ ކަނޑުގެ އަޑިއަށް އެ ދުވަހު ނައުރަން ގެއްލުނީއެވެ. ނޫނީ ފަންޑިތަވެރިންގެ ފާލާއި އެއްގޮތަށް ނައުރަންގެ މަރު އެ އައީ ކަނޑުގަބާއެވެ؟

އެ ހިތާމެވެރި ހަބަރު ހުސްނާއަށް ލިބުމުން އެ ފަކީރު ވީ ދެރައިން ލިބުނު ކުއްލި ސޮކުގައި މިދުނިޔެއިން ވަކިވީއެވެ. ހަލަނި, މަޖާ މިޒާޖުގެ އަސްލަމް, މަޑުމައިތިރި ބަސްމަދު މިޒާޖެއް ހިޔާރުކުރިއެވެ. އޭނަ ދެކެނީ އޭނާގެ ދައްތައާއި, މަންމަގެ ގާތިލަކީ އޭނާކަމުގައި ބާވައެވެ؟ ނޫނީ އެދުވަހު ކަނޑުގެ އަޑީގައި ހިނގައިދިއަ ކަންކަން އޭނައަށް ފެނި އެކަމާއި ބިރުން މީހުންގެ ގާތުގައި އެވާހަކަ ދައްކަން ބޭނުން ނުވަނީބާއެވެ؟

*******************

ފަނަރަ އަހަރު ފަސް

އާދައިގެ މަތިން ޑިއުޓީ ނިންމާފައި އަސްލަމް ގެއަށް އައެވެ. ވަރުބަލި ވެފައި ހުރުމުން, ބޮޑުބެދައްތަ މެންދުރުގެ ކެއުމަށް ގޮވުމުން, ކާން ނުގޮސް އޭނާ ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ކަރުގައި އޮތް ޓައީ ދޫކޮށްލިއެވެ. ކަރުން ޓައީ މުހާލާ, ގަމީހުގެ ގޮށްތައް ނައްޓުވާލިއެވެ. އެވަގުތު އޭނަގެ ކަރުގައި އަޅާފައި އޮތް ތަވީދު ފެނިގެން ދިއައެވެ. ނައުރަންގެ ތަވީދެވެ.

މަޑުމައިތިރި ލަސް ހަރަކާތަކާއެކު, އަސްލަމްގެ ވާތު އަތުގެ ކަށި އިނގީލީގައި އަޅާފައި އިން, އެކި ކުލަކުލާގެ އެސް ހަރުކޮށްފައި ހުރި އަނގޮށްޓީގައި ފިރުމާލިއެވެ. އެއަށްފަހު އަތްދިގު ގަމީހުގެ އަތުކުރީ ގޮށް ނައްޓުވަނިކޮށް ފަހަތުން މީހަކު ވާހަކަ ދެއްކުމުން ހުއްޓުނެވެ.

”ވަރަށް ގިނަ ތަންތަން ބެލިއްޖެ. ވަރަށް ގިނަ މީހުން ގާތު އެހިއްޖެ. އޭގެ ހަގީގަތެއް އެނގޭ އެކަކު ވެސް ނުފެނުނު.“

”ހޯދާ. އަދިވެސް ބަލާ!“ ފަހަތުގައި ހުރި މީހާ ގާތު ބުނެލިއެވެ. ފަހަތުގައި ހުރީ ކާކުކަން އަސްލަމްއަށް އެނގެއެވެ.

”އެއްފަހަރުވެސް އޭގެ ވާހަކަ ސާހިބާގެ ދައްތަ, އިސްރާ ގާތު އެހިންތަ؟“

”ނޫން… ނާހަން…“ އަސްލަމްގެ ވާތު ކަންފަތުގައި އަތްލަމުން ކަމެއް ހަނދާންވެގެން ހުރެ ބުނާހެން ބުނެލިއެވެ.

-ނުނިމޭ-

(ނިމުނީ)