އިނގިރޭސި ޕްރެމިއަރ ލީގުގައި ކުޅެމުން އަންނަ ކުޅަދާނަ ފޯވަރޑް، މިސްރުގެ މުހައްމަދު ސަލާހް، ސޮއި ކޮށްފައިވާ ލިވަޕޫލުގެ ޖާރޒީއެއް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންފި އެވެ.

މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސަލާހު ސޮއިކޮށްފައިވާ ޖާރޒީއެއް ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ސަލާހަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން ސަލާހަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މި ޖާޒީ މައުމޫނަށް ހަވާލުކޮށްދެއްވީ ލިވަޕޫލުގެ ރާއްޖޭގެ ސަޕޯޓަރެއް ކަމަށްވާ ސަމާއު ސައީދެވެ. އެކަމަށްޓަކައި ސަމާއު އަށް ވެސް މައުމޫން ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

ފެށުނީއްސުރެ ލިވަޕޫލަށް ވަރަށް ބޮޑަށް ސަޕޯޓު ކުރައްވާ މައުމޫން ގެންދަވަނީ، ސޯޝަލް މީޑިއާގައި ލިވަޕޫލަށް ސަޕޯޓު ކުރައްވައި ތަފާތު ލިޔުންތައް ވެސް ލިޔުއްވަމުން ނެވެ.

އުމުރުފުޅުން 84 އަހަރުގެ ރައީސް މައުމޫން، ލިވަޕޫލު ކުޅޭ މެޗުތައް ގަވާއިދުން ބައްލަވަމުން ގެންދަވާއިރު، ސަޕޯޓަރުންގެ ވައިބަރ ގްރޫޕުގައި ޒުވާނުންނާ ބައިވެރިވެވަޑައިގެން، ކާމިޔާބާއި ނާކާމިޔާބީތައް ވެސް ގެންދަވަނީ ހިއްސާ ކުރައްވަމުން ނެވެ.