ނ. ޅޮހި އާއި ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ.

Ad
rt

ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި 67,020.00 އައު ބަނދަރު ފުން ކުރުމާއި ނެރު ފުން ކުރުމުގެ މަސައްކަތާއި 12 މީޓަރުގެ ބްރޭކްވޯޓަ ޖެހުމާއި 151 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 167 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި 155 މީޓަރުގެ ސްކޯރިން އެޕްރޮން ޖެހުމާއި 10 މޫރިން ބޮއި ހަރުކުރުމާއި 121 އަކަ މީޓަރ ރޭންޕެއް ހެދުމާއި ކޮންކްރީޓް ޖެޓީ ހެދުމުގެ އިތުރުން ނެވިގޭޝަން ލައިޓް ހަރުކުރުމާއި 22 މަގު ބައްތި ހަރުކުރުން 2433 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މި މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރީ 50 މިލިއަން ރުދިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ޅޮހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫގެ ދަށުން ބަނދަރު ފުން ކުރުމާއި ނެރު ފުން ކުރުމާއި 281 މީޓަރުގެ ބްރޭކްވޯޓަ ޖެހުމާއި 40 މީޓަރުގެ ސަބްމާޖް ބްރޭކްވޯޓަ ޖެހުމާއި 95 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 50 މީޓަރުގެ ގްރޮއިން ޖެހުމާއި 366 މީޓަރ އެއްގަމު ތޮށި ޖެހުމާއި 366 މީޓަރުގެ ސްކޯރިން އެޕްރޮން ޖެހުމާއި 10 މޫރިން ބޮއި ހަރުކުރުމުގެ އިތުރުން 121 އަކަ މީޓަރުގެ ރޭންޕެއް ހެދުމާއި ނެވިގޭޝަން ލައިޓް ހަރުކުރުމާއި 19 މަގު ބައްތި ހަރުކުރުމާއި 1720 އަކަ މީޓަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ 68.76 މިލިއަން ރުފިޔާއަށް 640 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.