2015 މާރޗު 21 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގައި މަރާލާފައިވާ ލ. މުންޑޫ/ ނޫވިލު، އަލީ ޒިޔަދަމް ގެ މަރާއި ގުޅިގެން ދައުވާ ކުރާ މީހުންނަށް ހުކުން އިއްވުން މާދަމާ އަށް ތާވަލުކޮށްފި އެވެ.

މި މައްސަލައިގެ މާދަމާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ ހެނދުނު 9:00 އަށެވެ.

Ad
rt

އޭނާގެ މަރާ ގުޅިގެން ދައުވާކުރަނީ ލ. މުންޑޫ/ ބީޗުވިލާ، އަލީ ޝިފާމް (29އ) އާއި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫން (24އ) އަށެވެ. އެ ދެމީހުންގެ މައްޗަށް ވެސް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ޒިދަޔަމްގެ މަރާއި ގުޅިގެން ފުލުހުން ކުރިން ވިދާޅުވެފައިވަނީ އޭނާގެ ބޮލަށާއި ބުރަކައްޓަށް އަދި ފަލަމަސްގަނޑަށް ވެސް ހަމަލާދީފައިވާ ކަމަށާއި ޒަހަމްތަކަށް ފަރުވާދިނުމަށް މުންޑޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މާރާމާރީ ހިންގާފައިވަނީ ދައުވާ ލިބޭ ދެ މީހުންނާއި ޒިޔަދަމް ކެއްކި ބަނގުރާތަކެއް ބެހުމުގެ ތެރެއިން ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

ޒިޔަދަމްއަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

މީގެ ގާތްގަޑަކަށް 8 އަހަރު ކުރިން ހިންގާފައިވާ މި މާރާމާރީގެ މައްސަލަ، މިހައި ދިގުލައިގެން ގޮސްފައިވާއިރު، އެ މައްސަލަ ބައްލަވާ ގާޒީން ވެސް ވަނީ އެކި ފަހަރު ބަދަލުވެފަ އެވެ.

އެ މައްސަލައިގައި މި އަހަރުގެ ތެރޭގައި ވަނީ ހުލާސާ ބަޔާން އިއްވާފަ އެވެ.

ގާނޫނު ބުނާ ގޮތުން ހުސާލާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް ކުރަންޖެހޭނަމަވެސް އޭގެ ކުރިން ކަމެއް ސާފުކުރަން އޮތް ނަމަ އަޑުއެހުން ބޭއްވުމުގެ އިހުތިޔާރު ގާޒީއަށް ލިބިވަޑައިގެން ވެއެވެ.

މި މައްސަލައިގައި އެންމެ ފަހު އަޑުއެހުންބޭއްވީ ހުސްވި ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ ބާއްވާފައިވަނީ ހުކުމުގެ ކުރިން ގާޒީ ސާފު ކުރައްވަން ބޭނުންވާ ކަންކަން ސާފު ކުރެއްވުމަށް ބޭއްވެވި އަޑުއެހުމެކެވެ.