ޕޮލިސް ބޯޑުގެ މެންބަރު ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ފަސީހް އައްޔަންކޮށްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ބޯޑަށް ފަސީހް އައްޔަންކޮށްފައިވަނީ ބޯޑުގެ ރައީސްގެ ގޮތުގައި ހުންނެވި މއ. މަނާގެ، އަލީ ފާއިޒު, ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު ކަމަށް އައްޔަންކުރެއްވުމުން ނެވެ.
އަލީ ފާއިޒަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު އެވެ.
ޕޮލިސް ބޯޑުގެ މެންބަރު ކަމުން އަލީ ފާއިޒު، ވަކިވެވަޑައިގެންނެވުން އެ މަގާމު މިވަގުތު ހުސްކޮށް އޮތްއިރު، ބޯޑުގެ ރައީސް ހޮވަނީ ބޯޑުގައި ހިމެނޭ މެންބަރުންގެ ވޯޓަކުން ނެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައި ނިމުނުއިރު ކޮމިޝަނަރ އޮފް ޕޮލިސް ގެ މަގާމުގައިވެސް ހުންނެވި ފަސީހް ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާ ކުރައްވާފަ އެވެ.
ފަސީހްގެ އިތުރުން ޕޮލިސް ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
- އަޙްމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
- އާއިޝަތު ނޫރާ މުހައްމަދު، ހ. ނޫމުތީ
- އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން
- އާދަމް އިބްރާހީމް، ގ. ޑިމްލައިޓް
- ހާމިދު އަބްދުލްގަފޫރު، ހ. ޝޭޑީކޯނަރ
- ސަފާ ޝަރީފް، ދެތަޑިމާގެ، ސ. ހުޅުދޫ
ޕޮލިސް ބޯޑްގައި ހިމެނެނީ ރައީސް އައްޔަން ކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުކޮށް ހުޅުވާލެވިގެން ހޮވާ އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، "ޕޮލިސް ބޯޑު" އެކުލަވައިލައިލީ 10 އޭޕްރިލް 2022 ގައެވެ. ފުލުހުންގެ ބޯޑުގެ މަސައްކަތްތަކުގެ ތެރޭގައި ފުލުހުންނާމެދު ތައުދީބީ ފިޔަވަޅު އެޅުމަށް ޤާއިމުކޮށްފައިވާ ނިޒާމުގެ ދަށުން ޑިސިޕްލިނަރީ ބޯޑުން ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާ އުސޫލުތަކަކީ، ހާމަކަންބޮޑު، އަދި ފުލުހުންނަށް ލިބިފައިވާ ބާރު ނަހަމަގޮތުގައި ބޭނުންކުރިޔަ ނުދިނުމަށާއި، ފުލުހުންގެ ވާޖިބަށް އެމީހުން އިހުމާލުވިޔަ ނުދިނުމަށް ބައްޓަންކުރެވިފައިވާ އުސޫލުތަކެ އްކަން ކަށަވަރުކުރުމާއި، އެ އުސޫލުތައް ގަވާއިދުން މުރާޖަޢާކޮށް، އެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލާމެދު ލަފާ ދިނުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!