މާލޭ ސިޓީ ކައުންސިލުން ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މާލޭގެ މަގުތަކާއި، ޕާކުތަކާއި، ފަޅާއި އަދި އާންމު ސަރަހައްދުތަކުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މުއިއްޒު މިހެން ވިދާޅުވީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއެކު ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިމަހުގެ 26 ގައި ހަމަވާއިރު، އެ އެއްބަސްވުން އާ ނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައި، މާލެ ސަރަހައްދުން ކުނި ނެގުން ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެއްސުމާއި ގުޅޭ ގޮތުން ބައެއް ފަރާތްތަކަށް އޮޅުން އަރާފައިވާތީ، އެކަން ސާފުކޮށް ދެއްވުމުގެ ގޮތުންނެވެ.

Ad
rt

މުއިއްޒު ވިދާޅުވީ، ވެމްކޯ އާއި ސިޓީ ކައުންސިލާ ވެފައިވާ އެއްބަސްވުން ބާތިލު ނުކުރާ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެއްބަސްވުން އާ ކުރުމަށް ނިންމާފައިނުވާތީ، އެއްބަސްވުން ނިމުމަކަށް އަންނާނެކަމަށެވެ.

''އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކައުންސިލުން ކުނި ނަގާނީ ހަމައެކަނި މަގުތަކާއި ޕާކުތަކާއި ފަޅުތެރެއާއި އާންމު ސަރަހައްދުތަކުން، އެއީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްގެ ޒިންމާއެއްކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމެއް'' މޭޔަރު ވިދާޅުވެފައިވެއެވެ.

މިގޮތަށް ނަގާ ކުނިވެސް ސިޓީ ކައުންސިލުން ގެންގޮސް ހަވާލު ކުރާނީ ވެމްކޯގެ ސައިޓާ ކަމަށާއި، ގޭޓް ފައިސާގެ ގޮތުގައި ވެމްކޯއަށް ފައިސާ ވެސް ދައްކާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ސިޓީ ކައުންސިލުން ނަގާ ކުނި އުކާލުމުގެ ކަންކަން ކުރިއަށް ގެންދާނީ ވެމްކޯގެ ބާޖުތަކުގައި ވެމްކޯއިން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ގޭގެއިންނާއި އިމާރާތްތަކުން ކުނި ނެގުމުގެ އެއްވެސް ކަމެއްގެ ތެރެއަށް ސިޓީ ކައުންސިލުން ނުވަންނާނެ،" މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މިބަދަލުގެ ސަބަބުން ވެމްކޯ އިން މަގުތައް ކުނިކެހުމުގެ މަސައްކަތަށް ނަގާފަައިވާ އެއްވެސް މުވައްޒަފެއްގެ ވަޒީފާ ގެއްލިއްޖެނަމަ އެފަދަ މީހުންނަށް ސިޓީ ކައުންސިލުގެ ކުނި ނެގުމުގެ މަސައްކަތުގެ ވަޒީފާއަށް ވަނުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ.