ސަރުކާރުން އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް މަޝްރޫއަށް ބޭނުންވާ ލޭންޑިން ސްޓޭޝަން ޤާއިމުކުރުމަށްޓަކައި ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި، އެ މަސައްކަތް ކުރާ އޯޝަން ކަނެކްޓް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި، އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި އޯޝަން ކަނެކްޓް މޯލްޑިވްސް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޝިހާބެވެ.
ސަރުކާރުން އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މި މަޝްރޫއު ހަވާލުކުރީ އިންޑިއާގެ މަހުޖަނު، މުކޭޝް އަމްބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ. މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ފަރާތުންނެވެ.
ސަރުކާރުން މި ކޭބަލް އަޅަނީ ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮކޮށް އަވަސް އިންޓަނެޓްގެ ޚިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށެވެ.
ރާއްޖެއާއި ގުޅާލުމަށް ހަމަޖެހިފައިވަނީ ރިލަޔަންސް ކުންފުނިން އަޅާ އިންޑިއާ-އޭޝިޔާ އެކްސްޕްރެސް (އައިއޭއެކްސް) ކޭބަލެވެ. މިއީ އިންޑިއާގެ މުމްބާއީން ފެށިގެން ސިންގަޕޫރާއި ހަމައަށް އަޅާ ކޭބަލެކެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ، މި މަސައްކަތަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން, އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށެވެ.
އޯޝަން ކެނެކްޓުން ބުނީ މި ކޭބަލް ހުޅުމާލޭ ފޭސް 2ގައި ޖައްސާނީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!