އެއް ދުވަހުން އެންމެ ގިނަ މަސް ބޭނި ދޯނީގެ ރިކޯޑު "ބާޚިރާ" ދޯނިން ގާއިމުކޮށްފި އެވެ.
މިފްކޯ އިން ވިދާޅުވެފައިވަނީ، ގދ. ފަރެސްމާތޮޑާ، ''ބާޚިރާ'' ދޯނިން، އެއް ދުވަހެއްގެ ދޯށީގެ މަސްވެެރިކަމުގެ އާ ރިކޯޑެއް ހަދާފައިކަމަށެވެ.
އެ ދޯނިން 58.6 ޓަނުގެ މަސް ބާނާފައި ވަނީ އިއްޔެ ކަމަށެވެ. އެހެންކަމުން މިއީ އެއްދުވަހެއްގައި ދޮށީގެ މަސްވެެރިކަމުގެ އައު ރިކޯޑެއް ކަމަށް މިފްކޯއިން ވިދާޅުވެއެވެ.
އެ ދޯންޏަށް މަރުހަބާ ކިޔައި، މިފްކޯ އިން ވިދާޅުވެފައިވަނީ އިއްޔެ އެ ދޯނިން ވަނީ، ޓަނުގެ މަސް ކޫއްޑޫއަށްކިރުވައި، 996,034 ރުފިޔާގެ އާމްދަނީ އެއް ހޯދާފައި ކަމަށެވެ.
މި ރެކޯޑު މީގެ ކުރިން ގާއިމު ކޮށްފައި ވަނީ ވެސް އެ އަތޮޅުގެ ދޯންޏެވެ. އެއީ ގދ. މަޑަވެލީ "ޓީއެސް" ލައިން ދޯންޏެވެ. އެ ދޯނިން ވަނީ 57 ޓަނު މަސް ކޫއްޑުއަށް ކިރުވާފަ އެވެ.
އިއްޔެ ގދ. ފަރެސްމާތޮޑާ އިން މަހަށް ނިކުތް ބާޚިރާ ދޯނިން ވަނީ 58.6 ޓަނުގެ މަސް ކޫއްޑޫއަށްކިރުވައި، އެއްދުވަހެއްގެ ދޯށީގެ މަސްވެެރިކަމުގެ އާ ރިކޯޑެއް ހަދާފައި. މިމަސްކިރުވައި ބާޚިރީ ދޯނިން ވަނީ 996,034ރ ގެ އާމްދަނީ އެއް ހޯދާފައި. ދޯނީގެ ފަޅުވެރިންނާއި ކެޔޮޅަށް މަރުހަބާ! pic.twitter.com/8LhjlHElsU
— MIFCO (@mifcomv) December 3, 2022
އޭގެ ކުރިން، ގދ. ތިނަދޫ "ރަސްމަގު" ދޯނިން ވަނީ 53 ޓަނުގެ މަސް ބާނާފަ އެވެ. އެއީ 2006 ވަނަ އަހަރު އެވެ.
އެންމެ ޒަމާނީ ވަސީލަތްތަކާއެކު މަސްވެރިކަން ކުރާ ދޯނިތަކުގެ ތެރޭގައި ހިމެނޭ ގދ. ފަރެސްމާތޮޑާގައި ދުއްވާ "ބާޚިރާ" ދޯންޏަކީ 117 ފޫޓުގެ ދިގު އުޅަނދެކެވެ. ރާއްޖޭގެ އެންމެ ބޮޑެތި މަސްދޯނިތަކުގެ ތެރޭގައި ގުނާލެވޭ މި ދޯނީގެ އިންޖީނަކީ 1050 ހޯސްޕަވަރުގެ ބޮޑު އިންޖީނެކެވެ.
މި ދޯނީގެ ދުވެލި އުޅެނީ ގަޑިއަކު 13 ނޯޓިކަލް މޭލުގަ އެވެ.
މި ދޯނީގައި 37 މަސްވެރިން ހަރަކާތްތެރި ވެއެވެ. ދޯނީގެ ދެކެޔޮޅުންނަކީ ގދ. ފަރެސްމާތޮޑާ، އެވިލާ، ހަސަން ޒަރީރާއި، ފަރެސްމާތޮޑާ ފެންފިޔާޒުގޭ މުޙައްމަދު ރަޝީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!