ވިނަރެސް ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި އެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަގުތީ ލިސްޓު އިއުލާނު ކުރިއިރު، ފޯމް ލީ 1413 މީހުންގެ ތެރެއިން ލިސްޓުގައި ހިމެނެނީ 723 މީހުން ނެވެ.
ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ހައުސިންގ މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބެލެވޭ މިންގަނޑުތަކަށް ޕްލޭނިންގ މިނިސްޓްރީ އިން ބެލުމަށްފަހު، ޝަރުތު ހަމަވެފައިވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތަކުގެ މައުލޫމާތު އިއުލާނާއެކު ޝާއިއުކޮށްފައިވާ ކަމަށެވެ.
އެޗްޑީސީ އިން ވިދާޅުވެފައި ވަނީ އެ ލިސްޓުގައި ހިމެނޭ ޝަރުތު ހަމަވާ ފަރާތްތަކުގެ މާލީ ގާބިލްކަން ބެލުމާއި ގުޅޭގޮތުން އެ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. އަދި މައި- އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށް ވުރެން ގިނަ ފޯމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ކުރިއަށް ދެވޭނީ އެންމެ ފޯމަކާއި އެކު ކަމަށެވެ.
މީގެ އިތުރުން އެ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، މައި ހުޅުމާލެ ހައުސިންގ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެޗްޑީސީ އިން ވިދާޅުވި އެވެ. އަދި ޕްލޭނިންގ މިނިސްޓްރީ އިން ޝަކުވާއަށް ޖަވާބުދޭނީ އެ ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް ވިދާޅުވި އެވެ.
ވިނަރެސްގާ 10 ޓަވަރު ހިމެނޭއިރު ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެ އެވެ. އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!