ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ ފޯމުގައި ހެކިންގެ ފިންގާ ޕްރިންޓް ޖަހާގޮތަށް ބަދަލު ގެނެސް އަމަލުކުރަން ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މި ބަދަލު ގެނައީ އޮޅުވާލައިގެން، ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ މައްސަލައަށް ހައްލެއް ގެނައުމާއި އެއްޕާޓީން އަނެއް ޕާޓީއަށް ނޭނގި ބަދަލުކުރުމުގެ މައްސަލަ ހައްލުކުރުމުގެގޮތުން ނެވެ.
ޕާޓީއަށް ވެސް އަދި މީހާއަށް ވެސް ނޭނގި ޕާޓީތަކުގެ ދަފްތަރުގައި ނަން އޮތުމުގެ މައްސަލައަކީ ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް އުފެދުނީއްސުރެ ކުރަމުން އަންނަކަމެކެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ޕާޓީތަކަށް މެންބަރުން ވައްދާ ފޯމުތަކަށް އީސީ އިން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.
އެ ކޮމިޝަނުން ވަނީ ތިން ފޯމަކަށް ބަދަލު ގެނެސްފަ އެވެ. އެއީ އަލަށް އުފެއްދުމަށް އެދި ހުށަހަޅާ ޕާޓީގެ މެމްބަރުކަމަށް ވުމަށް އެދޭ ފޯމާއި މެމްބަރުކަމަށް ވުމަށް އެދޭ ފޯމު އަދި ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމެވެ.
މި ފޯމުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ހެކިންގެ ފިންގަރ ޕްރިންޓް ޖަހަން ޖެހުމާއި ޕާޓީއަށް ވަންނަ މީހާގެ ފޮޓޯއާއި، ސޮއިކުރާ މީހާގެ މަންމަގެ މައުލޫމާތު ހިމަނަންޖެހުމެވެ. މިއީ ކުރިން ޢަމަލުކުރަމުން އައި ފޯމުތަކުގައި ބޭނުންކުރާ މައުލޫމާތުތަކެއް ނޫނެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ މި ބަދަލުތައް ގެނައީ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި ޕާޓީތަކުން ކުރިންފުރަމުންދިޔަ ފޯމުތަކާއި ފުރާފައިވާ ފޯމުތަކުގެ ތެރެއިން މި ނޮވެމްބަރ މަހުގެ 15 ވަނަދުވަހުގެ ކުރިން ސޮއިކޮށް، ހުށަހަޅާފައިވާ ފޯމުތައް ފިޔަވައި އެހެން ފޯމެއް އިލެކްޝަނަށް ހުށަހަޅާނަމަ ހުށަހަޅަންޖެހޭނީ އައު ފޯމުގައި ކަމަށެވެ.
ޕާޓީތަކުން ކުރީގެ ފޯމުތަކުގައި ފުރާފައިވާ ފޯމުތައް މިމަހުގެ ނިޔަލަށް ހުށަހެޅުމަށް ވަނީ ފުރުސަތު ދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!