ދެކުނު ކޮރެއާ އެންމެ ފުރަތަމަ ވާދަކުރީ 1954 ވަނަ އަހަރު ސްވިޒަލެންޑުގައި ބޭއްވުނު ވޯލްޑް ކަޕުގައެވެ. ދެކުނު ކޮރެއާ އަކީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ފީފާ ވޯލްޑް ކަޕުގައި އެންމެ ގިނައިން ވާދަކޮށްފައިވާ އަދި އެންމެ ކާމިޔާބު ޓީމެވެ. ޖުމްލަ 10 ވޯލްޑް ކަޕުގައި ކުޅެފައިވާއިރު އޭގެ ތެރެއިން ނުވަ ފަހަރު ވާދަކުރީ ޖައްސަޖައްސައިގެންނެވެ.
އެ ގައުމުން ޖަޕާނާ ހިއްސާވެގެން 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ކުޅުން ވެގެންދިޔައީ އޭޝިއާގެ ގައުމަކަށް މިހާތަނަށް ވޯލްޑް ކަޕުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަށެވެ. އެ ފަހަރު އެ ޓީމުން އެހިސާބަށް ދަތުރުކުރީ ސްޕެއިނާއި އިޓަލީ ފަދަ ދުނިޔޭގެ ގަދަ ބާރުތައް ކަޓުވާލުމަށް ފަހު އެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ މުބާރާތުން އެޓީމު ކެޓީ ގުރޫޕް ސްޓޭޖުންނެވެ.
ކޮލިފައިވީ ގޮތް
ދެކުނު ކޮރެއާ އިން މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ އޭއެފްސީ ކޮލިފިކޭޝަންބުރުގެ ދެ ވަނަ ހޯދައިގެންނެވެ. އެޓީމުން ވަނީ ކޮލިފައިންގައި ކުޅުނު 17 މެޗުގެ ތެރެއިން 12 މެޗު ކާމިޔާބު ކޮށް ހަތަރު މެޗު އެއްވަރުކޮށްފައެވެ. ބަލިވީ އެންމެ މެޗަކުންނެވެ. ކޮރެއާއަށް ދެވަނަ ލިބުނީ 40 ޕޮއިންޓް ހޯދައިގެންނެވެ.
ކޯޗު

ދެކުނު ކޮރެއާގެ ކޯޗަކީ ޕޯޗުގަލް އަށް އުފަން އުމުރުން 53 އަހަރުގެ ޕައުލޯ ބެންޓޯއެވެ. އޭނާ ވަނީ މީގެ ކުރިން ޕޯޗުގަލް ގެ ބައެއް ކުލަބުތަކަށް ވެސް ކުޅެ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. ބެންޓޯ ކޯޗިން ދާއިރާއަށް ނުކުތީ 2004 ވަނަ އަހަރު ސްޕޯޓިން ސީޕީގެ ޔޫތި ޓީމާއި އެކުގައެވެ. އޭގެ ފަހުން ސްޕޯޓިން ސީޕީގެ ސީނިއަރ ޓީމަށާއި ޕޯޗުގަލް ޤައުމީޓީމަށް ވެސް ކޯޗު ކޮށްދީފައިވެއެވެ.
ބެންޓޯ ކޮރެއާގެ ކޯޗުކަމާއި ހަވާލުވީ 2018 ވަނަ އަހަރުގައެވެ. އޭނާ ވަނީ 2019 ވަނަ އހަރު ބޭއްވި އީއޭއެފްއެފް އީވަން ޗެމްޕިއަންޝިޕް ކޮރެއާއަށް ހޯދައިދީފައެވެ.
މުހިންމު ކުޅުންތެރިން
ސޮން ހުއެން މިން

ސޮން އަކީ ދެކުނު ކޮރެއާ ޓީމުގައި މިވަގުތު ހުރި އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާ އެވެ. ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސް އަށް 2015 އިން ފެށިގެން މިހާތަނަށް 245 މެޗު ކުޅެދީ 96 ގޯލް ޖަހައިދީފައިވެ. ސޮން އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި އޭޝިއާ ކުޅުންތެރިޔާ އެވެ. ޓޮޓެންހަމް އަށް ބަދަލުވުމުގެ ކުރިން ޖަރުމަނުގެ ހެމްބާގާއި ބެޔާ ލެވާކޫސަން އަށް ވެސް ވަނީ ކުޅެފަ އެވެ.
އޭނާގެ ޔޫރަޕުގެ ތަޖުރިބާގެ ބޭނުން ވޯލްޑް ކަޕުގައި ދެކުނު ކޮރެއާ އަށް ހިފޭނެ އެވެ. ސޮން ވަނީ ދެކުނު ކޮރެއާ ގައުމީ ޓީމަށް 104 މެޗުން 35 ގޯލް ޖަހައިދީފަ އެވެ.
ކިމް މިން ޖާ

އިޓަލީގެ ނަޕޮލީގެ ޑިފެންޑަރ ކިމް މިން ޖާ އަކީ ކޮރެއާ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާ ކުރާ ކުޅުންތެރިއެކެވެ. ނަޕޮލީއަށް އޭނާ ބަދަލުވީ ތުރުކީގެ ފެނަބާޗޭގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު މިފަހަރުގެ ސީޒަނަށެވެ.
ކިމް ޖާ ކޮރެއާ ޓީމަށް ކުޅެން ފެށީ 2017 ވަނަ އަހަރުގައެވެ. ކުރިން ކޮރެއާގެ ޔޫތް ތީމުތަކަށް ވެސް ކުޅެފައިވާ ކިމް ޖާ ވަނީ ކޮރެއާ ޓީމަށް މިހާތަނަށް 44 މެޗު ކުޅެދީ ތިން ގޯލުވެސް ޖަހައިދީފައެވެ.
ގުރޫޕުގައި އޮތް ފުރުސަތު
ދެކުނު ކޮރެއާ އޮތީ ޕޯޗުގަލް އާއި ގާނާ އަދި އުރުގުއޭ އާއި އެކު ގުރޫޕް އެޗްގައެވެ. ކޮރެއާ އަށް މި ގުރޫޕުން ދެވަނަ ބުރުގެ ފުރުސަތެއް ލިބޭނެ ކަމަށް ތަޖުރިބާކާރުން ގަބޫލެއް ނުކުރެ އެވެ. ޕޯޗުގަލް އުރުގުއޭ ފަދަ ގައުމުތައް ބަލިކުރުމަކީ ކޮރެއާ އަށް އުނދަގޫ ކަމަށް ވާނެއެވެ. އެހެން ކަމުން މި ގުރޫޕުން ސަލާމަތްވުމަކީ އެ ތީމަށް އުނދަގޫ ކަމަކަށް ވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!