އެފްރިކާ ސަރަޙައްދުން މިހާތަނަށް އެންމެ ގިނައިން ވޯލްޑްކަޕަށް ކޮލިފައިވުމުގެ ޝަރަފް ހޯދާފައިވާ ކެމަރޫން، މިއީ ވޯލްޑްކަޕްގައި ވާދަކުރާ 9 ވަނަ ފަހަރެވެ. މީގެއިތުރުން ކެމަރޫން އަކީ ވޯލްޑްކަޕްގެ ތާރީހުގައި ކުއަޓަރ ފައިނަލަށް ދިޔަ އެބައްރުގެ ތިން ޓީމުގެ ތެރެއިން އެއް ޓީމުވެސްމެއެވެ. މިއަހަރުގެ މުބާރާތާއި ކުރިމަތިލާއިރު މީގެކުރިން މިހާތަނަށް ގްރޫޕް ސްޓޭޖް ފަހަނަ އަޅައި އެޓީމަށް ދެވުނީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި ފަހަރު އެކަންޏެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ މުބާރާތައް އެ ޓީމު ކޮލިފައިވެސް ނުވެއެވެ.

ކޮލިފައިވީ ގޮތް

Ad
rt

ކެމަރޫން މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ އެ ސަރަހައްދުގެ ދެވަނަ ބުރުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބު ކޮށް ތިންވަނަ ބުރުން ފުރުސަތު ހޯދާ އެ ބުރުގައި ވަރުގަދަ އަލްޖީރިއާއާއި ވާދަކޮށް ކުރި ހޯދައިގެންނެވެ.

މުހިންމު ކުޅުންތެރިން

އެންޑްރޫ އޮނާނާ

އުމުުރުން 26 އަހަރުގެ އޮނާނާ އަކީ މިވަގުތު ކެމަރޫން ޓީމުގައި ހިމެނޭ އެންމެ އިތުބާރު އެއް ގޯލް ކީޕަރެވެ. އިޓަލީގެ އިންޓަ މިލާނަށް މިވަގުތު ކުޅެމުން އަންނަ އޮނާނާ ވަނީ މީގެ ކުރިން އަޔެކްސް އަށް ވެސް ކުޅެފައެވެ. އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު 2018 ވަނަ އަހަރު ހޯދި އޮނާނާ ވަނީ ނިމިގެން ދިޔަ އަހަރު ބޭއްވުނު އެފްރިކަން ކަޕް އޮފް ނޭޝަން ފުތްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާ އެ މުބާރާތުގެ ތިންވަނަ ކެމަރޫން އަށް ހޯދަދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. 2016 ވަނަ އހަރު ކެމަރޫން ޓީމަށް ކުޅެން ފެށި އޮނާނާ ވަނީ މިހާތަނަށް އެ ޓީމަށް 32 މެޗު ކުޅެދީފައެވެ.

ވިންސެންޓް އަބޫބަކާ

އުމުުރުން 30 އަހަރުގެ އަބޫބަކާ އަކީ މިވަގުތު ކެމަރޫން ޓީމުގެ އެންމެ އިތުބާރު ފޯވާޑެވެ. ޔޫރަޕްގެ ގިނަ ކުލަބުތަކަކަށް ވެސް ކުޅެފައިވާ އަބޫބަކާ މިވަގުތު ކުޅެމުން އަންނަނީ ސައުދީ އަރަބިއާގެ އަލް ނަސްރު އެފްސީއަށެވެ. 2010 ވަނަ އހަރު ކެމަރޫން ޓީމަށް ކުލެން ފެށި އަބޫބަކާ ވަނީ މިހާތަނަށް ކުޅެދިން 93 މެޗުގައި 37 ގޯލު ކެމަރޫން ޓީމަށް ޖަހައިދީފައެވެ.

ކޯޗު

ރިގޮބަޓް ސޯންގް އަކީ ކެމަރޫން ޓީމުގެ ކޯޗެވެ. މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ލިވަޕޫލް، ވެސްޓްހަމް އަދި ގަލަތަސަރާއިފަދަ ކުލަބުތަކަށް ކުޅެފައިވެއެވެ.
ސޯންގް ކެމަރޫން ޓީމާއި ހަވާލުވީ މި އަހަރުގެ ފެބުރުއަރީ މަހުގައެވެ. މީގެ ކުރިން އޭނާ މަސައްކަތް ކޮށްފައިވަނީ ކެމަރޫން ޓީމުގެ ކެއަރޓޭކާއެއްގެ ގޮތުގައެވެ. އޭގެ ފަހުން ކެމަރޫންގެ ގައުމީޓީމާއި ހަވާލުވިއިރު، އޭގެ ކުރިން ކޮޗު ކޮށްދެމުން އައީ ކެމަރޫންގެ 23 އަހަރުން ދަށުގެ ޓީމަށެވެ. ނަމަވެސް ކޯޗިންގެ ދާއިރާއިން އަދި މިހާތަނަށް އެއްވެސް ކާމިޔާބީއެއް ހާސިލެއް ނުކުރެވެއެވެ.

ގުރޫޕުގައި އޮތް ފުރުސަތު

ކެމަރޫން ލައްވާލީ ބްރެޒިލް، ސާބިއާ އަދި ސްވިޒަލެންޑް ހިމެނޭ ގުރޫޕް ޖީގައެވެ. މި ގުރުޕުގައި ހައްތާވެސް އޮތީ ވަރުގަދަ ބާރުތަކެވެ. އެހެން ކަމުން ދެވަނަ ބުރުން ޖާގައެއް ހޯދުމަކީ ކެމަރޫންކަށް މާ ފަސޭހަ ކަމަށް ނުވެދާނެއެވެ.