އެކުވެރި ދައުލަތްތައް (އ.ދ)ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް-27) ފަށައިފިއެވެ.

ރެޑްސީގައި އޮންނަ މިސްރުގެ ރިސޯޓެއް ކަމުގައިވާ ޝަރްމުއްޝައިޚްގައި ބާއްވާ މި ސަމިޓްގައި ދުނިޔޭގެ 120 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.

Ad
rt

މި ސަމިޓްގައި މޫސުމާގުޅޭ ފިޔަވަޅުތަކާގުޅޭ ގޮތުން ގައުމުތަކުގެ މެދުގައި ބާއްވާ މަޝްވަރާތައް ދެ ހަފްތާއަށް ދެމިގެން ދާނެއެވެ. އަދި މި ސަމިޓްގެ ސެޝަންތައް ރަސްމީކޮށް ފަށާނީ މާދަމާއެވެ.

މި ސަމިޓްގައި ރާއްޖެއިން ބައިވެރިވާ ވަފްދުގައި އިސްކޮށް ހުންނެވީ ނައިބު ރައީސް، ފައިޞަލް ނަސީމެވެ. މި ސަމިޓްގައި ޤައުމީ ބަޔާނެއް އިއްވުމަށް ހަމަޖެހިފައިވާއިރު، ކޮޕް27ގެ މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާތަކުގައި ނައިބު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ނައިބު ރައީސް، ކޮޕް27ގައި ބައިވެރިވެވަޑައިގެންނެވުމަށް މިސްރަށް ފުރާވަޑައިގެންފި

ރައީސް އޮފީހުން ވިދާޅުވާގޮތުގައި، ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމަޢުއާ ޙިއްޞާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ.

މި ސަމިޓަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި، އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި، އަދި އެކަށީގެންވާގޮތެއްގައި މާލީކަންކަން ފަހިކުރުންފަދަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅާ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާގޫޅޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.

މި ސަމިޓްގައި ދުނިޔޭގެ އެތައް ޤައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، ޢާންމުފަރާތްތަކުން ބައިވެރިވެއެވެ.