2022 ވަނަ އަހަރުގެ ތިން ވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި، ދިވެހިންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 367 މިިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެބޭންކުން ބުނީ ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 367 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 694 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 17 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެބޭންކުން ބުންޏެވެ.

Ad
rt

އެ ނަތީޖާ ހާސިލް ކުރެވިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ލިބުނު ކުރިއެރުމާއި އަދި ރަނގަޅު ލޯނު ޕޯޓްފޯލިއޯ ދެމެހެއްޓިގެން ކަމަށާއި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައިވާ ކަމަށް ވެސް އެބޭންކުން ފާހަގަކުރެއެވެ. މީގެ އިތުރުން ބޭންކަށް ރަނގަޅު ނަތީޖާއަކާއެކު މިއަހަރު ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ.

މި ނަތީޖާއާ ގުޅިގެން ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ލިބުނު ކުރިއެރުމާއެކު، އެ ކުއާޓާގައި ހަރުދަނާ މާލީ ނަތީޖާއެއް ހާސިލްކުރެވިފައި ވާ ކަމަށާއި ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި ދިވެހި ރައްޔިތުންނަށް އެހީވުމާއި ދިވެހިން ޚިޔާރުކުރާ ބޭންކުގެ ގޮތުގައި ދެމިއޮތުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ މިއަހަރަކީވެސް ކާމިޔާބު އަހަރަކަށްވުން. އަދި މި ފުރުސަތުގައި ކަސްޓަމަރުން ދެއްވާ އެއްބާރުލުމާއި ބޯޑު ޑައިރެކްޓަރުން ދެއްވާ އިރުޝާދާއި އެހާމެ ބުރަކޮށް މަސައްކަތް ކުރަމުންދާ އަޅުގަނޑުމެންގެ ޓީމަށް ޝުކުރު އަދާކުރަން،"

ކާލް ސްޓުމްކަ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސާވިސް ބޭންކިން ސެންޓަރު، 140 އޭޓީއެމް، 7،900 ޕޮއިންޓް އޮފް ސޭލް މާޗަންޓުންނާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

ނަމަވެސް ބީއެމްއެމްލްގެ އިންޓަރނެޓް ބޭންކިން އާއި މޮބައިލް ބޭންކިން އަކީ ތަކުރާރުކޮށް ބުރޫ އަރާފައިވާ ޚިދުމަތެކެވެ. އާންމުގޮތެއްގައި މަހުގެ ފަހު ކޮޅާއި މަހުގެ ކުރީކޮޅު (މުސާރަ ޖަމާވާ ދުވަސްވަރު) ޚިދުމަތްތަކަށް ބުރޫ އަރާކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ބޭންކުގެ އޭޓީއެމްތަކުގައިވެސް އަބަދުހެން މައްސަލަ ދިމާވެފައިހުންނަކަން ފާހަގަ ކުރެވެއެވެ.