ފޮރިންމިނިސްޓަރ އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށާއި ނެދަރލޭންޑަށް ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިއީ ރަސްމީ ދަތުރުފުޅެއް ކަމަށާއި އެމަނިކުފާނު ފުރާވަޑައިގެންނެވީ މިއަދު ކަމަށެވެ.

Ad
rt

މި އޮކްޓޯބަރ މަހުގެ 19 އިން އަންނަ ނޮވެމްބަރު މަހުގެ 4 އަށް ކުރައްވާ މި ދަތުރުފުޅުގައި އިނގިރޭސި އާސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވި އެވެ.

އޭގެ ތެރޭގައި، އިނގިރޭސިވިލާތުގެ ސެކެޓްރީ އޮފް ސްޓޭޓް ފޯރ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް ޖޭމްސް ކްލެވަރލީއާއި ބައްދަލުކުރައްވާ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއިގުޅޭގޮތުން ޝާހިދު މަޝްވަރާ ކުރައްވާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއްވި އެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ހަމަނުޖެހުންތަކުގައި ހިންގާ ޖިންސީ އަނިޔާތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް އައްޔަން ކުރައްވާފައިވާ އިނގިރޭސި ބޮޑުވަޒީރުގެ ހާއްސަ މަންދޫބާއި މިނިސްޓްރ އޮފް ސްޓޭޓް ފޯ ދަ މިޑްލްއީސްޓް، ސައުތު އޭޝިއާ އެންޑް ދަ ޔުނައިޓެޑް ނޭޝަންސް، ވިމްބަލްޑަންގެ ލޯރޑް އަހުމަދުގެ އިތުރުން މިނިސްޓަރ ފޯ އޭޝިއާ، އެނާރޖީ ކްލައިމެޓް އެންޑް އެންވިރޮންމަންޓް ދަ ލޯރޑް ގޯލްޑްސްމިތު އާއި ހައުސް އޮފް ކޮމޮންސްގެ މެމްބަރުންނާއި ހައުސް އޮފް ލޯރޑްސްގެ މެމްބަރުން ވެސް ހިމެނޭކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވި އެވެ.

ހަމަމިއާއެކު ޝާހިދުގެ މިދަތުރުފުޅުގައި، އޮކްސްފޯރޑް ޔޫނިއަން ސޮސައިޓީގައި، "ދަ ފިއުޗަރ އޮފް މަލްޓިލޭޓަރިޒަމް" މިމައުޟޫއަށް ތަގުރީރު ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރުހުގައި ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލުގެ އިތުރުން ޖޮއިންޓް ސެކެޓްރީ ޝިއުނީން ރަޝީދުވެސް ބައިވެރިވެ އެވެ.