އުރީދޫ މޯލްޑިވްސް އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މިޔަހެލި ހަތް ވަނަ އެޑިޝަނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލީ މި މަހުގެ 19 ގައެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސޯޝަލް އިނޮވޭޝަން ޗެލެންޖަކީ މަދަނީ ޖަމިއްޔާތަކަށް "އިނޮވޭޝަން ފޯ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ" މި ޝިއާރުގެ ދަށުން ހުޅުވާލާފައިވާ ޗެލެންޖެކެވެ.
މިޔަހެލި 2022 އަށް ޝައުގުވެރިވާ މަދަނީ ޖަމިއްޔާތަކުން https://bit.ly/3Tak3Le މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ ޔޫއެންޑީޕީ މޯލްޑިވްސްއާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ހައްލު ހޯދުމާއި، މުޖުތަމައަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މިޔަހެލި ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު މި އަހަރުވެސް މި ހުޅާވަލީ ނުހަނު އުފަލާއެކު ކަމަށެވެ. އަދި މިއަހަރުގެ މިޔަހެލިއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ޚިޔާލުތައް ހަގީގަތަކަށް ހަދައި، ރައްޔިތުންނަށާއި، ދުނިޔެއަށް ފާގަތި މުސްތަގުބަލެއް ކަށަވަރުކުރުމަށްޓަކައި ފުރުސަތުތައް ތަނަވަސްކޮށް، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
“މިއަހަރުގެ ބައިވެރިންގެ ފަރާތުންވެސް އީޖާދީ އަދި މުހިންމު ހައްލު ތަކާއެކު ވަރަށް ފުރިހަމަ ކޭމްޕް އެއް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް." ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ބައިވެރިވާ ޓީމުތަކަށް ބޭނުންވާ ވަސީލަތްތަކާއި އިތުރު ޢިލްމާއި އިރުޝާދު މެންޓަރުންނާއި ފެސިލިޓޭޓަރުންގެ ފަރާތުން އެފަރާތްތަކުގެ ޚިޔާލުތައް ބިނާކުރުމަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބައިވެރިވާ ޓީމްތަކަން މުޖުތަމައުއަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިސްނައިގެން ގެންނަން ބޭނުންވާ މުހިންމު އިޖުތިމާއީ ބަދަލުތައް ދެނެގަނެ އެހިޔާލުތައް އިތުރަށް ފުރިހަމަކުރުމަށް އުރީދޫ އާއި ޓެކްނިކަލް ދާއިރާތަކުން ބައިވެރިވާ މެންޓަރުން އެހީތެރިވުމަށް ޓީމްތަކާއެކު ހަރަކާތްތެރިވާނެއެވެ.
މިޔަހެލި ސޯޝަލް އިނޮވޭޝަން ޗެލެންޖުގެ ސަބަބުން މަދަނީ ޖަމްއިއްޔާތަކުގެ އާންމު ހަރަކާތްތަކުގެ ބޭރުން އީޖާދީ ހައްލުތައް ހޯދުމަށް ހިތްވަރު ލިބިގެންދާނެއެވެ.
މިޔަހެލި ކޭމްޕްގައި ބައިވެރިވުމަށް 13 މަދަނީ ޖަމިއްޔާއެއް ހޮވުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 3 ޖަމިއްޔާއެއްގެ ހިޔާލު ޕައިލެޓް ކުރުމުގެ ފުރުސްތު ލިބިގެންދާނެއެވެ.

މޮޅުވާ ތިން ޓީމަށް ތިން ލައްކަ ރުފިޔާގެ ސީޑް ފަންޑިންއާއި، ހުށަހަޅާފައިވާ ބަޖެޓާއި ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެންޓަޝިޕް ދިނުމަށް ހަމަޖެހިފައިވާއިރު، އެ ޚިޔާލުތައް ކުރިއެރުވުމަށް މިޔަހެލި ޕްރޮގްރާމް އިން މަސައްކަތްކުރާނެއެވެ. މިޔަހެލީގެ ގްރާންޓް ލިބޭ 3 ފަރާތުން 2 ސްލޮޓް ހާއްސަކުރާނީ މާލެ ސަރަހައްދުން ބޭރުގައި ހިންގާ މަދަނީ ޖަމިއްޔާތަކަށެވެ.
މިޔަހެލި 2022 އަކީ އުރީދޫ މޯލްޑިވްސް އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން 2016 ވަނަ އަހަރު ރަސްމީކޮށް ތައާރަފްކުރި ސޯޝަލް އިނޮވޭޝަން ކޭމްޕެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!