ސަރުކާރު މިހާރު އުޅެނީ ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން ކަމަށާއި މި ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ޑރ. މުނައްވަރު އިއްޔެ ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މޮރިޝަސްއަށް ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ލިބިއްޖެނަމަ އެކަން ވެގެން ދާނީ މުޅި ދެކުނުގެ މަސްވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަކަށް ކަމަށެވެ. އަދި މޮރިޝަސް އަކީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުން ދާ އަޅައިގެން މަސްވެރިކަން ކުރުމަށް އެހެން ގައުމުތަކަށް ހުއްދަދީ އެކަމުން ނަފާ ހޯދާ ބައެއް ކަމަށެވެ.

Ad
rt

މީގެ އިތުރުން ސަރުކާރުގެ އަމަލާއި ވާހަކަތައް ހުރި ގޮތުން މިކަމުގައި އިންޑިއާގެ ދައުރާއި ނުފޫޒު އޮތް ކަމަށް ގަބޫޫލު ކުރެއްވޭ ކަމަށާއި މޮރިޝަސް އަކީ އިންޑިއާއާ ވަރަށް ބޮޑު ގުޅުމެއް އޮތް ގައުމެއް ކަމަށް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި މޮރިޝަސްގެ އާބާދީގެ ބޮޑު ބަޔަކީ ވެސް އިންޑިއާ ނަސްލުގެ މީހުންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރުކަން ވެސް ކުރައްވަނީ އިންޑިއާ ނަސްލުގެ ބޭފުޅެއް ކަމަށެވެ.

އިންޑިއާއިން ރާއްޖޭގެ މެދާއި އުތުރުގައި އަދި ލ އަތޮޅުގައި ވެސް ބަނޑަހަ ޖަހައިފި ކަމަށާއި މި މައްސަލާގައި އިންޑިއާގެ ނުފޫޒު އޮތުމުގެ ފުުރުސަތު ބޮޑު ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ޑރ. މުނއްވަރު ވިދާޅުވީ އެ ވާހަކަ ވިދާޅުވަނީ ސިޔާސީ ވެގެން ނޫން ކަމަށާއި އެއީ ރާއްޖެ މިހާރު އޮތް ހާލަތުން ވިދާޅުވާން ޖެހޭ ވާހަކައެއް ކަމަށެވެ.