ޗާގޮސްގެ މައްސަލައިގާ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި އެވެ.

މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި މި މައްސަލަ ބަލައިގަތީ 54 މެންބަރުން ވޯޓާއެކުގަ އެވެ. މި މައްސަލަ ބައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެކަންޏެވެ.

Ad
rt

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލޭފަދަ ގޮތަކަށް ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލުނުކުރުމަށް ސަރުކާރަށް ގޮވާލާ ޗާގޮސްގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ، މިހާރުވަނީ ބަހުސް ކުރަން ފަށައިފަ އެވެ.

ކުއްލި މައްސަލައިގާ އާދަމް ޝަރީފް ވިދާޅުވެފައިވަނީ ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަމާއި އެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުުން ފާސްކުރާ ގާނޫނަކުން ކަމުގައި ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާގޮތުގެ މަތިން ކަމުގައި ގާނޫނު އަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އައްޑޫ ސިޓީގެ ދެކުނުން، ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގެ ބައެއް ހިމެނޭ ގޮތަށް، ފޯޅަވައްސާއެކު އޮންނަ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެގޮތުގައި ހަމަޖެއްސުމަށް އެ ޤައުމުން އިންޓަނޭޝަނަލް ޓްރިބިއުނަލް ފޮރ ލޯވް އޮފް ދަ ސީއަށް ހުށަހަޅާފައިވާ މައްސަލައިގައި، ރާއްޖެއިން މިހާތަނަށް ވަކާލާތުކޮށްފައިވަނީ މޮރިޝަސްއާ ދެކޮޅަށް. މޮރިޝަސްއަށް ތާއީދުކޮށްފިނަމަ، ރާއްޖޭގެ ހާއްސަ އިޤުތިޞާދީ ސަރަހައްދުން ބައެއް ގެއްލޭނެކަމުގެ ބިރު ބޮޑުވާތީއާއި އަލުން އެ ސަރަހައްދު ހޯދުމުގައި ބައިނަލްއަޤުވާމީގޮތުން ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވާނެކަމަށް ބެލެވޭ." ކުއްލި މައްސަލައިގާ އާދަމް ޝަރީފް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އަދު ކުއްލިއަކަށް ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކުރުމުގެ ސަބަބުން ޗާގޯސް އިން ރާއްޖޭގެ ހާއްސަ އިޤުތިޞާދީ ސަރަހައްދު ގައި ހިމެނޭ ބައި ގެއްލޭނެތީ އާއި އެކަމުގައި ރާއްޖޭގެ ޙައްޤު ހޯދުމުގެ ބަސް ބުނުމުގެ ދޮރު ރާއްޖެއަށް އެއްކޮން ބަންދުވާނެ ކަމަށް ވެސް މައްސަލައިގާ ވަނީ ފާހަގަކުރައްވާފަ އެވެ.

ޗާގޮސްގެ މައްސަލައަކީ ރާއްޖޭގެ ސިޔާދަތީ، ހާރިޖީ، އިގްތިސާދީ މަސްލަހަތުތަކާ ނުހަނު ގުޅުންހުރި މައްސަލައަކަށްވާތީވެ، ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ރާއްޖެއަށް ގެއްލުން ލިބޭފަދަ ގޮތަކަށް ސަރުކާރުގެ ސްޓޭންޑާއި ސިޔާސަތު ބަދަލުކޮށްފައިވާ މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިކަމުގެ ފުރިހަމަ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަށާއި، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ކޮޑި އިންޗިއެއް ވެސްް ގެއްލޭގޮތަށް ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑު ބަދަލުނުކުރުމަށް، މި މައްސަލައިގާ ސަރުކާރަށް ވަނީ ގޮވައިލާފަ އެވެ.