ފ. އަތޮޅުގެ މައްސަލައިގާ ނުކުންނެވީ ރައީސް ޔާމީން ވީމައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ މިފަދައިން ވިދާޅުވީ ޗާގޯސް މައްސަލައިގައި، އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

މި މައްސަލައަށް ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މައްސަލާގައި ދެކޮޅަށް ނުކުންނެވީ، ރައީސް ޔާމީން އެކަން ކުރައްވާތީ ނޫން ކަމަށާއި އަދި ފައިސާގެ މައްސަލައެއްގައި ވެސް ނޫން ކަމަށެވެ.

އެގޮތުން "ފ. އަތޮޅޭ" ކިޔާފަ އޭރު ވެސް ނުކުންނެވީ، ރާއްޖޭގެ ރަށެއް ނުވަތަ އަތޮޅެއް އަދި ގައުމުން ބައެއް ގެއްލިދާނެތީ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުންވި ޔަސް ނުވަތަ ބިމުން ވިޔަސް އެންމެ އަކައިންޗިއެއް ވެސް ދޫވެގެންދާން ބޭނުން ނުވާތީ ކަމަށް އީވާ ވިދާޅުވި އެވެ.

ޗާގޯސް ގެ މައްސަލައިގާ ސަރުކާރުން ވިދާޅުވެފައިވަނީ ރާއްޖޭގެ ދެކުނުން އިގްތިސާދީ ސަރަހައްދުން ބައެއް، ފޯޅަވަހީގެ ސަރަހައްދުގެ ތެރޭގައި ހިމެނޭކަމަށް މޮރިޝަސް އިން ބުނާ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ބަދަލު ނުވާކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމި ނިންމުމާއި، މޮރިޝަސްއިން ފޯޅަވަހީގެ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ހިސާބު، ރާއްޖޭގެ އިގްތިސާދީ ސަރަހައްދާ ފުށުއަރާ މައްސަލައިގައި ގޮތެއް ނިންމުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ.

"ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެކަމަށް އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަން ނެރުމުން، އެކަމަށް އދގެ ގިނަ ޤައުމުތަކުން މިހާރު ވަނީ ތާއީދުކޮށްފައި" މިއުވާން ވިދާޅުވި އެވެ.

މީގެ އިތުރުން ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރެއްގައި ދިވެހިރާއްޖެއިން ދައުވާއެއް ނުކުރާ ކަމަށާއި މިމައްސަލައިގެ އިތުރު ތަފްސީލް، މައްސަލައިގެ އަޑުއެހުންތައް މިއަދު ނިމުމުން ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރައްވާނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.