ރާއްޖޭގައި މި ފަހަކަށް އައިސް މަދަހަ ކިޔާ ޒުވާނުން އަންނަނީ އިތުރުވަމުން ނެވެ. އެކުދިން ކިޔާފައި ހުންނަ މަދަހަތަކަށް އާންމުންގެ ތައުރީފު ވެސް އޮހެއެވެ.
މީގެކުރިން ތަފާތު އެކި ފަންނާނުން ކިޔާފައިވާ މަދަހަތަކާއި އަލަށް އުފައްދާފައިހުންނަ މަދަހަތައް ޒުވާން "ނޫކަށި" ފުރައިގެ ކުދިންގެ އަޑުން ކިޔާލުމުން ނުހަނު ހިތްގައިމެވެ.
އެގޮތުން "ސައުންޑް ކްލައުޑް" އަށް އަޕްލޯޑު ކޮށްފައިވާ "ގުރުބާނީ" މަދަހައަށް އަންނަނީ ގިނަބައެއްގެ ސަމާލުކަން ލިބެމުން ނެވެ. މިއީ ރައުލާ އަބްދުއްސަލާމް ކިޔާފައިވާ މަދަހަ އެކެވެ. މި މަދަހައިގެ ލިރިކްސް އަދި މެލޮޑީ ހަދާފައިވަނީ އަބްދުﷲ ފަރީދެވެ.
ޓޮނިކް ލައިވް ސްޓޫޑިއޯ ގައި ރެކޯޑިންގ ހަދާފައިވާ މި މަދަހައިގެ މިކްސިންގ އަދި މާސްޓަރިންގ ހަދާފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ގިނަބަޔަކަށް ލަވައާއި މަދަހަ ދަސްކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ) އެވެ.
މި މަދަހައަކީ ދަރިއަކު ބަލިވެ، އުޅުނު އިރު މަންމައެއްގެ ފަރާތުން ލިބުނު އަޅާލުމާއި އެހީތެރިކަމުގެ މައްޗަށް ތައުރީފުގެ ބަސްތައް އަމުނާލާފައިވާ މަދަހަ އެކެވެ.
އެގޮތުން ދަރިފުޅު ބަލިވެ، އޮތް ހިނދު ދިން ލޯތްބަށް އަގެއް ނުކުރެވޭނެ ކަމަށާއި އެތައް ރެޔަކު ދަރިފުޅުގެ ހައްގުގައި ދެލޯ ކަރުނައިން ފޫއްދާލާފައިވާ ކަމަށާއި ކިތަންމެ ކުޑަ ތުރާލެއް އަޔަސް މަންމަ ރޯ ކަމަށް އަސަރާއެކު ވަނީ ކިޔައިދީފަ އެވެ.
މި މަދަހަ ފޭސްބުކް، ޓްވިޓަރ އަދި ސްނެޕްޗެޓް ފަދަ މަންސަ (ޕްލެޓްފޯމް) ތަކުގައި "ވައިގާ" ހިފާފައިވާ އިރު، ތައުރީފުގެ ބަސްތަކާއެކު އެ މަންސަތަކުގައި އަންނަނީ މި މަދަހަ ހިއްސާ ވެސް ކުރަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!