ކޯވިޑްގެ ޕެންޑަމިކަށް ފަހު ދަތުރުވެރިންނަށް ލުއި ދީފައިވާ ގައުމުތަކުގެ އަދަދު 118 އަށް އަރައިފި އެވެ.

ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ 118 ގައުމުން ވެކްސިން ނުޖަހާ ދަތުރުވެރިންނަށް އެ ގައުމުތަކަށް އެތެރެވުމުގެ ފުރުސަތު ދީފައިވެ އެވެ. އޭގެ ތެރެއިން 17 ގައުމަކުން އަދިވެސް އެމެރިކާ ދަތުރުވެރިން އެ ގައުމުތަކަށް އެތެރެވުން އޮތީ މަނާކޮށްފައި އެވެ.

Ad
rt

ރިޕޯޓުތައް ބުނާގޮތުގައި ވެކްސިން ނުޖެހި ނަމަވެސް އެތެރެވޭ ގައުމުތަކުގެ ތެރެއިން ބައެއް ގައުމުތަކުގައި އަދިވެސް ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް ބޭނުންވާއިރު ކަރަންޓިންވާން ޖެހޭ ގަވައިދުތަކެއް އެބައޮތެވެ.

މިފަހުން ކޯވިޑް ގަވައިދަށް ލުއި ދިން ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔުއޭއީ) ހިމެނެ އެވެ. އެގައުމުގެ ވެރިރަށް އަބޫދާބީއަށް ދަތުރު ކުރާ މީހުން ދަތުރަށް ފެށުމު ކުރިން ޕީސީއާރު ޓެސްޓު ހެދުން މަޖުބޫރުކޮށްފައި އޮތް އޮތުން ވަނީ އުވާލާފައި އެވެ. އަދި ދުބާއީއަށް ދާމީހުންނަށް 30 ދުވަހުގެ ތެރޭގައި ކޯވިޑް ޖެހިފައި ވާނަމަ ގެންދަން ޖެހޭ ލިޔުންވެސް ގެންދާކަށް ނުޖެހެ އެވެ.

އިތުރަށް ލުއިދިން ގައުމުތަކުގެ ތެރޭގައި ޖަޕާން، ބޫޓާން، ކެނެޑާ، ބަހާމާސް އަދި ނިއުޒިލޭންޑް ހިމެނެ އެވެ. ނަމަވެސް އަދިވެސް ވެކްސިން ނުޖަހާ މީހުންނަށް ހުޅުވާ ނުލާ ގައުމުތަކުގެ ތެރޭގައި، އެމެރިކާ، ޗައިނާ އަދި އިންޑޮނީޝިއާގެ އިތުރުން ފިލިޕިންސް ހިމެނެ އެވެ.

ދަތުރުވެރިންނަށް ދެމުންދާ ލުއިތަކާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އެމެރިކާގެ ޖޯން ހޮޕްކިން ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިންގެ އިންފެކްޓިއަސް ޑިޒީސް އެޕިޑެމޮލޮޖިސްޓް ޑޭވިޑް ޑައުޑީ ވިދާޅުވީ މިފަދަ ކޮންމެ ފިޔަވަޅަކުން އެނގިގެން ދަނީ ޕެންޑަމިކްގެ އާ ފޭސްއަކަށް ގައުމުތަށް މިހާރު ދަތުރުކޮށްފައިވާ ކަމެވެ. އަދި ކަންކަން އެ ގައުމުތަކުގައި ހަމަޔަކަށް އެޅިފައިވާ ކަމެވެ.

އާންމުކޮށް ދަތުރު ކުރުމަށް ލޯބި ކުރާ މީހުން މިހާރު ޗުއްޓީ ދަތުރުތައް ރާވަނީ ކޯވިޑާއި ގުޅިގެން ރައްކާތެރި ކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެން ކަމުން 2023 ވަނަ އަހަރު ދުނިޔޭގެ ދަތުރު ފަތުރުގެ ހާލަތު ކޯވިޑްގެ ކުރިން އޮތް ހާލަތަށް ގާތް ގަނޑަކަށް ދާނެ ކަމަށް ލަފާ ކުރެ އެވެ.