ރާއްޖެ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީ އާއި ދެމެދު އަލަށް ދަތުރު ކުރަން ފެށި ވިޒް އެއާގެ ދަތުރުގެ ދިގު މިނަށް ބައިނަލްއަގުވާމީ މީޑިއާގައި ފާޑުކިޔައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ދަތުރަށް އެ އެއާލައިނުން 700 ކިލޯ މީޓަރުގެ ދަތުރެއް ކުރެ އެވެ. އެއީއަބޫދާބީން ވީއައިއޭއަށް 5 ގަޑިއިރާއި 20 މިނެޓު އަދި ވީއައިއޭއިން އަބޫދާބީއަށް ފަސް ގަޑިއިރާއި 50 މިނެޓުގެ ދަތުރެކެވެ.
އެއީ އާންމުކޮށް އެހެން އެއަރލައިންތަކުން ދަތުރު ކުރެވޭ ވަރަށް ވުރެ 40 ޕަސެންޓު އިތުރު ވަގުތެވެ.

ވިޒް އެއާއިން ދަތުރު ކުރަނީ އިންޑިއާ އާއި ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދުންނާއި ގަލްފް އޮމާން އާއި އޮމާންގެ މަތިންނެވެ. ދަތުރު ދިގުވަނީ ކަނޑުގެ ސަރަހައްދަށްވުރެ އެއްގަމު ސަރަހައްދުގައި ދުއްވަން ޖެހޭތީ އެވެ.
އޭގެ މައިގަނޑު ސަބަބަކަށް ވަނީ އެ އެއާލައިންގެ ފްލައިޓުތަކުގައި އެކްސްޓެންޑެޑް ރޭންޖް ޓްވިން އިންޖީން އޮޕަރޭޝަންސް ޕާފޯމަންސް ސެޓްފިކެޓު ނެތުމެވެ. އޭވިއޭޝަން ގާނޫނު ބުނާގޮތުން އެ ސެޓްފިކެޓް ނެތްނަމަ ގިނަ ވަގުތު ކަނޑުގެ ސަރަހައްދުން ފްލައިޓަށް ދަތުރެއް ނުކުރެވޭނެ އެވެ.

މި ވަގުތަކީ މިހާރު ޔޫއޭއީއަށް ރާއްޖެއިން ދަތުރު ކުރާ އެއާލައިން ތަކާއި އަޅާ ބަލާ ވަރަށް ގިނަ އިރެވެ.
މިދަތުރު ކުރާ އެއާލައިންތަކުގެ ތެރެއިން އިއްތިހާދު އެއާވޭސް އިން އެ ގައުމުގެ ވެރިރަށް އަބޫދާބީން ރާއްޖެއަށް ކުރާ ދަތުރަށް ހޭދަވަނީ 4 ގަޑިއިރާއި 15 މިނެޓެވެ. ވީއައިއޭއިން އަބޫދާބީއަށް ކުރާ ދަތުރަށް ހޭދަވަނީ 3 ގަޑިއިރާއި 55 މިނެޓެވެ.
ވިޒް އެއާއިން ރާއްޖެއަށް ދަތުރު ފެށީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ އެއާލައިނުން މިމަހު ހަފްތާއަކު ހަތަރު ދުވަހު ކުރެ އެވެ.
އެއީ އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. ދަތުރު ތަކުގެ އަދަދު އަންނަ މަހު ޑިމާންޑަށް ބެލުމަށް ފަހު އިތުރު ކުރާނެ ކަމަށް އެއާލައިނުން ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!