ނެކްޓަން މޯލްޑިވްސް މިޝަންގެ ސައިންޓިސްޓުން ރާއްޖޭގެ ފުންކަނޑުތަކުގައި ކުރި ދިރާސާގައި، ދުނިޔޭގައިވެސް ވަރަށް މަދުން ފެންނަ މިޔަރުގެ ބާވަތެއްކަމަށްވާ "ބްރެމްބަލް ޝާރކް" ރާއްޖޭގެ ފުން ކަނޑުތަކުން ފެނިފައިވާކަމަށް ހާމަކޮށްފި އެވެ.
މި ދިރާސާ ހިންގުމުގައި ނެކްޓަން އާއިއެކު އިސްވެ ހަރަކާތްތެރިވާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ޑިރެކްޓަރ ޖެނެރަލް، ޝާފިޔާ ނަޢީމް ހާމަކުރެއްވި ގޮތުގައި، ފަރުތަކުގެ ތިލަ ސަރަހައްދުތަކުގައި އުޅޭ މިޔަރުގެ ދިރާސާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވޭކަމަށާއި، ނަމަވެސް ފުން ކަނޑުތަކުގައި އުޅޭ މިޔަރުގެ ތަފާތު ބާވަތްތަކާއި ބެހޭ މައުލޫމާތު މި ދެނެގަނެވެނީ މުޅިން އަލަށްކަމަށެވެ.
މި ދިރާސާގައި ފެމުނާއި، މަޑުމިޔަރާއި، ދަތްގަނޑު މިޔަރާއި، ކަށިމިޔަރާއި، ކާލިގަނޑު މިޔަރާއި، އައިންމަތީ މިޔަރުގެ އިތުރުން ދުނިޔޭގައިވެސް ވަރަށް މަދުން ފެންނަ މިޔަރުގެ ބާވަތެއްކަމަށްވާ "ބްރެމްބަލް ޝާރކް" ރާއްޖޭގެ ފުން ކަނޑުތަކުން ފެނިފައިވާކަމަށް ހާމަކުރެއްވި އެވެ.
"މި ދިރާސާގައި އަޅުގަނޑުމެން ނަގާފައިވާ ވީޑިއޯތަކާއި، އަޑިއަށް ދަތުރުކުރި ސަބްމަރސިބަލްތަކުން ނެގި ސާމްޕަލްތަކާއި، ސަރވޭ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހިންގުނު ސޯނާރ މެޕިންގ މަސައްކަތްތަކުން ދައްކައިދެނީ، ފުން ސަރަހައްދުތަކުގައި އުފެދިފައިވާ ތަފާތުތަކުގެ ދެމެދުގައި ނުވަތަ "ސަބްސީ ލޭންޑްސްކޭޕް" ގައި ތާށިވެފައިވާ އެކި ބާވަތުގެ ކުދި ދިރުންތައް ނުވަތަ "މައިކްރޯ ނެކްޓަން" ކައި ހެދުމަށް، މިޔަރާއި އެ ނޫންވެސް ބޮޑެތި މަސްމަހާމެހި އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވެ އުޅޭކަން"
ނެކްޓަންގެ ޕްރިންސިޕަލް ސައިންޓިސްޓް ޕްރޮފެސަރ ލޫސީ ވުޑޯލް މި ދިރާސާގެ ހޯދުންތަކުގެ މައްޗަށް އަލިއަޅުވާލަމުން ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ އަތޮޅުތަކުގެ ބިންގާ ކަމަށްވާ އަލިފާން ފަރުބަދައިގެ ކަނޑު އަޑީގެ ބިންގަނޑުތަކުގައާއި، މަރުވެފައިވާ ދިރުން ނުވަތަ "ފޮސިލައިސްޑް ކާރބަން" ހިމެނިގެން އުފެދިފައިވާ ގަދީމީ ފަރުތަކުގައި ގުންޑޮޅި ތެދު އުސް ބިންތަކާއި، ގުންޑޮޅި ފެތުރިފައިވާ ބިންތައް ހިމެނިފައި ވުމަކީ، ހީވާގޮތުގައި، މައިކްރޯ ނެކްޓަން ދުވާލުގެ ވަގުތުތަކުގައި ފުން ކަނޑަށް އަނބުރާ ދިއުމަށް ހުރަސްއެޅޭ ސަބަބެއްކަމަށާއި މި"ވަރޓިކަލް މައިގްރޭޝަން" އަކީ ދުނިޔޭގައި ކޮންމެ ރެއަކު ހިނގާ އެންމެ ބޮޑު ހިޖުރަކުރުން ނުވަތަ މައިގްރޭޝަންކަމަށްވެސް ބުނެފައިވެއެވެ. ރައްކާތެރި ފުން ސަރަޙައްދަށް ހިޖުރަ ނުކުރެވި ތާށިވާ މިދިރުންތައް ވާނީ ކަނޑުގެ މެދު ފަށަލައިގައި އުޅޭ ކަނޑުމަހާއި މިޔަރު ފަދަ، އަދި ފުނުގައި އުޅޭ ސްޕައިކީ އޯރިއޯއާއި، އަލްފޮންސީނޯ ފަދަ ބިޔަ ދިރުންތަކުގެ ޝިކާރައަކަށެވެ.
މާކަނޑުގައި އުފެދިފައި ހުންނަ ތިލަތަކުގައި އެ ސަރަޙައްދުތަކުގައި އުޅޭ ކުދި ދިރުންތައް ތާށިވުމުގެ ސަބަބުން އެ ސަރަޙައްދުތަކުގައި އެކި ބާވަތުގެ މަސްމަހާމެހީގެ އާބާދީ އާލާވުމަށް ބާރުއަޅާކަން އެނގިފައި ވީނަމަވެސް، ރާއްޖެ ފަދަ ޤައުމެއްގެ ރަށްތަކުގެ ޖިއޯމޯފޮލޮޖީ އަދި ބަޔޮލޮޖިކަލް ޕެރަމީޓަރތަކާއި މި ތާށިވުން މީގެ ކުރިން ގުޅުވިފައެއް ނުވެއެވެ.
"މުރަކައިން އުފެދިފައިވާ ޖަޒީރާ ދިވެހިރާއްޖެ މިވަގުތު މިދަނީ އިންސާނުންގެ ހަރަކާތްތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ބިރުވެރިކަން ތަހަންމަލުކުރަމުން. އަޅުގަނޑުމެންގެ ދެމިއޮތުމަށްޓަކައި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ސައިންސުގެ އަލީގައި ހޯދޭ ހައްލުތަކެއް ބޭނުންވޭ"
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވިއެވެ.

މި ދިރާސާގައި އެއްކުރެވުނު ވީޑިއޯ އަދި ބަޔޮލޮޖިކަލް މަޢުލޫމާތު އެނަލައިޒް ކުރުމުގެ މަސައްކަތް ރާއްޖޭގައާއި، އޮކްސްފޯރޑް ގައި ހުންނަ ނެކްޓަންގެ ހެޑްކުއާޓަރސްގައި އަދި ދިރާސާގައި ބައިވެރިވި އެހެން ޕާރޓްނަރުންގެ ލެބޯޓްރީތަކުގައި ކުރިއަށް އެބަދެއެވެ. މި ދިރާސާގެ ނަތީޖާތަކަކީ ދިވެހިރާއްޖެ ފަދަ އެހެން ޖަޒީރާ ގައުމުތަކަށްވެސް ފައިދާކުރާނެ މަޢުލޫމާތުތަކެވެ. އަދި މީގެ އިތުރުން މަސްވެރިކަން ދެމެހެއްޓުމަށާއި، މޫސުމީ ބަދަލުތަކުން ރައްކާތެރިވެ ތިބުމަށްވެސް މި މަޢުލޫމާތުތަކަކީ މުހިންމު މައުލޫމާތުތަކެކެވެ.
ނެކްޓަންގެ ކުރީގެ މިޝަންތަކުން ވެސް ވަނީ އެތަކެއް އާ ސައިންޓިފިކް މަޢުލޫމާތު ހޯދިފައެވެ. އެގޮތުން ނެކްޓަން އިން ބާމިއުޑާގައި 2016 ވަނަ އަހަރު ހިންގި އެކްސްޕެޑިޝަންގައި ވަނީ ވަރަށް ފަނޑުކޮށް އަލި ލިބޭ ސަރަހައްދުން "ރަރިފޯޓިކް ޒޯން" ނަމަކަށް ކިޔާ އާ އިކޯސިސްޓަމެއް ކަނޑުގެ ސަތަހައިގެ 120 މީޓަރާއި 300 މީޓަރާއި ދެމެދު އޮންނަކަން ކަށަވަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!