ދުނިޔޭގެ އެންމެ ބޮޑު ކެމެރާ ހެދުމުގެ މަސައްކަތް ނިމުމަކާއި ވަރަށް ގާތްވެފައިވާކަމަށް އެމެރިކާގެ ކެލިފޯނިއާގެ ސްޓެންފޯޑު ލީނިއާ އެކްސެލެރޭޓާ ސެންޓަރު (އެސްއެލްއޭސީ)ގެ ގައުމީ ލެބޯޓަރީ ހާމަކޮށްފި އެވެ.

އެ ލެބޯޓްރީގެ ޓީމުން އެ މަސައްކަތް ފެށީ މީގެ ހަތް އަހަރު ކުރިންނެވެ. މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ހައްނާ ޕޮލެކް ބުނީ ކެމެރާގެ އޮނިގަނޑާއި މެކޭނިޒަމްގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. ދެން އޮތީ ކެމެރާގެ ފަހުގެ މަންޒިލް ކަމަށްވާ ޗިލީގެ ވީރާ ސީ ރުބިން އޮބްޒަވާޓްރީއަށް ގެންދިއުމެވެ. އެތަނަކީ ފަރުބަދަ މަތީގައި ހަދާފައިވާ ތަފާތު ދިރާސާ ކުރާ ތަނެކެވެ.

Ad
rt

ކެމެރާ އެތަނަށް ގެންގޮސް އެ އޮބްޒަވާޓްރީގައި ހުންނަ ޓެލެސްކޯޕަކާއި ގުޅާލާނެ އެވެ. އަދި ކައުނުގައިވާ ރީތި މަންޒަރުތައް ސާފުކޮށް ފޮޓޯ ނެގޭނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކެމެރާގެ ސެންސަރު ތައްޔާރުކޮށްފައިވަނީ ތަފާތު 189 ވައްތަރެއްގެ ޑިވައިސް ބޭނުން ކޮށްގެންނެވެ. އަދި ކޮންމެ ޑިވައިސްއަކުން 16 މެގަޕިކްސެލްގެ ފޮޓޯ ނެގޭނެ އެވެ. އެ ސެންސަރުތައް ބަހައްޓާފައި ހުންނަނީ ވަރަށް ހައި ކޮލިޓީ 21 ސެންސަރުގެ މަތީގައި އެވެ. އެ ހައި ކޮލިޓީ ސެންސަރު ބޭނުންކޮށްގެން ކެމެރާއިން ނަގާ ފޮޓޯތަކުގެ މުހިންމު ޕޮއިންޓައް ވަރަށް ތަފްސީލް ކޮށް ފެންނާނެ އެވެ.

އެސްއެލްއޭސީއިން ބުނީ ހައި ކޮލިޓީ ކޮންމެ ސެންސަރެއް އެ ޔުނިވާސިޓީން ހަދާފައިވަނީ ތިން މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެންކަމަށެވެ. ކެމެރާގެ ބޭރުގައި ހަރުކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު ލެންސުގެ ހުރަސްކޮށް 1.75 މީޓަރު ހުރެ އެވެ.

އެ ކެމެރާ ބޭނުންކޮށްގެން ނަގާ ފޮޓޯއިން އުޑުމަތީގެ 3.5 ޑިގްރީ ދުރުމިން ފެންނާނެ އެވެ. އޭގެ މާނައަކީ އާންމުކޮށް ދުނިޔެއަށް ހަނދު ފުރިހަމަވެފައި ހުންނަ ރެއެއްގައި ހަތް ގުނަ ކައިރިން ރީތިކޮށް ސާފުކޮށް ފެންނާނެ އެވެ. އަދި ކެމެރާއިން ކޮންމެ 15 ސިކުންތަކުން މަންޒަރުތައް ރެކޯޑު ކުރެވޭނެ އެވެ.

އެ ޓީމަށް އަދި ހައްލު ނުކުރެވިގެން އުޅޭ މައްސަލައަކީ ކެމެރާއަށް ހޫނު ނުވާނެ ގޮތަކަށް އަބަދުވެސް ފިނިކޮށް، ފިނިހޫނުމިން އެއްވަރެއްގައި ބެހެއްޓޭނެ ގޮތެވެ. އާންމުކޮށް އިލެކްޓްރޯނިކް ސާމާނަކީ ބޭނުން ކުރާ ވަރަކަށް ދޮން ބޮޑުވާ އެއްޗިއްސަށް ވާތީ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓޭނެ ގޮތެއް ހޯދަން ކުރަންޖެހޭ ޓެސްޓުތައް އަދިވެސް ދަނީ ހަދަމުންނެވެ.

މީގެ އިތުރުން ކެމެރާގެ ލެންސް ހުރަސް ކުރާ ގަދަ ވައިރޯޅިއާއި އަލިތައް ނުވަތަ ވިދުވަރުން ސަލާމަތް ކުރަން ފިލްޓަރެއް ހަރުކުރުމުގެ މަސައްކަތްވެސް ކުރަން ޖެހެ އެވެ. އެ ފިލްޓަރުތައް މިހާރު ފްރާންސްގައި ތައްޔާރު ކުރަމުންދާއިރު އެ ފިލްޓަރު ކެމެރާގައި ހަރުކުރުމުން ދެ މިނެޓު ތެރޭގައި ކެމެރާ ހަމައަކަށް އަޅުވާލާނެ އެވެ.

މި ކެމެރާއަކީ 3200 މެގަޕިކްސެލްގެ ކެމެރާއެކެވެ. މި ކެމެރާ ޗިލީއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވައިގެ މަގުން ޑައިރެކްޓު ފްލައިޓެއްގައި އެވެ.

ތާވަލާއި އެއްގޮތަށް ކެމެރާގެ މަސައްކަތް ނިންމައި ޗިލީއަށް ގެންގޮސް ތައްޔާރީ ހާލަތަށް ގެނެވިއްޖެ ނަމަ އަންނަ އަހަރު ފޮޓޯ ނަގަން ފެށޭނެ އެވެ.