މާލޭ ސިޓީ ކައުންސިލުގެ "މާލެ ފެހި" އައުޓްލްޓް އާންމުންނަށް ހުޅުވާލައިފި އެވެ.

ކާނިވާ ސަރަހައްދުގައި ގާއިމްކުރި “މާލެ ފެހި” އައުޓްލެޓް އާންމުންނަށް ހުޅުވާލާފައިވަނީ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އެވެ.

Ad
rt

މިއީ އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ “އެއްލައްކަ ގަސް” ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމްކުރި އައުޓްލެޓެކެވެ.

މި ރަސްމިއްޔާތުގައި މީޑިއާ އަށް މައުލޫމާތު ދެއްވަމުން މޭޔަރު ޑރ. މުއިއްޒު ވަނީ މިއީ މާލެ ސިޓީ ކައުންސިލްގެ “އެއްލައްކަ ގަސް” ޕްރޮގްރާމަށް އިތުރުވެގެން ދިޔަ ބޮޅެއްކަން ފާހަގަކުރައްވާ މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ވަށާޖެހޭ ގޮތެއްގައި ކުރިއަށްގެންދާނެ މަޝްރޫޢުއެއް ކަމަށް ވިދާޅުވެފަ އެވެ.

"އާންމުންނަށް ގަސް ގަނެވޭނެގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ ފަރާތްތަކަށް ވެސް އެފުރުޞަތު ފަހިވެގެންދާނެ ގޮތަށް އެކަން ކުރުން. މިކަމުގެ ސަބަބުން އަމިއްލަ ގޭގައި އަދި ގޯތިތެރޭގައި ގަސްހެއްދުމަށް ބޭނުންވާ ފަރާތްތަކަށް ވެސް ފުރުޞަތުލިބިގެން ދާނެ." މޭޔަރު ވިދާޅުވި އެވެ.

މި އައުޓްލެޓް ގައި 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު މިހާރުވެސް ލިބެންހުރިއިރު، މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މިހާރުވެސް އެކި ފަރާތްތަކުން ގަސްތައް ގަތުމަށް އެދެމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މާލެ ސިޓީ ކައުންސިލަށް ވެސް އާމްދަނީއެއް ލިބޭނެ މަގުފަހިވެގެންދާނެކަން ފާހަގަކުރެއްވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލަކީ ގަސް އިންދާ ފެހިކުރާ ބައެއް ކަމަށާއި ގަސް ކަނޑާ، ގަސްތަކާއި ދުރުބައެއްނޫން ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މާލެ ސިޓީ އަކީ ގްރީން ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ “އެއްލައްކަ ގަސް” ޕްރޮގްރާމަކީ ކުރިއަށްއޮތް ފަސް އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.6 ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާއިބެހޭ ފަންނީ ފަރާތްތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢު އެކެވެ.