އިންޑިއާގެ އެކްޓަރު އަދި މަޝްހޫރު ހޯސްޓު އައްނޫ ކަޕޫރުގެ އެކައުންޓުން ފޭރިގަތް ފައިސާގެ ތެރެއިން ތިން ލައްކައަށްވުރެ ގިނަ އިންޑިއަން ރުޕީސް، ފުލުހުންގެ އެހީތެރިކަމާއި އެކު އަނބުރާ ހޯދައިފި އެވެ.

އޭނާގެ އެ އެކައުންޓަކީ އެޗްއެސްބީސީގެ އެކައުންޓެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޮންލައިންކޮށް ސްކޭމް ހިންގި، ކްރިޝްނަކުމާރު ރެޑީ ކިޔާ އެމީހާ އައްނޫ އާއި ގުޅައިގެން މުއާމަލާތް ކުރީ ކަސްޓަމަރުގެ މައުލޫމާތު އަޕްޑޭޓު ކުރުމުގެ ގޮތުން ކަމަށް ބުނެ އެވެ. އެމީހާ ގުޅީ އެ ބޭންކުގެ ހެޑް އޮފީސް މުވައްޒަފަކަށް ވެގެންނެވެ.

Ad
rt

އެމީހާ އައްނޫގެ އިތުބާރު ހޯދީ ގިނަ ވާހަކަތަކެއް ދައްކައިގެންނެވެ. އެގޮތުން އޭނާގެ އެޗްއެސްބީސީގެ އެކައުންޓް ނަންބަރުވެސް ގުޅި މީހާ ކިޔައިދިނުމާއި އެކު އިތުބާރު ކުރެވުނީ ކަމަށް އައްނޫ ބުންޏެވެ.

ސްކޭމް ކޯލް ކުރި މީހާ އެދުނު ގޮތަށް، އޯޕީޓީ ނަމްބަރު ކިޔައި ދިނުމަށް ފަހު ފޯނު ބޭއްވިތާ މާ ގިނަ އިރެއް ނުވެ ބޭންކުގެ ކަސްޓަމާ ކެއާއިން ގުޅައި ދެ ލައްކަ ރުޕީސް ނަގާފައިވާ ކަމަށް އެންގި ކަމަށާއި އެ އަދަދާއި އެކު ޖުމްލަ 4.36 ލައްކަ ރުޕީސް އެކައުންޓުން މަދުވެފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

އައްނޫ ވަނީ ވަރަށް އަވަހަށް މުމްބާއީ ފުލުހުންނަށް އެކަން ރިޕޯޓު ކޮށްފައި އެވެ. އޭނާ ސޯޝަލް މީޑިއާގައި ބުނީ ފުލުހުން ކުރި އަވަސް މަސައްކަތުން މިހާތަނަށް ތިން ލައްކަ އައްޑިހަހާސް ރުޕީސް އަނބުރާ ލިބިފައިވާ ކަމަށެވެ.

އަންނޫ ވަނީ ފުލުހުންގެ ބުރަ މަސައްކަތަށް ޝުކުރު އަދާ ކޮށްފައި އެވެ.

މުމްބާއީ ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބުނީ އައްނޫ މައްސަލަ ރިޕޯޓު ކުރުން އަވަސް ކުރުމުން ކަމަށެވެ. އަދި ބާކީ ފައިސާ އަނބުރާ ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ. އެމީހާ ހައްޔަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.