ވަރަށް ގިނައިން ޚަބަރުތަކުން، މީސް މީޑިއާގެ މަންސަތަކުން ފެންނަ، އިވޭ ވާހަކައެކެވެ. ކޮންމެވެސް ސުކޫލެއް ޑިޖިޓަލްކުރުމަށް ކުލާސްރޫމުގައި ހަރުކުރަން ޓީވީ ހަދިޔާކުރެވުނު ވާހަކައެވެ. ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމްޢިއްޔާ އިންނެވެ. ނުވަތަ ކޮންމެވެސް ހެޔޮ އެދޭ ފަރާތަކުންނެވެ.

ސުވާލަކީ، ކުލާސްރޫމްގައި ޓީވީ ހަރުކޮށްލުމުން އެއީ ސުކޫލު ޑިޖިޓަލްކުރެވުނީ ބާވައެވެ؟ މިހެން މި ދެންނެވީ، ޑިޖިޓަލްކުރުމަށް އެ ސުކޫލުން ދެން އިތުރަށް ކުރި އެހެން ކަމެއްގެ ވާހަކަ އަޑު ނީވޭތީއެވެ. ބަހައްޓާ ޓީވީން ދޭތެރެއަކުން މުދައްރިސަކު ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަނެއް ހުށައަޅުއްވަފާނެއެވެ. ނުވަތަ ޔޫޓިއުބް ވީޑިއޯއެއް ދަރިވަރުންނަށް ދައްކާލަފާނެއެވެ. މަދަރުސާތައް ޑިޖިޓަލްކުރުމަކީ މިއީތޯއެވެ؟

Ad
rt

ދިރާސީ ޢިލްމީ ނަޒަރަކުން ޑިޖިޓަލައިޒްކުރުމަކީ ކޮބައިކަމާއި މަދަރުސާއެއްގެ ކުލާސްރޫމެއް ޑިޖިޓަލައިޒްކުރާއިރު މިޒަމާނުގައި ކޮށްއުޅޭ ކަންކަމާއި ފުރިހަމަވެގެންދާ ކަންކަމަށް ބަލައިލާނަމެވެ.

ޝައްކެއްވެސް ނެތް ގޮތުގައި ޑިޖިޓަލައިޒްކުރަނީ ދަރިވަރުންގެ އުނގެނުމަށް އިތުރަށް ފުރިހަމަކަމާއި އަދި ޒަމާނީ ޓެކްނޮލޮޖީގެ ފަސޭހަކަން ގެނެސްދިނުމަށެވެ. އަދި ހަމަ މި ބީދައިން މުދައްރިސުންގެ އުނގަންދިނުމަށް ފުރިހަމަކަމާއި ފަސޭހަކަން ގެނެސް ދިނުމަށެވެ.

އެގޮތުން މަދަރުސާގެ ކުލާސްރޫމް ޑިޖިޓަލްކުރުމަކީ އުނގެނުމާއި އުނގަންނައިދިނުމުގެ އިތުރު އެހީއެއް ޤާއިމުކުރުމެވެ. މުދައްރިސް ރާއްވަވާ ފިލާވަޅު އެއްކަލަ ޑިޖިޓަލް ވަޞީލަތްތަކާއި އާލާތްތަކާ ގުޅުވައިލައިގެން އުނގަންނައިދިނުން ކުރިއަށް ގެންދިޔުމެވެ.

މިގޮތުން ސްމާރޓް ޓީވީ ފަދަ ޑިޖިޓަލް ހާރޑްވެއާރ އަދި އުނގަންނައިދިނުމަށް ބޭނުންކުރާ އިންޓަރފޭހެއް ބޭނުންކުރަން ޖެހެއެވެ. ގޫގުލް ކުލާސްރޫމަކީ މިފަދަ އެއް ވަޞީލަތެވެ. އަދި މަދަރުސާތަކުގެ މަންހަޖާގުޅޭ ގޮތަށް އިންޓަފޭހެއް ނުވަތަ ސޮފްޓްވެއަރއެއް ލިޔެ ތަރައްޤީކޮށްގެންވެސް ބޭނުންކުރެއެވެ.

އެ އިންޓަފޭސް ބޭނުންކުރާއިރު އެކުއެކީ ބޭނުންކުރާ ޕްރެޒެންޓޭޝަން ސޮފްޓްވެއާ އަދި ޓޫލްތައްވެސް އުނގަންނައިދިނުމުގެ މެދުވެރިއެެެއްގެ ގޮތުގައި ބޭނުންކުރެވިގެން ދެއެވެ.

އަޅުގަނޑުމެންގެ ސުކޫލުތަކުން މަދުވަނީ މިއިން، މެދުތެރެއިން މިގެނެސްދެވުނު ބައެވެ. ލާރނިންގ ނުވަތަ ޓީޗިންގ އިންޓަފޭހެކެވެ. މީގެ އިތުރުން ފިލާވަޅުތައްވެސް މި މޮޑެލްއަށް ބައްޓަންކުރަން ޖެހެއެވެ. ކުދިންގެ ޝައުޤާއި ބައިވެރިވުން އިތުރުކުރަން އިތުރު އެޑްއޮންތައް ބޭނުންކުރާނަމަ، މައުސް ފަދަ ތަކެތި ކުދިން ގެންގުޅެން ޖެހެއެވެ.

ރާއްޖޭގެ ކަންކަން ހުންނަގޮތުން އަޅުގަނޑުމެންނަކީ ފަސޭހައިގެ މައްޗަށް ފަސޭހަކޮށްލައިގެން ނަން ރީތިކޮށްލައިގެން ހިތްހަމަޖެހިލައިގެން ތިބޭ ބައެއް ކަމަށް ވާތީ، މިކަންކަމާމެދު ވިސްނާ މަސްޢޫލުވެރިން މަދަރުސާ ވެށީގައި ނުހަނު މަދެވެ.