މިއަހަރުގެ ދުނިޔެ ސާފުކުރުމުގެ ދުވަހަށް، ސާފުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެދިއްޖެ އެވެ.

ދުނިޔެ ސާފުކުރުމުގެ ދުވަހާގުޅޭ ގޮތުން އީޕީއޭއިން މިއަދު ނެރުނު ސާކިއުލަރ އެއްގައު ބުނެފައިވަނީ މިމަހުގެ 17 ވާ ހޮނިހިރު ދުވަހަކީ މި އަހަރުގެ ދުނިޔެ ސާފުކުރުމުގެ ދުވަސްކަމުން، ސަރުކާރުގެ އިދާރާތަކާއި ސްކޫލްތަކާއި ރިސޯޓުތަކާއި މިނޫންވެސް އެހެނިހެން ފަރާތްތަކުން މި އަހަރުގެ ދުނިޔެ ސާފުކުރުމުގެ ދުވަހަށް ސާފުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް އެ އެޖެންސީއިން އެދޭކަމަށެވެ.

Ad
rt

އެފަދަ ޕްރޮގްރާމްތައް ރާވާފަރާތްތަކުން ދުނިޔެ ސާފުކުރުމުގެ ދުވަހުގެ ވެބްސައިޓް (www.worldcleanupday.org) ގައި ރަޖިސްޓަރކޮށް ވެބްސައިޓުގައި އެ ޕްރޮގްރާމް ހިމެނުމަށް ދަންނަވާފައިވެއެވެ. އަދި، މިގޮތަށް ވެބްސައިޓުގައި ހިމެނޭ ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ ވޮލަންޓިއަރުންނަށްވެސް އެ ވެބްސައިޓުގައި ރަޖިސްޓަރކޮށް ބޭނުންވާ ސާފުކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވެވޭނެކަން ފާހަގަކުރަމެވެ.

ދުނިޔެ ސާފުކުރުމުގެ ދުވަހަކީ ބައިނަލްޢަޤްވާމީ ގޮތުން ދުނިޔޭގެ ހުރިހާ ޤައުމަކުން ބައިވެރިވެ އެއްދުވަހެއްގައި ސާފުކުރުމުގެ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ދުވަހެކެވެ. އެގޮތުން، ގޮނޑުދޮށާއި މޫދާއި މަގުތަކާއި މިނޫންވެސް ތަންތަނުގައި ހުރި ކުނިތައް ނަގައި ސާފުކޮށް އެފަދަ ކުނި ރައްކާތެރިގޮތުގައި ނައްތާލުމުގެ މަސައްކަތްތައް ރާވައިގެން މި ދުވަހުގައި ކުރެއެވެ.

ސަރުކާރުގެ އިދާރާތަކާއި ސްކޫލްތަކާއި ރިސޯޓުތަކާއި، މިނޫންވެސް އެހެނިހެން ފަރާތްތަކުން ސާފުކުރުމުގެ ޕްރޮގްރާމްތައް ރޭވުމަށްފަހު އެ ވެބްސައިޓްގައި ހިމަނާ ދުނިޔެ ސާފުކުރުމުގެ ދުވަހުގައި ދުނިޔެ ސާފުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ އެޖެންސީއިން އެދިފައިވެއެވެ.

މިފަދައިން ސާފުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގާއިރު ގަވާއިދު ނަންބަރު: 58-R/2013 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) އާ އެއްގޮތްވާގޮތަށް ސާފުކުރެވޭ ކުނި މެނޭޖުކުރުމަށްވެސް ދަންނަވާފައިވެއެވެ.