މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށި ފުރަތަމަ ދުވަހު 2000ށްވުރެ ގިނަ މީހުން ޚިދުމަތް ހޯދައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އެގޮތުން، ފުރަތަަމަ ދުވަހު އެކަނިވެސް 2257 މީހުން ޙިދުމަތް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް ވަނީ މި ހިދުމަތް ފޯރުކޮށްދިނުމުގައި އާއްމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި އާންމުން ވެހިކަލް ޕާކް ކުރަން ހަމަޖެހިފައި ހުންނަ ސަރަހައްދުތަކުގައި ޕާކް ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު މިނީބަސް ދުއްވާ މަގުތަކުގައި، ހާއްސަކޮށް ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޕާކު ކުރުން މަނާކޮށްފައިވާ ސަރަހައްދުތަކުގައި ބަސް ރޫޓަށް ދަތިވާގޮތަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކާ ޖެހުމުގެ އިތުރުން، ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރަމުން ގެންދާނެ ކަމަށާއި މިނީބަސް ދުއްވާ މަގުތަކުގައި ޓްރެފިކް ބާރުބޮޑުވާ ގަޑިތަކާއި ސްކޫލްތައް ފެށޭ އަދި ނިމޭ ގަޑިތަކުގައި، މުދާ އުފުލާ އުޅަނދުފަހަރު ނުދުއްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން އެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި މަޑުކޮށްގެން ނުތިބުމަށާއި ހެވީ ވެހިކަލްސް މި މަގުތަކުގައި ބޭނުންކުރުން ވީހާވެސް ބޮޑަކަށް މަދުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މާލެސިޓީގައި މިނީ ބަހުގެ ޚިދުމަތް ހޯމަ ދުވަހުގެ 05:45 ފަށާފައިވާއިރު މިނީ ބަހުގެ ޚިދުމަތުގައި ޖުމުލަ 18 ބަސް ބޭނުންކުރާނެއެވެ. އޭގެ ތެރެއިން އަށް ބަހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާފޭބޭ ގޮތަށް ރޭމްޕް އަދި ފުރޮޅުލީ ގޮނޑިއަށް ޚާއްސަ ޖާގަ އެކުލެވޭ ބަސްތަކެކެވެ.
ފުރަތަމަ ދެ ހަފުތާގައި މިނީ ބަހުގެ ހިދުމަތް ފޯރުކޮށްދޭނީ ހިލެއެވެ. އެ މުއްދަތު ހަމަވުމުން ޓިކެޓަކަށް ހަތް ރުފިޔާ ނަގާނެއެވެ.
ޓްރައިލް މުއްދަތަށްފަހު ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށި ނަމަވެސް 65 އަހަރުން މަތީގެ މީހުންނަށާއި 3 އަހަރުން ދަށުގެ ކުޑަކުދިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ޔުނީފޯމްގައި ތިބޭ ސްކޫލް ދަރިވަރުންނަށް ބަހުގައި ހިލޭ ދަތުރު ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!