ޖަމާޢަތުގަ ނަމާދު ކުރުމަކީ މުސްލިމު ފިރިހެނުންގެ މައްޗަށްވާ ވަރަށް މުހިންމު ކަމެކެވެ. އެއްބައި ޢިލްމުވެރިން އެއީ ވާޖިބެއްކަމުގައި ވިދާޅުވާއިރު، އަނެއްބައި ޢިލްމުވެރިންގެ ގާތުގައި އެއީ ގަދަވެގެންވާ ސުންނަތަކެވެ. ކޮންމެއަކަސް ނަމާދު ޖަމާޢަތުގައި އަދާކުރުމަށް އަހަރެމެންގެ ނަބިއްޔާ ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ.

އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. (صَلَاةُ الجَمَاعَةِ أَفْضَلُ مِنْ صَلَاةِ الفَذِّ بِسَبْعٍ وَعِشْرِيْنَ دَرَجَةً (1) މާނަ: "އެކަނި ކުރާ ނަމާދަށްވުރެ، ޖަމާޢަތުގައި ކުރާނަމާދު ހަތާވީސްގުނަ މަތިވެރިވެގެންވެއެވެ.”

Ad
rt

ދިވެހި ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ޤައުމެއްކަމުން، މިސްކިތްތަކަކީ އަޅުގަނޑުމެންނަށް ބީރައްޓެހި ތަންތަނެއް ނޫނެވެ. ދިވެހިން އުޅޭ ރަށްރަށުގައި ފަސޭހައިން ދެވޭހާ ކައިރީގައި މިސްކިތްތައް ހުރެއެވެ. ބަންގީގެ އަޑާއެކު މިސްކިތަށް ނަމާދަށް ދިއުމަކީ އުނދަގޫ ކަމެއް ނޫނެވެ.

ވީމާ ކޮންމެ މީހަކު ވެސް އެމީހަކަށް ވީ މިންވަރަކުން، ޖަމާޢަތަށް މިސްކިތަށް ދިއުމުގެ އާދަ އެމީހެއްގެ ކިބައިގައި އަށަގަންނުވަން މަސައްކަތް ކުރަން ވާނެއެވެ.

އެހެން ނަމަވެސް، ކޮންމެވެސް ސަބަބަކާ ލައިގެން ޖަމާޢަތުގެ ނަމާދު ނިމޭ ގަޑިއަށް މިސްކިތައް ވަދެވޭ ފަހަރުވެސް އައިސްދާނެއެވެ. މިފަދަ ވަގުތު ތަކުގައި އާންމުކޮށް އަޅުގަނޑުމެން ދިވެހިން ޢަމަލު ކުރާ ގޮތް ޙަޤީޤަތުގައި އެހާ ރަނގަޅެއް ނޫނެވެ. އާންމުކޮށް ފެންނަނީ ކޮންމެ މީހަކުވެސް މިސްކިތައް ވަދެ ކޮންމެވެސް ތަނެއްގައި ހަމަ ޖެހިލައިގެން، އެކަނި ނަމާދު ކޮށްލާ ތަނެވެ.

އެގޮތުން، އިމާމް މީހާ ސަލާމް ދީ ނިމި، ދެތިން މިނިޓު ފަހުން ޖަމާޢަތުގެ ފަހަތަށް ބަލާލައިފިނަމަ، ވަކިވަކިން ނަމާދު ކުރަންތިބޭ އެތައް ބައިވަރު ބަޔަކު ފެންނާނެއެވެ. ނުވަތަ އެހެން ޙާލަތަކަށް ބަލާލާނަމަ، ނަމާދުގެ ޖަމާޢަތް ނިމޭތާ އެތައް އިރެއް ފަހުން، ދެމީހަކު ނުވަތަ ތިން މީހަކު އެކީ މިސްކިތަށް އެރި ނަމަ ވެސް ނަމާދު ކުރެވޭތަން ފެންނަނީ ވަކިވަކިންނެވެ.

ޙަޤީޤަތުގައި މިގޮތަށް ކަންތައް ކުރުމުން އަޅުގަނޑުމެން މަޙުރޫމު ވެގެން މިދަނީ ވަރަށް ބޮޑު ހެވަކުންނެވެ. އެއީ ޖަމާޢަތުގައި ކުރާ ނަމާދުގެ މާތްކަމެވެ. ވީމާ ބަންގިއާއެކު ހެދޭ ފުރަތަމަ ޖަމާޢަތުގައި ބައިވެރިވާން އުޒުރުވެރިވާ މީހާ ވެސް، ނަމާދު ކުރަން ފަށާހިނދު، އޭނަޔާއެކީ ނަމާދު ކުރާނެ އިތުރު ބަޔަކު ވާނަމަ، އެމީހުންނާ އެކީގައި ޖަމާޢަތެއްގައި ނަމާދު ކުރުމަށް މަސައްކަތްކުރާށެވެ. މިކަމަށް ބާރުދޭ ދަލީލުތައް ވަރަށްވެސް ގިނައެވެ.

އެގޮތުން އިމާމް އަލްއަލްބާނީ ޞައްޙަ ކަމަށް ވިދާޅުވެފައިވާ، އަބީ ސަޢީދު އަލް ޚުދްރީގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައި ވެއެވެ.

أَنَّ رَسُولَ اللَّهِ صلى الله عليه وسلم أَبْصَرَ رَجُلاً يُصَلِّي وَحْدَهُ فَقَالَ ‏ "‏ أَلاَ رَجُلٌ يَتَصَدَّقُ عَلَى هَذَا فَيُصَلِّيَ مَعَهُ ‏"‏ (2).

މީހަކު އެކަނިމާއެކަނި ނަމާދު ކުރާތީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ފެނިވަޑައިގަތުމާއެކީގައި އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “މީނާ އަށް ޞަދަޤާތެއް ކޮށްދިނުމުގެ ގޮތުން އޭނާއާއެކީގައި (ޖަމާޢަތުގައި) ނަމާދުކޮށްލާނެ މީހަކު ނެތް ހެއްޔެވެ.”

މިޙަދީޘުގެ އެހެން ރިވާޔަތެއްގައި ވާ ގޮތުން އެމީހާ ނަމާދު ކުރަން އައީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަމާދުކޮށް ނިމިވަޑައިގެން ފަހުންނެވެ.

މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެކެވެ. ދެން ޞަޙާބީންގެ ޢަމަލު ފުޅުތަކަށް ބަލައިލާއިރު ވެސް މިފަދައިން ޢަމަލުކުރައްވާފައި ވާތީ ފެނެއެވެ. އެގޮތުން މާތް ނަބިއްޔާގެ ޚާދިމެއްގެ ގޮތުގައި ކުޑައިރުއްސުރެ އުޅުއްވި އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހު، ކުރިން ޖަމާޢަތުގައި ނަމާދު ކުރެވިފައިވާ މިސްކިތަކަށް ވަދެވަޑައިގެން ބަންގި ގޮއްވަވައި، ޤަމަތް ދެއްވުމަށްފަހު ޖަމާޢަތުގައި ނަމާދު ކުރެއްވި ކަމަށް އިމާމް ބުޚާރީ މުޢައްލަޤުކޮށް ރިވާ ކުރައްވާފައިވެއެވެ.(3)

އަނަސްގެފާނު މިފަދައިން ޢަމަލު ކުރެއްވި ކަމަށް އެހެން އިތުރު މުޙައްދިޘުން ވަނީ ވިދާޅުވެ ރިވާޔަތްތައް ގެންނަވާފައެވެ.

އަދި އިބްނު އަބީ ޝައިބާ، ސަލަމާ ބިން ކުހައިލުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ޖަމާޢަތުގައި ނަމާދު ކުރެވިފައިވާ މިސްކިތަކަށް އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވަދެވަޑައިގެން، ޢަލްޤަމާ އާއި، މަސްރޫޤު އަދި އަލްއަސްވަދާ އެކީގައި ޖަމާޢަތުގައި ނަމާދު ކުރެއްވިއެވެ.(4)

އަދި އިހުގެ މަޝްހޫރު ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ތާބިޢީއެއް ކަމަށަވާ ޢަޠާ ގެ އަރިހުން ރިވާ ވެގެން އައިސްފައި ވެއެވެ. އެކަލޭގެފާނާއި ސާލިމް ބިން ޢަޠިއްޔާ މަސްޖިދުލް ޙަރާމުގައި، އެމިސްކިތުގައި ޖަމާޢަތުގެ ނަމާދު ނިމުނުފަހުން، ޖަމާޢަތުގައި ނަމާދު ކުރެއްވިއެވެ.(5)

އަދި ފަހުގެ ޢިލްމުވެރިންނަށް ބަލާލާއިރު އައްޝައިޚް އިބްނު ބާޒް އަދި އިބްނު ޢުޘައިމީން ފަދަ އުއްމަތުގެ ވަރުގަދަ ޝަޚްޞިއްޔަތުން ވަނީ ނަމާދު ކުރާއިރު ޖަމާޢަތުގައި ކުރުމަށް ފަތުވާ ދެއްވާފައެވެ. އެގޮތުން އިބްނު ބާޒު ރަޙިމަހުﷲ، މަތީގައި ޒިކުރު ކުރެވިފައިވާ ޙަދީޘް ޒިކުރު ކުރެއްވުމަށްފަހު ވިދާޅުވެފައި ވެއެވެ.

“މީހަކު އެކަނި ހުރެ ކުރާ ނަމާދަށްވުރެ، އެހެން މީހަކާ އެކީގައި ކުރާ ނަމާދު ފުރިހަމަ ވެގެންވެއެވެ. ފަހެ ނަމާދުގެ ޖަމާޢަތް ފާއިތުވެއްޖެ ނަމަ، އަދި ނަމާދު ކުރަން އިތުރު ބަޔަކު ތިބި ނަމަ، އެމީހުންނާއެކީގައި ޖަމާޢަތުގައި ނަމާދު ކުރާށެވެ. ހަމަކަށަވަރުން ޞަޙާބީންގެ ތެރެއިންވެސް އަނަސް ރަޟިޔަﷲ ޢަންހާއި އެހެން ޞަހާބިއްޔަ ބޭކަލުންވެސް އެފަދައިން ކަންތައް ކުރައްވާފައި ވެއެވެ.”(6)

ކަން މިހެން އޮތް ކަމުގައި ވީނަމަވެސް، މިސްކިތުގައި ދެވަނަ ޖަމާޢަތެއް ހެދުން ހުއްދަ ނުވާ ޙާލަތްތައް ވެސް ވެއެވެ. މިފަދަޙާލަތްތަކުގައި ދެވަނަ ޖަމާޢަތް ހެދުން ހުއްދަ ނުވަނީ އެއީ އިސްލާމީ އުންމަތުގެ ނުވަތަ ޖަމާޢަތުގެ ނުވަތަ މުޖުތަމަޢުގެ އެއްބައިވަންތަކަށް ނަގާލައި ބައިބައި ކުރުވާ ކަންތައްތަކެއް ކަމުގައިވާތީއާއި އިސްލާމީ ޝަރީޢަތުގައި ޖަމާޢަތުގެ ނަމާދު ކުރަން އަންގަވާފައިވާ ގޮތާ ޚިލާފަށް މިކަން ކުރާތީއެވެ.

އޭގެއިން އެއްޙާލަތަކީ، މިސްކިތުގައި ބަންގިއާއި ޤަމަތުގެ ފަހުން ހެދޭ މައި ޖަމާޢަތުގެ ފަހުން ދެވަނަ ޖަމާޢަތެއް ހަދައި، ފަހުން ހެދޭ ޖަމާޢަތުގައި ނަމާދު ކުރުމަށް ބަޔަކު އިއްތިފާޤުވެ އެފަދަ ކަމެއް ކަނޑައަޅައި ނިންމުމެވެ. މާނައަކީ ފުރަތަމަ ޖަމާޢަތުގައި ނަމާދު ކުރުމަކީ އެބަޔަކު ޤަބޫލު ކުރާ ކަމެއް ކަމުގައި ނުވާތީ އެޖަމާޢަތް ދޫކޮށް ދެވަނަ ޖަމާޢަތެއް ހަދައި އެ ޖަމާޢަތުގައި ނަމާދު ކުރުމެވެ. މިއީ އިސްލާމީ ޖަމާޢަތާއި މުޖުތަމަޢު ބައިބައި ކުރުވަނިވި ކަމެކެވެ. އެހެންވުމާއެކު އެފަދަ ކަމެއް ކުރުން ހުއްދަ ވެގެނެއް ނުވެއެވެ.

އެފަދަ ދެވަނަ ޙާލަތަކީ، މިސްކިތުގައި ދެ ޖަމާޢަތެއް ހެދުމަށް ވަގުތު ކަނޑައަޅާފައިވުމެވެ. މިސާލަކަށް ބަންގީގެ ވަގުތުގައި އާންމު އުސޫލުން ފުރަތަމަ ޖަމާޢަތް ހެދުމާއި އޭގެ މިސާލަކަށް އެއް ގަޑިއިރު ފަހުން ދެވަނަ ޖަމާޢަތެއް ހެދޭނެ ކަމުގައި އިއުލާނުކޮށް އަންގައި އެގޮތަށް ޢަމަލު ކުރުމެވެ.

މިއީ އަހަރެމެންގެ ނަބިއްޔާގެ ނަމާދު ކުރަން ދަސްކޮށްދެއްވި ގޮތެއް ނޫނެވެ. އަދި މާތް ޞަޙާބީންނާއި ތާބިޢީންނާއި މިނޫންވެސް ސަލަފުއް ޞާލިޙުން ހިންގެވި މަގެއް ނޫނެވެ. އަދި މިކަމަކީ މީހުން ފުރަތަމަ ޖަމާޢަތައް ހާޒިރުވުމަށް އެޅޭނެ ހުރަހެއް ކަމުގައި މެނުވީ ނުވެއެވެ. އަދި އަޅުކަމެއްގެ ތެރެއަށް އާކަމެއް އިތުރު ކުރުމުން އެއީ ބިދުޢައެއް ކަމުގައި ވެގެންދެއެވެ.

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޞާލިޙު އަލް މުނައްޖިދުގެ ވެބްސައިޓުގައި ސުވާލަކަށް ޖަބާބު ދެއްވަމުން ޝައިޚް ވަނީ މިދެ ޙާލަތް ޒިކުރު ކުރައްވައި، އެފަދައިން ޢަމަލުކުރުމަކީ މަނާ ކަމެއްކަމުގައި ވިދާޅުވެފައެވެ.(7) އަދި މިފަދައިން ޢަމަލު ކުރުމަކީ ހުއްދަކަމެއް ނޫން ކަމާއި، ބިދުޢައެއް ކަމުގައި ފަހުގެ ތާރީޚެއްގައި ދުނިޔެ ދެކެފައިވާ ބޮޑު ޢިލްމުވެރިޔެއް ކަމަށްވާ އައްޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވެސް ވަނީ ވިދާޅުވެފައެވެ.(8)

އަދި މިބާބުގައި ވާހަކަދައްކަވާފައިވާ އެހެން ޢިލްމުވެރިންވެސް މިވާހަކަތަށް ޒިކުރު ކުރައްވާފައިވެއެވެ.

ޚުލާސާއަކީ، ނަމާދު ކުރާއިރު އަބަދުވެސް ޖަމާޢަތުގައި ނަމާދު ކުރުމަށް މަސައްކަތް ކުރާށެވެ. ޖަމާޢަތުގައި ނަމާދު ކުރުމަކީ މުސްތަޙައްބު ކަމެކެވެ. އަދި ނަމާދު އިތުރަށް ފުރިހަމަ ކުރުވާ ކަމެކެވެ. އަދި ނަމާދުން ލިބޭ ޘަވާބާއި ދަރުމަ އެތައް ދަތަޖައަށް އިތުރު ކުރުވާ ކަމެކެވެ. ބަންގި އާއެކީ މިސްކިތުގައި ހެދޭ ފުރަތަމަ ޖަމާޢަތް ނިމޭފަހުން ރަހުމަތްތެރިޔަކާއެކީ މިސްކިތައް އަރާނަމަ ވެސް، ދެމީހުން ވަކިވަކިން ނަމާދު ކުރުމުގެ ބަދަލުގައި އެކަކު އިމާމަކަށް އިސްވެ، ދެމީހުން އެކީ ޖަމާޢަތުގައި ނަމާދު ކުރާށެވެ.

މިރިވެތި އާދަ އަޅުގަނޑުމެންގެ ސައްތައިންސައްތަ އިސްލާމީ މުޖުތަމަޢުގައި ފަތުރާށެވެ. ނަމަވެސް މިފަދަ ހެޔޮ ކަމެއްގެ ތެރެއަށް ޝައިޠާނީ ވަސްވާސްތައް ވެއްދުމާއެކު ހުއްދަ ނޫން ގޮތަކަށް އެކަންތައް ކުރަން ނޫޅޭށެވެ. މުޖުތަމަޢާއި ދީނީ އެއްބައިވަންތަކަން ނަގާލާފަދަ ކަންތައް ނުކުރާށެވެ.

ރިފަރެންސް:

(1) (رواه البخاري (645) ومسلم (650))

(2) رواه أبي داود (574)

(3) (رواه البخاري معلقا 2/131 )

(4) المصنف 2/221

(5) المصنف 2/221

(6) حكم إقامة جماعة ثانية بعد انتهاء الجماعة الأولى في المسجد (binbaz.org.sa)

(7) حكم إقامة الجماعة الثانية في المسجد - الإسلام سؤال وجواب (islamqa.info)

(8) حكم إقامة الجماعة الثانية في المسجد - الإسلام سؤال وجواب (islamqa.info) \