ދިވެހި ރާއްޖޭގައި، ނުހައްގު އަނިޔާއާއި ގޯނާ ތަހައްމަލު ކުރަމުންދާ 5000 ށްވުރެ ގިނަ ކުދިން އެބަތިބިކަމަށް އަޅުގަޑަށް ގަބޫލުކުރެވެއެވެ. މިއީ ލިބެން ހުރި ހިސާބުތަކުގެ މައްޗަށް އަންދާޒާކޮށް ނެރެފައިވާ އަދަދެކެވެ.

ކުޑައިރު މިގޮތަށް ނުހައްގު އަނިޔާއާއި ގޯނާއާއި ކުރިމަތިވި އެތައް ކުދިންނެއް އެ އުދާހުގެ ތެރޭގައި ދިރިއުޅުން ވޭތުކުރަމުން އެގެންދަނީ މިއަދު ޒުވާނުންގެ ގޮތުގައެވެ. އެއީ ވެސް ހާހުން ގުނާލެވޭނެ އަދަދެކެވެ.

Ad
rt

އެމީހުން އިންސާފު ހޯދަން ދާނެތަނެއް ނެތެވެ. އިންސާފު ނުލިބޭނެކަމުގެ ޔަގީންކަން އޮތީމައެވެ. އިންސާފަކީ ސާބިތު ހެކީގެ މައްޗަށް އޮންނަ އެއްޗަކަށްވުމާއި ހެކި ދައްކާނެގޮތެއް އެކުދިންނަށް ނެތުމާވެސް އެކުގައެވެ.

ކުޑަކުދިންގެ ގޮތުގައި ބ. ގޮއިދޫގައި ޖިންސީ ގޯނާ އާއި ކުރިމަތިލި ތިންޒުވާނަކު މިހާރު އެވާހަކަ އެބަދައްކައެވެ. އަދި އިތުރަށް އެވާހަކަ ދެއްކުމުގެ ފުރުސަތު ލިބި ފަރުވާއާއި ހަމަޔަށް ދެވޭނެގޮތެއް އޮވެއްޖެނަމަ، އެވާހަކަ ދައްކާނެ އެތައް ޒުވާނުންނެއް ތިބޭނެކަން ޔަގީނެވެ.

ރާއްޖޭގެ އިންތިޒާމުތައް ހަމަޖެހިފައި ހުންނަ ގޮތުން، ކޮންމެ ކަމެއްވެސް އެނބުރެނީ މާލޭގައި ހުންނަ ދައުލަތުގެ ވުޒާރާތަކާއި އިދާރާތަކުގެ ވަށައިގެންނެވެ. އެތަންތަނުގައި ތިއްބަވަނީ އެކި ފެންވަރުގެ އިއްޒަތްތެރިންނާއި ވެރިންނެވެ.

ގޮތެއް ހޯދަން މީހުން ޖެހޭނީ އެބޭފުޅުންގެ ފައިތިލަ ދަށަށް ދާށެވެ. އަދި މާލެ ފައިބާތިބޭށެވެ. އެއީ ޒަމާނުއްސަުރެ، އަދި މިއަދުވެސް އެކަން އޮތްގޮތެވެ. ޑިމޮކްރަސީއާއި ލާމަރުކަޒީ އައިސްގެންވެސް ނިކަމެތިންނަށް އެނޫންގޮތެއް ނުލިބުނެވެ.

ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަކީ ނިކަމެތި މީޙާ ގާތަށް ދާ އިންތިޒާމެއްގެ ތެރެއިން ތަރުތީބުވެފައި އޮންނަ ނިޒާމަކަށް ވާން ވެއްޖެއެވެ. އެކަމާ ގުޅޭ އިދާރާތަކުގައި ތިބެންޖެހެނީ ރައްޔިތުން ގާތަށް ދެވޭ ބޭފުޅުންނެވެ.

ގޮއިދޫގައި ކުރިމަތިވި ހާދިސާފަދަ ހާދިސާއެއް ފެންމަތިވުމުން އެރަށަށް ގޮސް އެކަމުގެ ފުޅާމިނާއި ފުންމިން، މަލްޓިސެކްޓޯރަލް ޓީމަކުން ބަލާ ދިރާސާކޮށް، ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ލިބޭނެ އިންތިޒާމްތައް ގާއިމުކޮށްދޭން ވެއްޖެއެވެ.

އަދި ހަމައެއާއިއެކު އެކީ، އަނިޔާއާއި ގޯނާކުރި ފަރާތްތަކާއި މެދު ފިޔަވަޅު އަޅާ، އެފަދަކަމެއް އިތުރަށް ތަކުރާރުވިޔަނުދިނުމަށް ކުރަންޖެހޭ އިންތިޒާމުތަކާއި އަޅަން ޖެހޭ ފަިޔަވަޅުތައް ވެސް އަޅަން އެބަޖެހެއެވެ.

ޝިފާޒާ އާއި އޭނާއާއި އެކުގައި އެއަނިޔާ ގެ ޝިކާރަޔަކަށްވި އެހެން ކުދިންނަށް، އެ ހިތްދަތި އިހްސާސްތަކުން އަރައިގަނެ ދިރިއުޅެވޭނެ ގޮތެއް ދައްކައިދިނުމަކީ އަޅުގަޑުމެން ކުރަން ޖެހޭ ކަމެކެވެ.

ޝިފާޒާގާތު އޭނާ ބޭނުންވަނީ ކޮންކަމެއްތޯ އަޅުގަޑު އެހީމެވެ. އޭނާގެ ޖަވާބު ވަރަށް ސާފެވެ. އޭނާ ބޭނުންވަނީ، "އެމީހާ އޭނާގެ ކުށް ގަބޫލުކުރުން" ކަމުގައި ޝިފާޒާ ބުންޏެވެ.

ޝިފާޒާގެ ހައްގުގައި އަޑު އުުފުލާނެ އިއްޒަތްތެރިޔަކު، މަޖިލިސް މެމްބަރަކު، ވަޒީރަކު، އިލްމުވެރިއަކު، އެކްޓިވިސްޓަކު ވޭތޯ ބައްލަވާ ދެއްވާށެވެ.