ހަރުކަށި ފިކުރު ހުއްޓުވުމަށް، ސަލާމަތީ ބާރުތައް ހިމެނޭ ގޮތަށް، ހާއްސަ ފައުޖެއް އުފައްދައި ދީނީ ތައުލީމް ދޭ ތަންތަނާއި މިސްކިތްތައް ބަލަހައްޓަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ.
ވައްޑޭ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ، ހަރުކަށި ފިކުރުގެ އަމަލުތައް ފުޅާކުރުމުގެ މަސައްކަތް ވަކި ހާއްސަ އިންތިޒާމުތަކެއްގެ ތެރެއިން ކުރިއަށްދާ ކަމަށް ކަމާ ގުޅޭ މުއައްސަސާތަކާއި ރިޔާސީ ކޮމިޝަނުންތަކުން މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތުން އެނގޭ ކަމަށެވެ. ނަމަވެސް ހަރުކަށި ފިކުރަށް ތުހުމަތުކުރެވޭ މީހުންނަށް ފިޔަވަޅު އެޅުމަށް މުއައްސަސާތައް ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށް އެ މައްސަލާގައި ވިދާޅުވެފަވެއެވެ.
އެހެންކަމުން އެފަދަ ކަންކަމުން ސަލާމަތްވުމަށް ފުލުހުންނާއި ސިފައިން އަދި ސަލާމަތީ ކަންކަމާއި ތަންފީޒީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އޮތް އިދާރާތަކުގެ މައްޗަށް އެކުލެވޭ ކޮމާންޑެއްގެ ދަށުން އެކުލެވޭ ހާއްސަ ފައުޖެއް އުފެއްދުމަށް އެ މައްސަލާގައި ހުށަހަޅުއްވާފަވެއެވެ. އަދި ނުރައްކާތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް މިސްކިތްތަކާއި ތައުލީމް ދޭ ތަންތަން ބަލަހައްޓަން ފަށަން ޖެހޭ ކަމަށް އެ މައްސަލާގައި ވިދާޅުވެފަވެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!