މ. ވޭވަށުގެ އާ އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުވައިފިއެވެ.

މި އިންޖީނުގެ ހުޅުވާފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުއެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ފެނަކައިގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

އެ ރަށުގެ އާ އިންޖީނުގެ ހުޅުވާފައިވަނީ 29 އަހަރުވީ ކުރީގެ އިންޖީނުގެ ނިއްވާލުމަށްފަހުއެވެ. މިހާރު ފެނަކަ ކޯޕަރޭޝަނުން އެ ރަށުގައި ހިދުމަތް ދޭނީ އާ އިންޖީނުގެއިންނާއި އާ އޮފީސް އިމާރާތުންނެވެ.

ވޭވަށުގައި ކުރިން ހުރި އިންޖީނުގެއަކީ 61 އަކަމީޓަރުގެ ޖާގައިގެ އިންޖީނުގެއެކެވެ. ނަމަވެސް އާ އިންޖީނުގެއަކީ 208.20 އަކަމީޓަރުގެ ޖާގައިގެ އިންޖީނުގެއެކެވެ.

އާ އިންޖީނުގޭގައި ހަތަރު މުވައްޒަފުންނަށް މަސައްކަތް ކުރެވޭއިރު އޮފީސް އިމާރާތުގައި 25 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ.

ފެނަކައިގެ އާ އޮފީސް އިމާރާތުގައި އެ ކުންފުނިން ވަނީ މީޓިން ރޫމަކާއި މެނޭޖަ ރޫމަކާއި ރިސެޕްޝަން އަދި ލޮބީ އާއި ޖެނެރަލް އޮފީހާއި ސްޓޯ ރޫމާއި ޕޭންޓްރީ އާއި ޓެކްނިކަލް ސްޓާފް ރޫމާއި ތިން ފާހާނާ ހިމެނެއެވެ. އަދި އިންޖީނުގޭގައި ޑެގް ރޫމާއި ކޮންޓްރޯލް ރޫމާއި ވޯކް ޝޮޕާއި ސްޓޯރާއި ޕޭންޓްރީ އާއި ޗިމްނީ އާއި ޑޭ ޓޭންކާއި ޑީސަން ޓޭންކް ހިމެނެއެވެ.

ވޭވަށުގައި ކުރިން އިންޖީނުގެ ހުރީ އެ ރަށުގެ ރައްޔިތުން ދިރިއުޅެމުން އައި ސަރަހައްދުގައެވެ. އެހެންވެ، ގިނަ ބަޔަކަށް އޭގެ ސަބަބުން ދަތިތަކާ ދިމާވިއެވެ. ނަމަވެސް މިހާރު އިންޖީނުގެ ވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުކޮށްފައެވެ.

ކުރީގެ އިންޖީނުގެއަކީ އެންމެ 368 ކިލޯވޮޓުގެ ކެޕޭސިޓީގެ އިންޖީނުގެއެކެވެ. ނަމަވެސް އާ އިންޖީނުގެއަކީ 400 ކިލޯވޮޓުގެ ތިން ޖެން ސެޓު ބެހެއްޓޭ ޖާގައިގެ އިންޖީނުގެއެކެވެ. މި އިންޖީނުގޭގައި މިހާރު ވަނީ 448 ކިލޯވޮޓުގެ ޖެންސެޓެކެވެ.