މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
ދިއްގަރުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ. އެމަނިކުފާނުގެ އަރިހުގައި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލާއި، ހެލްތު މިނިސްޓަރު އަލް އަޙުމަދު ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި، ޔޫތު މިނިސްޓަރު އަޙުމަދު މަޙުލޫފާއި، ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަންއާއި، ދިއްގަރު ކައުންސިލްގެ ރައީސް އަޙުމަދު ނިޝާންއާއި، އެމްޓީސީސީ ސީއީއޯ އާދަމް އާޒިމްއާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމުން ފާހަގަކުރުމުގެ ގޮތުން، ތްރީ-ޑީ މޮޑެލްއެއް ދިއްގަރު ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ.
ދިއްގަރަކީ ކޮންމެ އަހަރެއްގެ އިރުވައި މޫސުން ފެށުމާއެކު ހަޅައިގެ އުނދަގޫ ދިމާވާ ރަށެކެވެ. އިރުވައިގެ ހަޅަޖަހަން ފެށުމާއެކު ދިއްގަރުގެ ރަށުތެރޭގައި ލޮނުގަނޑު ބޮޑުވެ، ރައްޔިތުންނަށް ވަރަށްބޮޑު ތަކުލީފަކަށް އެކަން ވެގެންދެއެވެ. އަދި ހަޅަ ނިމޭއިރު އޮންނަނީ ރަށުގެ ގޮނޑުދޮށުން ބޮޑުބައެއް ގިރައިގެން ގޮސްފައެވެ. ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއެކު އެ ރަށަށް ދިމާވެފައިވާ ރާޅުއެރުމުގެ މައްސަލައަށްވަނީ ހައްލު ލިބިފައެވެ.
މި މަޝްރޫއު ސަރުކާރުން ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މި މަޝްރޫއުގެ ދަށުން، 109,566 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި، 532 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 235.60 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން ބީޗް ހެދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!