ރާއްޖޭގައި ބާއްވާ އެންމެ ކުލަ ގަދަ އަދި އެންމެ ބޮޑު އެއް ދުވުމުގެ ހަރަކާތް ކަމަށްވާ “އުރީދޫ ކަލަ ރަން” އަޕްގްރޭޑްކޮށް، “އުރީދޫ ފަން ރަން” އަށް ބަދަލުކޮށްފިއެވެ.
މިއަހަރުގެ ދުވުން މިހާރު އުރީދޫއިން ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ޑިސެމްބަރު 23 ގައި އުރީދޫ ފަން ރަން އޮންނާނެކަން އިއުލާންކޮށްފައި ވަނީ ސޯޝަލް މީޑިއާގައި އުރީދޫން ޕޯސްޓްކުރި ކުލަގަދަ އަދި އެހާމެ ފޯރިގަދަ ވީޑިއޯ އަކުންނެވެ.
އެ ވީޑިއޯގައި ކުރީގެ "ކަލަ ރަން"ގެ ކުލަގަދަ ގިނަ މަންޒަރުތަކެއް ހިމަނާފައި ވާއިރު، ކުރިއަށް އޮތް ރަން ގައި ހިމަނާ ބައެއް ހަރަކާތްތަކުގެ ޓީޒާ ހިމެނެއެވެ.
އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމަދީ ވިދާޅުވީ، އެ ކުންފުނީގެ އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އާއެކު އުރީދޫގެ ހުރިހާ ހިދުމަތްތަކާއި ހަރަކާތްތައްވެސް އަޕްގްރޭޑްކޮށް، ތަރައްގީ ކުރަމުން އަންނަ ކަމަށެވެ. ކޮވިޑާ ގުޅިގެން އައި މެދުކެނޑުމަކަށް ފަހު، އުރީދޫގެ ރަން އަޕްގްރޭޑްކޮށް ބޭއްވުމަކީ އެ ހަރަކާތް އިތުރަށް ފުރިހަމަވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚާލިދު ވިދާޅުވީ، އެއީ ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ އުފާވެރި ދުވުމުގެ ހަރަކާތަށް ވާނެ ކަމަށެވެ. އަދި އެއީ އާއިލާ އާއި ރަހުމަތްތެރިންނާ އެކު މަޖާ ވަގުތު ކޮޅެއް ހޭދަކުރަން ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ވެސް ފާހަގަ ކުރެއްވިއެވެ.
އުރީދޫގެ "ފަން ރަން"ގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، މަޖާ މާހައުލެއްގައި ދުވުމުގެ ހަރަކާތް ޕްރޮމޯޓު ކުރުމެވެ. އަދި އެއީ އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއް ކަން އަންގައިދިނުމެވެ.
އުރީދޫން ބުނީ ގިނަ ހަރަކާތްތަކެއް ހިމެނޭ "ފަން ރަން" އަކީ އަލަށް ދުވާ މީހުންނަށް ވެސް ބައިވެރިވޭނެ ކުރު ދުވުމެއް ކަމަށެވެ. އެ ރަން ގައި ދުވަން ޖެހޭނީ ފަސް ކިލޯމީޓަރަށެވެ. ވަކި ވަގުތެއްގެ ތެރޭގައި ދުވުން ނިންމާކަށް ނުޖެހެއެވެ.
ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، އެ ސަރަހައްދުގައި ބަހައްޓާފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!