ބޮލުގައި ރިހުމަކީ އަހަރުމެންގެ ތެރެއިން އެންމެ ސިއްޙީގޮތުން ދުޅަހެޔޮމީހާއަށްވެސް ދިމާވެފައިވާނޭ ކަމެއްކަން ޔަޤީނެވެ. މިއީ ވަރަށް ގިނައިން ދޭތެރެ ދޭތެރެއިން ގިނައިން މީހުންނަށް ދިމާވާކަމެކެވެ. އެހާމެ އާންމުކަމެއް ކަމުގައިވުމުން މިކަމަށް ދެވިގެންދާ ސަމާލުކަންވެސް އެހާމެ ކުޑަކަމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަމެކެވެ.
ބައެއްމީހުން ބޮލުގައި ރިހޭތަނުން ޕެނެޑޯލް ގުޅައެއްކާލައެވެ. އަނެއްބަޔަކު އަވަހަށް އެނދަށް އަރާ އޮށޯންނައިރު، ބައެއްމީހުން އެއްވެސް ކަމެއް ނުކޮށް، ހިނދުކޮޅަކުން ފިލައިގެންދާނޭކަމުގެ އުންމީދުގައި ދުވަހުގެ ބާކީބައި ކުރިއަށްގެންދެ އެވެ.
ނަމަވެސް، ގިނަމީހުންނަށް ވިސްނިފައިނުވާކަމަކީ، ކޮންމެ ބޮލުގަރިހުމަކީ އެއްގޮތަކަށް ރިއްސާ ރިއްސުމެއްނޫންކަމެވެ. ބައެއްފަހަރު ބޭސް ކެޔަސްވެސް މާކަބޮޑު ބަދަލެއް ނާދެއެވެ. އެހެންފަހަރުތަކުގައި ނިދާހޭލާއިރު ރަނގަޅުވެފައި އިރުކޮޅަކުން އެރިހުން އަނބުރާ އާދެއެވެ. މިހެންމިކަންތަށް ވެގެންދަނީ، އެހެން ބަލިތަކެކޭ އެއްގޮތަށް ބޮލުގައި ރިހުމުގައިވެސް އޭގެ ޚާއްސަ ކަންކަމެއް އެކުލެވިގެންވާތީއެވެ.
ބޮލުގައި ރިހޭ ސަރަހަށްދާއި، ރިއްސާ ގޮތަކީވެސް އެއަށް އެކަށީގެންވާ ފަރުވާހޯދުމަށް އެހާމެ މުހިންމު ކަންކަމަށްވުމުން، ތަފާތު ރިހުންތަކަށް ނަޒަރުހިންގާލާނަމެވެ.
މައިގްރެއިން
މައިގްރެއިންއަކީ އަޅުގަނޑުމެންގެތެރެއިން ގިނަމީހުންނަށް އުފުލަން ޖެހިފައިވާ ވަރަށްބޮޑު ތަކުލީފެކެވެ. މިއީ އޭގެ އަސްލު އެނގިފައި ނުވާ ބައްޔަކަށްވީނަމަވެސް، އެތަކެއް ދިރާސާތަކެއްކޮށްފައިވާ ބައްޔެކެވެ. މި ރިހުން ފާހަގަވެގެންވާ ގޮތަކީ، ބޮލުގައި ރިއްސާއިރު، ރިހުން ހަރުލާފައި ހުންނަނީ ބޮލުގެ އެއްފަރާތެއްގައެވެ. އަދި ރުހުން އަންނަ ވަގުތު އެސަރަހައްދުން ހުރެހުރެފައި ވިންދުޖަހާ އުސޫލުން ރިއްސާގޮތްވެސް ވެދާނެއެވެ.
މެދުމިނަކަށްވުރެ ބޮޑަށް ރިއްސާ މިރިހުމައި އެކު، ކަމަކަށް ދޭންޖެހޭ ސަމާލުކަން ދޭން އުނދަގޫވުމާއި، ގަދަ އަޑުތަކަށާއި، ވަހާއި އަލިން މި ރިހުން އިތުރުވެގެންދާގޮތްވެއެވެ. ބައެއްމީހުންނަށް ރިހުން ގަދަވެގެން ހޮޑުލެވި އަނބުރައިގަންނަގޮތްވެސް ވުމަކީ އެކަށީގެންވާކަމެކެވެ.
މިފަދަ ރިހުމަކުން ބޮލުގައި ރިއްސާކަމަށް ލަފާކުރެވޭނަމަ، ކޮޓަރީގެ ބޮކިތަށް ނިއްވާލައި ނުވަތަ ދޮރުފޮތިތަށް ދަމާލުމަށްފަހު ނިދާލެވޭތޯ ބަލާށެވެ. ބޭސްކާން ބޭނުންކަމުގައިވާނަމަ، ބޮލުގަރިހުމުގެ ކުރީކޮޅު ބޭސްކެއުމުން އަވަހަށް ފަސޭހަވެގެންދާނެ ކަމަށް ޑޮކްޓަރުން ލަފާދެއެވެ. މިރިހުމަކީ ބައެއްފަހަރު 3 ދުވަސް ވަންދެންވެސް ދިގުދެމިގެން ގޮސްދާނޭ ރިހުމެއްކަމުން، ވަރަށް ބޮޑަށް ހިތްވަރުކޮށް ކެތްތެރިވާން ޖެހިދާނެކަމަށް ލަފާކުރެވެއެވެ.
"ކްލަސްޓާ ހެޑްއޭކް" ނުވަތަ ބައިގަނޑު ބައިގަނޑަށް އަންނަ ބޮލުގަރިހުން
މި ރިހުން ރިއްސަނީ ދިލަނަގާގޮތަށް ނުވަތަ ތޫނުއެއްޗަކުން ހެރޭއިރު ތަދުވާ ބީދައިން އެއް ލޮލުގެ ވަށައިގެން ނުވަތަ ފަހަތުގައި ނުވަތަ މޫނުގެ އެއްފަރާތެއްގައި އެކީއެކަށްޗަކަށެވެ. 15 މިނިޓާއި 3 ގަޑިއިރެއްހާއިރު ވަންދެން ދެމިގެންދާ މި ބޮލުގެރިހުމަކީ ދުވާލަކު އެކިފަހަރުމަތިން ބައިގަނޑުބައިގަނޑަށް އަންނަ ރިހުމެކެވެ. މިރިހުމުގެ ސަބަބުން ލޮލުން ފެން އައުމާއި، ނޭފަތް ބެދުމަކީ އެކަށީގެންވާކަމެކެވެ.
ޓެންޝަން ހެޑޭކް ނުވަތަ ސްޓްރެސް ގެ ސަބަބުން ބޮލުގަރިހުން
މާގިނައިން ވިސްނުމުގެ ސަބަބުން ނުވަތަ މާޔޫސްވާފަދަ ކަމެއް ކުރިމަތިވުމުން ރިއްސާ މި ރިހުމަކީ މުޅިބޮލުގައި އެކީ އެކަށްޗަކަށް ރިއްސާހެން ހީވާފަދަ ބޮލުގައިރިހުމެކެވެ. ނަމަވެސް، މިރިހުން ފާހަގަވާގޮތުގައި ހުންނަނީ ނިތްކުރިން ފެށިގެން ބޮލުގެ ވަށައިގެން ފަހަތުން އަދި ދެލޯވެސް އެކުލެވޭގޮތަށެވެ. މިރިހުން އެންމެ ގާތްކުރާނީ ބޮލުގައި އަޅާ ބޭންޑެއް މާ ބާރުވުމުން އެރިއްސާ ރިއްސުމަށެވެ.
މިފަދައިން ބޮލުގައި ރިއްސާނަމަ، އަމިއްލަ ނަފްސް ހަމަޖެހިލެވޭތޯ މަސައްކަތް ކުރުން މުހިތްމެވެ. ބޭނުންނަމަ ފިނި ފޮތިގަނޑެއް ކަރުގެ ބުޑުގައި ބާއްވާލުމަށްފަހު ނިތްކުރި ތަނެއްގައި ޖައްސާލައިގެން އިނދެވިދާނެއެވެ. ބައެއްމީހުންނަށް ލުއި ކަސްރަތުތަކެއް ކޮށްލައިގެން ނުވަތަ ފުންނޭވާ ލައިގެންވެސް އެ ރިހުމުން ފަސޭހަކަށް ހޯދައިގަނެއެވެ. މަޤްސަދަކީ ސިކުނޑިއަށް ވަގުތީގޮތުން ކުޑަ ލުޔެއް ދިނުމެވެ.
އަދިވެސް އިތުރު ބޮލުގެރިހުންތަށް
މަތީގައި ދެންނެވިފައި އެވަނީ އެންމެ އާންމުގޮތެއްގައި މީހުން ތަހަންމަލު ކުރާ ބޮލުގެރިހުންތަކުގެ ވައްތަރުތަކެވެ. މީގެ އިތުރުންވެސް އެތައްބައިވަރު ބޮލުގެރިހުންތަށް ހުރެއެވެ. އޭގެތެރޭގައި، އެލާޖީސްގެ ސަބަބުން ކުރިމަތިވާ ސައިނަސް އަށް އަސަރުކުރާހެން ރިއްސާ ރިހުން، މައްސަރާއި މާބަޑުވުމާއި ގުޅިގެން އަންހެން ވެރިންގެ މޫނުގެ އެއްފަޅިއަށް އެއްކޮށްހެން ކުރިމަތިވާ ރިހުން، އަދި ކެފެއިންގެ ބާވަތްތަކާއި ގުޅިގެން، މިސާލަކަށް އަލަށް ކޮފީ ބޯން ފެއްޓުމުން ނުވަތަ ކޮފީ ހުއްޓާލުމުން ނިތްކުރިން ފެށިގެން ތިރިޔަށް ބޮލުގައި ރިއްސުން ހިމެނެއެވެ.
އަދަޔާއި ޚިލާފަށް ބޮލުގައި ރިއްސާނަމަ އެކަން މެދުވެރިވާން ދިމާވާ ސަބަބާއި މެދު ވަގުތުކޮޅެއް ހޭދަކޮށްލުމުން ބޭހާއިނުލައިވެސް ރިހުން މައިތިރިކޮށްލެވޭ ފަހަރުތަށް އައުން އެކަށީގެންވެއެވެ. ބައެއްފަހަރު ފަރުވާއަކީ އައިސް ފޮތިގަނޑެއް ފުއްކިބައިން ކުޑަތަންކޮޅެއް ތިރީގައި އެޅުންކަމުގައި ވެދާނެތާއެވެ.
މައުލޫމާތު ނެގީ: ހެލްތްލައިން.ކޮމް އަދި ލިވްހެލްތިލީ.ކޮމް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!