އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބޯންމައުތު 3-0 އިން ބަލިކޮށް، ލީގުގައި އާސެނަލުން ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލީގުގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.
މިއީ ފާއިތުވި 18 އަހަރު ތެރޭ އާސެނަލުން ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.
މި މޮޅާއެކު އާސެނަލް އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ.
ލީގުގެ ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީން މާދަމާ ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ކުޅޭ މެޗުން ދެ ގޯލްގެ ލީޑެއްގައި ނިއުކާސަލް އަތުން މޮޅުވެގެން ސިޓީ އަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ.
ބޯންމައުތު ދަނޑުގައި ކުޅުނު މެޗުގެ ފަސް ވަނަ މިނިޓްގައި އާސެނަލަށް ލީޑުނަގައިދިނީ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް އެވެ. މެޗުގެ 11 ވަނަ މިނިޓްގައި އޮޑެގާޑް ވަނީ އާސެނަލްގެ ލީޑުފުޅާކޮށްދީފަ އެވެ. މެޗުގެ 54 ވަނަ މިނެޓްގައި އާސެނަލްގެ 3 ވަނަ ގޯލް ޖަހއިދިނީ ވިލިއަމް ސަލީބާ އެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު 1-0 ގެ ނަތީޖާއިން ޓޮޓެންހަމުން ވަނީ ވުލްވްސް ބަލިކޮށްފައެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ 64 ވަނަ މިނިޓްގައި ހެރީ ކޭންއެވެ. މިއީ ކޭން ޕްރިމިއާ ލީގުގައި ޓޮޓެންހަމަށް ޖަހަދިން 185 ވަނަ ގޯލެވެ. މިއާ އެކު ޕްރިމިއާ ލީގުގައި އެއް ކްލަބަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރިކޯޑް ކޭންއަށް ލިބުނީއެވެ. ކުރިން އެ ރެކޯޑް އޮތީ 184 ގޯލު ޖެހި ސިޓީގެ ކުރީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އަތުގަ އެވެ. ކްރިސްޓަލް ޕެލަސް އިން ވަނީ 3-1 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ.
އެވަޓަން އާއި ނޮޓިންހަމް ފޮރެސްޓާ 1-1 އިން އެއްވަރުވިއިރު، ފުލަމް އިން ވަނީ 3-2 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ. ލެސްޓާ ސިޓީ ދަނޑުގައި ސައުތެމްޓަން ވަނީ 2-1 ގެ ނަތީޖާއިން ލެސްޓާ ސިޓީ ބަލިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!