ރާއްޖޭގައި ބޭންކް އެކައުންޓަކުން ކުރި އެންމެ ބޮޑު ވައްކަން ކަމަށްވާ ޝީޝާ ތިން ބެއިންގެ އެކައުންޓުން 18 މިލިއަން ރުފިޔާގެ ވަގަށް ނެގި މައްސަލާގައި މީހެއްގެ މައްޗަށް ހައި ކޯޓުން ކުށް ސާބިތުވާ ކަމަށް ނިންމައިފި އެވެ.

ބ. ތުޅާދޫ މާފަރިވާގޭ އިބްރާހިމް ޝާހިދުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމީ 2011 ވަނަ އަހަރު ޝީޝާ ތިން ބެއިންގެ ނަމުގައި އެސްބީއައިގައި ހުޅުވާފައި އޮތް ޖޮއިންޓް އެކައުންޓެއްގައި ހުރި 18 މިލިއަން ރުފިޔާ ފޯޖް ލިޔުމެއް ބޭނުންކޮށްގެން ނެގި މައްސަލާގަ އެވެ.

Ad
rt

ޝާހިދަކީ އެ 18 މިލިއަން ރުފިޔާ ޖަމާވި ބީއެމްއެލް އެކައުންޓްގެ އެއް ވެރިފަރާތެވެ.

އެ ފައިސާ އެ އެކައުންޓަށް ޖަމާވުމުން އެހެން އެކައުންޓަކަށް ފޮނުވުމަށްފަހު ނަގުދުކޮށް ފައިސާ ނަގައިގެން އިތުރު މީހަކާ އެކު އޭނާ ދިޔައީ ރާއްޖެއިން ބޭރަށެވެ. އޭނާ ރާއްޖެ ގެނައީ ސްރީލަންކާގައި ފިލައިގެން އުޅެނިކޮށް 2012 ވަނަ އަހަރު އިންޓަޕޯލް މެދުވެރިކޮށެވެ.

ޝާހިދު ކްރިމިނަލް ސަލާމަތްވެފައި ވަނިކޮށް ހައި ކޯޓުން އިއްޔެ ނިންމީ ހުށަހެޅިފައިވާ ހެކިތަކުން ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ. އަދި ދަށު ކޯޓުން ކުށް ސާބިތުނުވާ ކަމަށް ނިންމާފައިވަނީ ހެކިތަކަށް ބެލުމެއް ނެތި "ވަރަށް ކަން ފަސޭހަ ގޮތަކަށް" ކަމަށް ހުކުމުގައިވެ އެވެ.

ޝާހިދުގެ މައްޗަށް ކުށް ސާބިތުވިޔަސް، އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގެ މަރުހަލާ ބާއްވާނީ ފަހުންނެވެ. އަދި އަދަބު ކަނޑައެޅެންދެން 10 ދުވަހަށް އޭނާ ބަންދުކުރަން ހައި ކޯޓުން އިއްޔެ އެންގި އެވެ.