ހއ. ހޯރަފުއްޓާއި ކުޅުދުއްފުށި ސިޓީއާއި ގދ. މާވަރުލު އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފިއެވެ.
އެ ކުންފުނީގެ ޑިރެކްޓަރ ސައުދުﷲ އަޙުމަދު ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، އެކުންފުނިން ހިންގަމުން އަންނަ 3 އެއާޕޯޓެއްގައި ފްލައިޓް ނެވިގޭޝަން ލައިޓް ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.
ނެވިގޭޝަލް ލައިޓް ހަރުކުރުމަކީ ރޭގަނޑު ދަތުރުތައް ކުރުމަށް ކުރާ ކަމެކެވެ. މިއީ ކޮންމެ އެއާޕޯޓެއްގައިވެސް ހުންނަން ޖެހޭ ލައިޓުތަކެކެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ ނޭވިގޭޝަން ލައިޓްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ހޯރަފުއްޓާއި މާވަރުލުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިހާރު ވަނީ އިއުލާން ކޮށްފައެވެ.
"ކުޅުދުއްފުށީ އެއާޕޯޓުގައި ލައިޓް ޖެހުމަށް ހަވާލުކޮށްފައިވަނީ. އަދި ހޯރަފުއްޓާ މާވަރުލު އެއާޕޯޓުގައި ލައިޓް ހަރުކުރަން ކުރަންޖެހޭ މަސައްކަތް ދަނީ ކުރިއަށް. މަޑިވަރު އެއަރޕޯޓްވެސް ހަވާލުވުމުން، އެ އެއާޕޯޓަކީވެސް ރޭގަނޑު ދަތުރުކުރެވޭ އެއާޕޯޓަކަށް ހަދާނަން" ސައުދުﷲ ވިދާޅުވިއެވެ.
ހޯރަފުއްޓާ މާވަރުލު އެއަރޕޯޓްގައި އެއަރފީލްޑް ލައިޓް ހަރުކުރުމާއި، "ނެވި އެއިޑް" ހަރުކޮށްދިނުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް، އެކަމަށް އެދި ހުށައަޅަންވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!