ޑިޖިޓަލް ބޭންކު އޮޕަރޭޓްކުރުމުގެ ލައިސަންސް އަށް މިއަހަރުގެ ފަހުކޮޅު ހުށަހަޅާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓުވީޓުގައި އަމްރު ވިދާޅުވީ އެމްއެމްއޭ އިން އިސްލާހުކުރަން އެންގި ކަންކަން ރަނގަޅުކުރުމަށްފަހު ލައިސަންސް އަށް އެދި މިއަހަރު ފަހުކޮޅު ހުށައަޅާނެ ކަަމަށެވެ.
މި ލައިސަންސް ލިބޭތާ 6 މަސްދުވަހުގެތެރޭ ޙިދުމަތް ދޭން ފަށާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
ޑިޖިޓަލް ބޭންކިން ފަށަން އެސްޓީއޯއިން މިދިޔަ އަހަރުގެ ފަހުކޮޅުވެސް ލައިސަންސަށް އެދި ހުށަހެޅިއެވެ. ނަމަވެސް އިސްލާހު ކުރަންޖެހޭ ބައެއް ކަންކަން ހުރުމުން އެމްއެމްއޭއިން ވަނީ ލައިސަންސް ނުދޭން ނިންމާފައެވެ.
އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ދޭން ހަމަޖެހިފައިވާ ނަމަކީ "އިވޯލްވް" އެވެ.
މި ބޭންކުގެ ޚިދުމަތް މައިކްރޯ ލޯނުން ފަށާއިރު އެ ލޯން ދޫކުރާނީ އަމިއްލަ ފަރުދުންނަށާއި ކުދި ވިޔަފާރިތަކަށް ކަމަށް މީގެކުރިން އެސްޓީއޯ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން ޚިދުމަތް ފުޅާކުރަމުން ގޮސް މެދުފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ވިޔަފާރީތަކަށްވެސް ލޯން ދޫކުރާނެއެވެ.
އޮންލައިންކޮށް މުޢާމަލާތު ކުރެވޭ މި ބޭންކުން 5 މިނެޓު ތެރޭގައި އެކައުންޓް ހުޅުވޭނެ ކަމަށާއި، މިނެޓެއްގެ ތެރޭގައި ލޯނު ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
ޑިޖިޓަލް ބޭންކަކީ އާދައިގެ ބޭންކުތަކާ ޚިލާފަށް ހިންގާ ބޭންކެއް ކަމަށާއި، މި ބޭންކުގައި އެއްވެސް ގޮތަކަށް މީހަކާ ބައްދަލުކުރަން ނުޖެހި އެކައުންޓު ހުޅުވުމާއި އެހެނިހެން މުޢާމަލާތު ތައް ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!