އެސްޓީއޯ އިން ކުޅުދިއްފުށީގައި އަޅާ ފުށް ފެކްޓްރީގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ އެސްޓީއޯއިން މިހާރު އެންމެ އިސްކަމެއް ދޭ އެއް ކަމަކީ ފުށް ސެކިއުރިޓީ ކަމަށެވެ. އެގޮތުން ރާއްޖޭގައި ފުށް އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ކުންފުނީގެ ފުށް ފެކްޓްރީގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

އަމްރު ވިދާޅުވީ ފުށް ފެކްޓްރީއާ ގުޅިގެން ކުންފުނީގެ ބޯޑުން ކުރަން ޖެހޭ ހުރިހާ ކަމެއްް އިއްޔެ ނިމިފައިވާ ކަމަށެވެ. އަދި މިއަދު އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި އެގޮތުން، ފެކްޓްރީގެ ޑިޒައިން މަސައްކަތާއި ފެކްޓްރީ އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ފުށް ފެކްޓްރީއެއްް އަޅަނީ ބޭރުން ފުށް އެތެރެ ކުރުމުން ރައްކާކުރަން ދަތިވާނެތީ ކަމަށް އަމްރު ވިދާޅުވިއެވެ. ނަމަވެސް ގޮދަން އެތެރެ ކުރުމުން އެ ރައްކާކުރަން ފަސޭހަވެ، ބޭނުންވާ ވަރަށް ސްޓޮކް ބެހެއްޓޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ކާޑުގެ ބާވަތްތައް ގެނައުމަށް ސަބްސިޑީގެ ގޮތުގައި ވަރަށް ބޮޑު ޚަރަދެއް ކުރަމުން އަންނަ ކަމަށާއި ފުށް ފެކްޓްރީއާއެކު އެ ޚަރަދު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ. އަދި ތަފާތު ގިނަ ބާވަތްތަކުގެ ފުށް އުފައްދައި ފުށުގެ ރައްކާތެރިކަން ވެސް ޔަގީންކުރެވޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުން އަންނައިރު ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެ ކުރާ އަގުތަކަށް ވެސް ބަދަލު އަންނަ ކަމަށް އަމްރު ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުންނަށް ކާޑު ވިއްކާ އަގަށް ބަދަލެއް ނުގެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.