އދ. މަންދޫ އާއި އެ އަތޮޅުގެ ހަންޏާމީދޫ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އާ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އާ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 79 އިންސައްތަ ވަނީ ނިމިފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރުގެ އެއްގަމުތޮށި ލުމާއި، 319 މީޓަރުގެ ބޭރުތޮށި ލުމާއި، 71 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1180 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިއީ 34.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރޭމްޕް ހެދުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހާބަ ބްރިޖް ހެދުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ބޭރު ތޮށި ލުމާއި، 266 މީޓަރުގެ އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި މަގު ބައްތި ހަރުކުރުމާއި، 1,330 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.

މިއީ 32.5 މިލއަން ރުފިޔާގެ މަޝްރޫއެކެވެ.