ޔުއެފާ ސުޕަކަޕް ފަސްވަނަ ފަހަރަށް ސްޕެއިންގެ ރިއާލް މެޑްރިޑުން ކާމިޔާބް ކޮށްފިއެވެ.

ފިންލެންޑްގެ ހެލްސިންކީ އޮލިމްޕިކް ސްޓޭޑިއަމްގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޖަރުމަންގެ އެއިންޓްރަކްޓް ފްރޭންކްފާޓްގެ މައްޗަށް ރެއާލް މެޑްރިޑުން ކުރި ހޯދީ 2-0 ގެ ނަތީޖާއިންނެވެ.

Ad
rt

ރެއާލްގެ މި ކާމިޔާބީއާ އެކު އެޓީމު ވަނީ، ވާދަވެރި ބާސެލޯނާއާ އެއްވަރު ކޮށްފަ އެވެ. މީގެ އިތުރުން މި މުބާރާތް ފަސް ފަހަރަށް ކާމިޔާބު ކޮށްފައިވަނީ އިޓަލީގެ އޭސީ މިލާން އެވެ.

މިއީ މި މުބާރާތުގެ އެންމެ ކާމިޔާބު ކޯޗް ކާލޯ އަންޗެލޮޓީ ރެއާލް އާއިއެކު މި މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. އަންޗެލޮޓީ ވަނީ ޖުމްލަ ހަތަރު ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.
ރެއާލުން މެޗުގެ ލީޑު ނެގީ 37 ވަނަ މިނިޓުގައި ޑިފެންޑަރު ޑޭވިޑް އަލަބާ ޖެހި ލަނޑުންނެވެ. މީ މި މުބާރާތުގައި އަލަބާ ޖެހި ފުރަތަމަ ގޯލެވެ. އަދި މީ އޮސްޓްރިއާ ކުޅުންތެރިއެއް މި މުބާރާތުގައި ޖެހި ފުރަތަމަ ލަނޑަވެ.

ދެވަނަ ގޯލް މެޗްގެ 65 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ފުރާންސް ގެ ފޯވާޑް ކަރިމް ބެންޒެމާ އެވެ. މިގޯލް ޖެހުމުގެ ކުރިން ފުރަތަމަ ހާފްގައި ބެންޒެމާ އަށްވަނީ ހުސްފުރުސަތެއް ލިބި ބޭނުން ހިފޭގޮތް ނުވެފައެވެ. ޓޯނީ ކްރޫޒް ހުސްކޮށްލާފައި ދިން ބޯޅަ އޭނާ ފޮނުވާލުމުން ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

ރެއާލް އިން ސްޕެނިޝް ލީގުގައި އެޓީމުގެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ޔޫޑީ އަލްމޭރިއާއާ ދެކޮޅަށް ނުކުންނާނެ އެވެ.

ޖަރުމަން ލީގުގައި ފްރޭންކްފާޓް ވަނީ ފުރަތަމަ މެޗުގައި ބެޔާން މިއުނިކް އަތުން ބޮޑު ތަފާތަކުން ބަލި ވެފަ އެވެ.