މާބަނޑުވުމަކީ ފެންނަފެނުމަށް ވަރަށް ފަސޭހަ ކަމެއްކަމަށް ހީވެފައިވީ ނަމަވެސް އެއީ އެކިއެކި ތަފާތު އެތަށް ކަމަކަށް ބަރޯސާވާކަމެކެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން އެތައްބަޔަކަށް އެތަކެއް ގޮންޖެހުމަކާއި ކުރިމަތިލާންޖެހޭ އެތަކެއް ތަކުލީފުތަކެއްވެސް ތަހަންމަލުކުރަންޖެހޭ ކަމަކަށް މިވަނީ ވެފައެވެ. އާދެ، ބައެއް އަންހެނުންނަށް މާބަޑުވުން ﷲގެ ރަޙްމަތުން ފަސޭހަކަމަކަށްވެފައިވާއިރު، އަނެއްބައި އަންހެނުންނަށް އުނދަގޫކަމަކަށް ވަނީ ކީއްވެބާއެވެ؟

އިންސާނާގެ ހަށިގަނޑުގެ ސައިންސްތަކުން ދައްކާގޮތުގައި، މާބަނޑުވުމަކީ އެންމެން ހީކުރާހާ ފަސޭހަ ކަމެއްނޫނެވެ. ގިނަ ތަހުލީލުތަކުން ފެންނަގޮތުގައި، އެއްވެސް ޚާއްސަ ބަލިމަޑުކަމެއް ނުހުންނަ، ސިއްޙީގޮތުން ދުޅަހެޔޮ، ދަރިން ހޯދުމަށް އެންމެ އެކަށޭނަ ޢުމުރުގެ އަންހެނުންނަށްވެސް މަހެއްގެ މައްޗަށް އޮންނަނީ ދަރިމައިވުމުގެ އެންމެ 20 އިންސައްތައެވެ. މިކަމަކީ އަންހެނާގެ މުޅިހަށިގަނޑުގެ ނިޒާމްތަކެއް ހިމެނޭ ކަމަކަށްވުމުން، އެއްވެސް ޒާތެއްގެ ބަލިމަޑުކަމެއް ހުންނަނަމަ މި ޕަސެންޓޭޖް އަންދާޒާނުކުރެވޭވަރުގެ ފަރަޤަކަށް ދަށްކޮށްލައިދެއެވެ.

Ad
rt

ދަރިމައިވުމަށް ދިމާވާ ގޮންޖެހުންތަކަށް ބަލާލާއިރު އެންމެ ފުރަތަމައަށް ފާހަގަވެގެންދަނީ ދިރިއުޅުމުގެ ވައްޓަފާޅީގައި ހުންނަ މައްސަލަތަކެވެ. އޭގެ ތެރޭގައި ބަރުދަން ވަރަށްބޮޑު ރޯލެއް އަދާކުރެއެވެ. ދެޖިންސުގެ ފަރުދުންގެވެސް ބަރުދަން މަތިވުމުގެ ސަބަބުން ދަރިމައިވުމަށް ގިނަނުގަ ނޭދެވޭ އަސަރުކުރުވައެވެ.

ބަރުދަން މަތި (އޮބީޒް) ފިރިހެނުންގެ ހަށިގަނޑުން ދަރިފަނި އުފެއްދުމުގެ މައްސަލަތަށް ދިމާވާއިރު، އަންހެންވެރިންގެ އޮވިއުލޭޝަން ގައި މައްސަލަތައް ދިމާވެ މައްސަރުކަންތައް މެދުޖެހިގެން ދިޔުން އެކަށީގެންވެއެވެ. އަދި ކެއިން ބުއިމުގައި އެއްވެސް ހަމައެއް ލަމައެއް ނެތި އެކަށީގެންވާ ނިއުޓްރިއެންޓްސްއާއި ހަކަތަ ނެތްނަމަ، ދަރިމަރިވުމުގެ މަރުހަލާ އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ދިޔުމަށް ހުރަސްއެޅެއެވެ. ޚާއްސަ ގޮތެއްގައި ގިނައިން ކެފެއިން ހިމެނޭ ބާވަތުގެ ބުއިންތަކާއި ކެއުންތަކަކީ މިކަމަށް އިތުރަށް މައްސަލަތައް ގެނުވާދޭ ކަންކަމެކެވެ.

މީގެ އިތުރުން، ތިމާގެ ދިރިއުޅުމުގައި ގިނަޢަދަދަކަށް ވިސްނަންޖޭހޭ ކަންތަކާއި ކުރިމަތިލާންޖެހި، ސްޓްރެސްވުން ގިނަވުމަކީވެސް ދަރިމައިވުމަށް ގޮންޖެހުންތަކެއް ކުރިމަތި ކުރުވާފާނޭ ކަމެކެވެ.

ގިނަ ޢަދަދެއްގެ އަންހެނުނަށް ދަރިމައިވުމުގެ މައްސަލަތަކާއި ކުރިމަތިލާން ޖެހެނީ ހަށިގަނޑުގައި ހުންނަ ބަލިމަޑުކަމެއްގެ ސަބަބުންކަމަށް ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ފެލޯޕިއަން ޓިއުބްގައި މައްސަލަހުރުން، ރަހިމުގައި ގިނަ ޢަދަދަކަށް ސިސްޓާއި ހިލަ އުފެދުން، އުފެދުމުގައި ރަހިމުގައި އާދަޔާއި ޚިލާފް ގޮތެއް ހުރުން، ޕީސީއޯއެސް ،ޕީސީއޯޑީ، އަދި ބަލިވެ އިނުމަށްފަހު ބައިގެންދިއުމަށް ފަސޭހަކޮށްދޭ ކަމެއް ހަށިގަނޑުގައިވުން ހިމެނެއެވެ.

މީގެ ތެރެއިންވެސް، އެންމެ ފާހަގަކޮށްލެވޭ ދެ ކަމަކީ ރާއްޖޭގެ ގިނަ އަންހެނުންތަކެއް ތަޙަންމަލް ކުރަމުންދާ، ޕީސީއޯޑީ އާއި ޕީސީއޯއެސް އެވެ. ޕީސީއޯޑީއަކީ ރަހިމުން ބިސް ދޫކުރާއިރު ބިސްތައް ފުރިހަމައަށް ނުއުފެދި ނުވަތަ (މެޗުއަރ) ނުވެ ހުރުމެވެ. މީގެ ސަބަބުން ބިސް ދޫކުރާ ފަހުން އެ ފާޓިލައިޒް ނުވެ ހަލާކުވެގެން ދެއެވެ. ޕީސީއޯއެސް އަކީ ޕީސީއޯޑީގެ ބޮޑުވަރުވާ ސިންޑްރޯމް އެވެ. މީގެ ސަބަބުން ބައެއް މަސްތަކުގައި ރަހިމުން ބިސް ދޫނުކުރާތަން އާދެއެވެ. އެހެންކަމުން، ދަރިމައިވުމުގެ އިންސައްތަ ވަރަށް ބޮޑަށް ދައްވެގެންދެއެވެ.

ދަރިމައިވުމަށް ދިމާވާ މައްސަލަތަކާއި އެކު ތިމާމީހާ ފިކުރުކުރުން ގިނަވެ އެކަމާއި ވިސްނިވިސްނި ކަންބޮޑުވެފައި ހުރުމަކީ، އެކަކުވެސް ގަސްދުގައި ކުރާ ކަމެއް ނޫނެވެ. ނަމަވެސް ސްޓްރެސް އަކީވެސް މި ހުޅުގަނޑު އިތުރަށް ރޯކޮށް ބޮޑުކޮށްލައިދޭ އެއްޗެކެވެ.

މިކަމަށް އެއްވެސް މިންވަރެއްގެ ޙައްލެއް ގެނައުމަށްޓަކައި ސިއްޙީ ގޮތުން ހޯދަންޖެހޭ ފަރުވާގެ އިތުރުން ރަނގަޅު އޮއްޓަރު ހުރި ކެއުމުގެ ނިޒާމެއް ވަރަށް މުހިންމެވެ. ދުވަހެއްގެ މައްޗަށް ބޭނުންކުރެވޭ ކެފެއިންގެ މިންވަރު ދައްކުރުމާއި، އާދަކޮށް ކަސްރަތުކޮށް ހަށިގަނޑު ރަނގަޅަށް ބެލެހެއްޓުމަކީ އަމިއްލަ މީހާއަށްވެސް ކުރެވިދާނެ ކަންކަމެވެ.

ބޭނުންވަނީ ގަދަފަދަ އަޒުމަކާއި ހިތްވަރާއި އެކު މާތް ﷲ އަށް ފުރިހަމައަށް ވަކީލުކުރުމެވެ. ދުޅަހެޔޮ ވައްޓަފާޅިއެއްގެ މުހިންމުކަމުގެ މިންވަރު އަޑުން އަޑުނަގާހުރެ ގޮވޭނީ މިވަރަކަށްތާއެވެ.